މި އަހަރު މާދަރީބަހުގެ ދުވަސް ފުވައްމުލަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފިއެވެ.
މާދަރީ ބަހުގެ ދުވަސް ފުވައްމުލަކުގައި ބޭއްވުމާ ބެހޭ ގޮތުން ކައުންސިލާއި ދިވެހި ބަހުގެ އެކެޑެމީން ވަނީ މަޝްވަރާ ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފުވައްމުލަކުގައި މިދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ދިވެހި ބަހުގެ އެކެޑެމީ އާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަކުން ކަމަށެވެ.
ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވި މިބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ފުވައްމުލަކުގައި އަދަބީ ޢީދެއް ބޭއްވުމާއި، ސްކޫލް ކުދިންނަށް އަދަބީ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގުމުގެ އިތުރުން، ފުވައްމުލަކުގެ މުއައްސަސާތަކުގެ މުވައްޒަފުން ދިވެހި ބަހަށް އަހުލުވެރިކުރަން ތަމްރީން ޕްރޮގްރާމެއް ހިންގުން ހިމެނޭކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން ސްކޫލް ތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ފުވައްމުލަކު ބަހުރުވައިން ވާހަކަ ހުށަހެޅުމުގެ މުބާރާތަކާއި ދިވެހި ބަހުން ލިޔެވިފައިވާ ފޮތްތަކުގެ މައުރަޒެއް ބާއްވަން ނިންމިކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ހަމަ މިއާއެކު ސްކޫލް ކުދިންގެ އާންމު މައުލޫމާތުގެ ކުއިޒް މުބާރާތަކާއި ސްކޫލް އަދަބީ ޖަމިއްޔާތަކުގެ ރައީސުންގެ ނޫސް ކޮންފަރެންސެއްވެސް ބޭއްވުމަށް މަޝްވަރާކޮށްފައިވާ ކަމަށް ކައުންސިލުގެ ޕޯސްޓްގައި ބުނެފައިވެއެވެ.
މާދަރީ ބަހުގެ ދުވަސްފަދަ އަދަބިއްޔާތާ ގުޅުން ހުރި ގިނަ ޕްރޮގްރާމު ތައް މީގެ ކުރިން ވެސް ފުވައްމުލަކުގައި ކުލަގަދަކޮށް ވަނީ ފާހަގަކޮށްފައެވެ.