English Edition
Dhivehi Edition
ގއ. އަތޮޅު ވިލިނގިލި މައިމަގު: ފޮޓޯ ޖަމްޝީދު

ގއ.ވިލިނގިލިން ކޮވިޑް 19 ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލް މޭނަޖަރ ޝަރީފް އަޙްމަދު ވިދާޅުވެއްޖެއެވެ.

އޭއޯ ނިއުސްއަށް މަޢުލޫމާތު ދެމުން ޝަރީފް ވިދާޅުވީ، އެއަތޮޅު ދެއްވަދޫ މީހުން ފެރީން ވިލިނގިއްޔަށް ދަތުރުކޮށްފައިވާ ކަމަށާއި އަދި ވިލިނގިލިން ދެއްވަދޫއަށް ދަތުރުކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގޮތުން ވިލިނގިލީގައި ރޭންޑަމް ސާމްޕަލް ނަގަމުން އަންނަ ކަމަށެވެ.

ދެއްވަދޫގައި ކޮވިޑް19 ކޭސްތައް އިތުރުވަމުން ދާއިރު އެޗްޕީއޭއިން ވަނީ މިދިޔަ ނޮވެމްބަރުމަހު 30 ވަނަ ދުވަހަށް ފަހު ދެއްވަދޫން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރު ކުރި ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެކަން އެންގުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެ މުއްދަތުގައި ދެއްވަދޫން ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލް ނަގާ ނެގެޓިވް ވަންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއިންވަނީ އެދިފައެވެ.

ދެއްވަދޫ މޮނިޓެރިންގެ ހާލަތުގައި އޮތް އިރު އެ ރަށުން ލ.ފޮނަދޫއަށް ދިޔަ 4 މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މި އާއި އެކު ލ. އަތޮޅާއި ގުޅިފައިވާ ރަށްތައްވެސް ވަނީ މޮނިޓެރިން ހާލަތައް ގެނެސްފައެވެ.