English Edition
Dhivehi Edition

އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވުމުން އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވާ ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ރައްދު ދެއްވައިފިއެވެ.

ލަތީފްގެ މިވާހަތަކާ ގުޅިގެން ނިޒާރު ވިދާޅުވީ ގަމުގެ ރަންވޭ ދުވާ ޓްރެކް އަކަށް ހަދަން ވައުދުވުމަކީވެސް ގާތްކަމެއް ކަމަށާއި މިބޭފުޅުންގެ ފިކުރަކީ މިއަދު ވީރާނާ ފިކުރެއްކަން ރައްޔިތުން ގަބޫލު ކުރާކަމަށެވެ. ޕީޕީއެމް ގެ ސަރުކާރުގައި އީސީސީ، ސިޓީ ސްކޮއާ ދޮންދީނާ މޮމެންޓް، ފޭދޫ އަދި މަރަދޫ ބޮޑު މަގަށް ގޮތް ބަލަންތިބީ އައްޑޫ ރައްޔިތުން ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.

ރޭ “ޗެނަލް 13” ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ލަތީފް ވިދާޅުވެފައިވަނީ އިންޑިއާގެ އެހީގައި އައްޑޫގައި ބޮޑު ޓްރޭނިން ސްކޫލެއް އަޅަމުންދާއިރު އިންޑިއާގެ ނޫސްތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާގެ ނޭވީ ބޭސްއެއް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ވަރަށް ގިނަ ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށާއި ނަމަވެސް އެ ސުވާލަށް އައްޑޫ ކައުންސިލުން ވެސް، ފޮރިން މިނިސްޓްރީ އަދި އިންޑިއާގެ އެމްބަސީން ވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

މި ކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ލަތީފަށް ރައްދު ދެއްވަވައި ޓުވީޓް ކުރައްވަވާފައެވެ. ނަޝީދުގެ ޓުވީޓްގައި ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެންދާނެކަމަށެވެ.އަދި އައްޑޫ ޕޮލިސް އެކެޑެމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ނުވިސްނާ ކަމަށާއި މިހާރު އެތަނަކީ މަތީ ތައުލީމުގެ އިންސްޓިޓިއުޓެއް ކަމަށެވެ. އަދި ޕީޕީއެމްގެ ޒައާމަތުގައި އައްޑޫގައި މަތީ ތައުލީމަށް ފުރުސަތު ނެތީތޯ ވިދާޅުވެ ނަޝީދު ވަނީ ސުވާލުކުރައްވާފައެވެ.