English Edition
Dhivehi Edition
ފުވައްމުލަކު ސްކޫލްގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި: ފޮޓޯ ފުވައްމުލަކު ސްކޫލް

2021 ވަނަ އަހަރުގެ ފުރަތަމަ ދުވަހުގެ ކިޔެވުމަށް ސްކޫލްތައް ތައްޔާރުވަމުން އައިސް މިއަދު ސްކޫލުތަކުގެ ކިޔެވުން ފެށި ނަމަވެސް ފުވައްމުލަކު ސްކޫލަށް މިއަދަކީ ހިތާމަވެރި ދުވަހެކެވެ. އުފާވެރި އާ އަހަރަކަށް މަރުހަބާ ކިޔަމުން ދިޔަ ސްކޫލްގެ ދަރިވަރުންނާއި ސްޓާފުންނަށް މިއަދު އުފަލެއް ނެތެވެ. އެންމެންގެ ދޫ މަތީގައިވަނީ އެއް ވާހަކައެކެވެ. ހިތާމަ ވެރި ހާދިސާއެއްގައި ކުއްލި ގޮތަކަށް ނިޔާވެގެން އިއްޔެ ދިޔަ އެ ސްކޫލުގެ ކިޔަމަންތެރި ދަރިވަރެއްގެ މަރުން މިއަދު ސްކޫލްގެ އެންމެންގެ ހިތްތައް ވަނީ ރޮއްވާލާފައެވެ.

ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔަވަމުން ދިޔަ އެރަށު ދޫނޑިގަން ، ޔޫރޯ އަޙްމަދު ފައުޒަން ގެ މަރާ ގުޅިގެން ސްކޫލުގައި މިއަދު އާ އަހަރެއް ފެށުމުގެ އެއްވެސް ޚާއްޞަ ކަމެއް ނެތެވެ. އެ ސްކޫލްގެ ޕްރިންސިޕަލް ޙަސަން ޒަރީރު ވިދާޅުވީ ސްކޫލްގެ އެހެން ގްރޭޑް ތަކުގެ ކިޔެވުން ކުރިއަށް ގެންދިޔަ ނަމަވެސް 10 ގެ ދަރިވަރުން މިއަދު ސްކޫލަށް ނުގެންނަ ކަމަށެވެ.

ފައުޒަން އަކީ އެ ސްކޫލުގެ އެތުލީޓެއްގެ އިތުރުން ދަރިވަރުންނާއި މުދައްރިސުން ލޯބިވާ ސްކޫލް ފަޚުރުވެރިވާ ފަދަ ދަރިވަރެކެވެ. ފައުޒަން އަކީ ސްކައުޓް ފެޓްރޯލް ލީޑަރެއްގެ މަގާމުގައި ހުރި ސެކަންޑް ޏަވިޔަނި ސްކައުޓް ގުރޫޕްގެ ހިތްވަރުގަދަ ސްކައުޓެކެވެ.

ފުވައްމުލަކު މާނޭރެ ސަރަހައްދަށް އިއްޔެ ރައްޓެހި ކުދިންތަކަކާއެކު ދިޔަ ފައުޒަން ގެނބިގެން ދިޔައީ ރަޙްމަތްތެރިކުދިން ތަކެއް ސަލާމަތް ކުރުމަށް ކުރި މަސައްކަތުގައެވެ. ހިތްވަރުގަދަކަމާއި އޯގާތެރި ކަމުގެ ނަމޫނާއެއް ދައްކަމުން ފައުޒަން ދުނިޔެއާއި ވަކިވެގެން ދިޔައީ ގިނަ ބަޔަކަށް މިސާލު ދައްކަމުންނެވެ. އަމިއްލަ ފުރާނައަތް މައްޗަށް ލައިގެން ވެސް އަނެކާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ހިތްވަރު ކުރި ޒުވާން ކުއްޖެއްގެ ގޮތުގައެވެ.

ފުވައްމުލަކު މާނޭރެ ސަރަހައްދަކީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުގެ ރެކޯޑް އޮންނަ ސަރަހައްދެއް ކަމުގައި ވީނަމަވެސް މިއީ ފުވައްމުލަކުގެ ގިނަ ބަޔަކު މޫދަށް އެރި އުޅޭ ސަރަހައްދެކެވެ. މިތަނުގައި އަމިއްލަ އަށް ކޮނެގެން ހަދާފައިވާ ނެރުތަކެއް ހުރުމުގެ ސަބަބުން އާންމުކޮށްވެސް އެސަރަހައްދަށް އެރޭ މީހުން އޮޔާ ދަމައިގެން ދެއެވެ.

އެ ރަށުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި މިހާރު މި ސަރަހައްދުގެ ނުރައްކާތެރިކަން އެނގޭ ފަދަ ބޯޑުތައް އެ ތަނުގައި ބަހައްޓައި އެކަމަށް މީހުން ސަމާލު ކުރުމަކީ މުހިއްމު ކަމެކެވެ.