ގއ. ދެއްވަދޫއިން އިތުރު 8 މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެ ޖުމްލަ އަދަދު 17 އަށް އަރައިފިއެވެ.
ދެއްވަދޫ އިން މީގެ ދެ ދުވަސް ކުރިން 8 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގެ ޙާލަތުގައެވެ.
އެރަށުން ފައްސިވި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކާއި އުމުރުން ދުވަސްވީ މީހަކުވެސް ހިމެނެއެވެ.
އެޗްއީއޯސީން ބުނެފައިވަނީދެއްވަދޫގައި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބަޔަކު ޑިސެންބަރ 24 ގައި ޕޮޒިޓިވްވުމަށްފަހު ފަހުން އެ މީހުންގެ ނަތީޖާ ނެގެޓިވްވެފައިވާތީ ކަރަންޓީނުގެ މުއްދަތު ނިމުމުން އެމީހުން ދޫކޮށްލާފައިވާކަމަށެވެ. އެހެންކަމުން ބަލި ފެތުރެން މެދުވެރިވީ ކަރަންޓީނުގައި ތިބި މީހުންނަށް ނުބައި މައުލޫމާތެއް ދެވިގެން ކަމަށް އެޗްއީއޯސީން ބުނެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ ދެއްވަދޫއަށް މިދުވަސްވަރު ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލްނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް އަންގާފައެވެ.
ނޮވެމްބަރ 30 ގެ ފަހުން ގއ. ދެއްވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށާއި އަދި ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ދެއްވަދޫއިން ލ.ފޮނަދޫއަށް ދަތުރުކުރި 4 މީހަކު ފައްސިވުމާ ގުޅިގެން، ފޮނަދޫ އަދި އެރަށާއި އެއްފަސްކޮށް އޮންނަ ގަން ވެސް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.