English Edition
Dhivehi Edition
ފުވައްމުލަކުގެ ދުވަސްވީ މީހަކު ރަށުގެ ގިރާ ސަރަހައްދު ގެ ވާހަކަ ކިޔައިދެނީ: ފޮޓޯ އޭއޯ ނިއުސް

ޖޯގުރަފީގެ ގޮތުން ބަލާއިރު އެއްރަށެއް ކަމުގައި ހިމެނޭ، ރާއްޖޭގެ އެހެން ރަށްރަށަށް ވުރެ ނާޒުކު ތިމާވެއްޓެއް އޮންނަ، ފުވައްމުލައް ސިޓީ ގެ ރައްޔިތުން ޒަމާނުއްސުރެން އެންމެ ކަންބޮޑުވާ މައްސަލައަކީ އެ ރަށަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލައެވެ. ކުޑައިރު ކުޅެން އުޅުނު ހޭޅިފަށް ސަރަހައްދު ބަލަބަލާ ތިއްބާ ގިރި ހުސްވެއްޖެއެވެ. އިހުގައި މީހުން އުޅުނު ބައެއް ސަރަހައްދުތައް މިއަދު މިވަނީ ކިޔައި އުޅުނު ކުޑައިރުގެ ވާހަކަ އަކަށް ވެފައެވެ. ޅައިރު ކުޅެން އުޅުނު އަތިރިމަތީ ސަރަހައްދާއި އެސަރަހައްދުގައި އެއް އިރެއްގައި ތިބި ގަސްތަކުގެ ވާހަކައާއި ފުރާވަރުގައި އެ ގަސްތަކުގެ ހިޔަލުގައި ނެގި މަޖާ ކިޔައި ދިނަސް މިހާރުގެ ޒުވާނުންނަށް ގަބޫލުކުރަން މިވަނީ ދަތިވެފައެވެ. ހޭޅިފަށުން ފެންނަނީ ބިރުވެރިކަމެވެ. ޖަހަމުންދަނީ ބިރުވެރި ކަމުގެ އިންޒާރުގެ ރަނގަބީލުތަކުގެ އަޑެވެ. ކަމަށް އެކަށީގެންވާ އަވަސް ހައްލެއް ނުލިބިއްޖެނަމަ އިތުރަށް ބީވާން ތައްޔާރަށް އޮތް ބިޔަ ސަރަހައްދެވެ.

މިއީ ފުވައްމުލަކަށް ޒިޔާރަތް ކުރާ ކޮންމެ ފަހަރަކު އަޑު އިވޭ ވާހަކަތަކެވެ. އަސަރާއެކު ރައްޔިތުން ދައްކަމުންދާ ހުސްނުވާ ޝަކުވާތަކެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ދައްކަމުންދާ ކުލަ ނުވި ހުވަފެންތަކެވެ.

“އަފުންގެ ރަށޮ ގެރީ ގެރީ ހުސްވަނީ…!” މިއީ ފުވައްމުލަކުގެ އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާއަށް ދާންދެން ހިތުގައި ނުފިލައި ހުންނަ ބިރުވެރިކަމެވެ. ދޫމަތީގައި ތަކުރާރުވަމުންދާ ލަފުޒެވެ!

ރާއްޖޭގައި އޮތް މީހުން ދިރިއުޅޭ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ފުވައްމުލައް ސިޓީ އަކީ ސީދާ ކަނޑުން އެއްވެސް ނިވަލެއް ނެތި ހޮޅިނަގައި އަންނަ ރާޅުގެ ދިފާއުގައި ކުރެވޭނެ މާބޮޑު ކަމެއް ރަށެކެވެ. މި ރަށުގެ ރަށްގިރުމުގެ މައްސަލަ ގޮސްފައިވާ ހިސާބަށް ބަލާ އިރު މި ފާއިތުވެދިޔަ ވިހި ތިރީސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 50 ނުވަތަ 60 މީޓަރު ބިމުގެ ސަރަހައްދަކީ މިހާރު މޫދެވެ.

ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ފުވައްމުލަކު އިރުއުތުރު ފަރާތުން ރަށްގިރަމުން އަންނާތީ އެކަމާ ގުޅިގެން ތަފާތު އެކި ޕްލެޓްފޯމް ތަކުގައި ކަންބޮޑުވުން ފާޅު ކުރަމުން އަންނަތާ 10 ވަރަކަށް އަހަރަށް ވުރެވެސް ގިނަދުވަސްވެފައި ވާނެ ކަމަށް ރަށުގެ ރައްޔިތުން ކިޔައިދިނެވެ.

“ބައެއްފަހަރު މަސައްކަތް ފެށޭ ނުފެށޭ ހެން ވެސް ޚަބަރުތަކުން ހީވޭ. އެކަމަކު އަދިވެސް ފުވައްމުލަކުގެ ރައްޔިތުންނަށް މިމަސައްކަތުގެ އަމަލީ އެއްވެސް ކަމެއް ކުރާ ކަމުގެ ހިލަމެއް ވެސް ނުވޭ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ތެރޭގައިވެސް އެބައޮތް ފުވައްމުލަކުގެ ގިރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށުން. ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރަން އެންމެ ފުރަތަމަ ވައުދުވީ ރައީސް މައުމޫން، އޭގެ ފަހުން އެވައުދު ތަކުރާރު ނުކުރައްވާ ރައީސެއް މި ރާއްޖެ އަށް އިންތިޚާބު ނުވޭ، އެ ވައުދު ތަކުރާރު ނުކުރައްވާ މަޖިލިސް މެމްބަރެއް ފުވައްމުލަކަށް އިންތިޚާބު ނުވޭ” އެ ރަށުގެ އުމުރުން ދުވަސްވީ މީހަކު ކިޔައިދިނެވެ.

ކަންބޮޑުވެފައި ތިބި ރައްޔިތުންގެ ހިތްތަކަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބިގެން ދިޔައީ 2021ވަނަ އަހަރު ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރުމަންޓާއި ހަވާލާދީ ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރި ޚަބަރަށެވެ. ކައުންސިލުން ބުނެފައިވަނީ މިމަޝްރޫޢުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި ފުވައްމުލަކު ގޮނޑުދޮށުން ގިރައިގެންދާ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމާއި އަދި އެތަނަށް ވެލި އަޅާނެގޮތަކާއި، ރިވެޓްމެންޓް ޖެހުމަށްފަހު ރަށުގެ އެހެނިހެން ސަރަހައްދުތަކުގެ ހޭޅިފަށަށް އަންނާނެ ބަދަލުތަކާއި އަދި އެކަމަށް ހާއްސަކޮށްގެން ފަންނީ ލަފާހޯދުމާއި މެދު މަޝްވަރާ ކުރެވިފައި ވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިއަހަރުގެ ދައުލަތުގެބަޖެޓުގައި ވެސް ފުވައްމުލަކުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 52.333.623 ރުފިޔާ ހިމަނައި އެމަސައްކަތް ވަނީ ޓެންޑާރ ކޮށްފައެވެ. ނަމަވެސް މިކަމާ ގުޅިގެން އެރަށުގެ ރައްޔިތުން ބުނީ ފާއިތުވި އަހަރުތަކުގައި ވެސް އެކަހަލަ ކިތަންމެ ގިނަ ކަންކަމަށް ބަޖެޓް ކުރެވިފައިވާ ކަމަށާއި އަމަލީ މަސައްކަތް ނުފަށަނީސް އެއީ ޙަގީގަތް ކަމަށް ބަލައި ހިތްހަމަ ޖައްސަން ބޭނުން ނުވާ ކަމަށެވެ.

“ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެންމެ ފުރަތަމަ މަސައްކަތް ފަށައިފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުގަ. އޭރު އަމަލީ މަސައްކަތް ނުފެށިގެން އުޅެނިކޮށް ރައީސް ނަޝީދުގެ ސަރުކާރު ނިމުމަކަށް ގެނެވުނީ. ކުވެއިތު ފަންޑާއި ނެދަލޭންޑުގެ އޯރިއޯ ފަންޑުން ޚަރަދުކުރަން ހަމަޖެހިފައިވާ މި މަޝްރޫޢު ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގައި ހިމަނަމުން އަންނަތާ 10 އަހަރު ފާއިތު އެވީ. ވީމާ މިހާރުވެސް އެކަން ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ” ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

“ފުވައްމުލަކު ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތަކީ 2005 ނޮވެންބަރުން ފެށިގެން އެކި ފެންވަރުގައި ކުރެވޭމަސައްކަތެއް. އެމަސައްކަތުގެ ތެރޭގައި ސަރުކާރުތަކުން އެކިފަހަރު އެކިވާހަދައްކަމުން އައިސް 2008 ވަނައަހަރު ދައުލަތުގެ ބަޖެޓުގައި އެކަމަށް ފައިސާގެ އަދަދެއްޖެހި. އޭގެ ފަހުން ފާއިތުވި 4 އަހަރުވެސް ގޮނޑުދޮށް, ޙިމާޔަތްކުރުމަށް ބަޖެޓުގައި ފައިސާހިމެނިތަން ފެނުނު. ނިމިގެން މިދިޔަ 2020 ވަނަ އަހަރުގެ ބަޖެޓުގައިވެސް ބޮޑު އަދަދެއްގެ ފައިސާ މިވަނީ ހިމަނާފައި. އުއްމީދަކީ މި ރަށް ގިރި ހުސްވުމުގެ ކުރިން މިކަމަށް ހައްލެއް ލިބުން” ރަށް ގިރޭ މައްސަލައާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުން އެހެން މީހަކު ކިޔައިދިނެވެ.

ރާއްޖޭގެ އެހެން ރަށްތަކާއި ޚިލާފަށް ބޯތައްޓެއްގެ ސިފައިގައި ވަށައިގެން އުސްކޮށް މެދަށް އަޑިކޮށް އަޑިކޮށް އޮންނަ މި ރަށުގައި އަލަ އޮޅުތަކާއި ޗަސް ބިންތަކާއި ކުޅި އޮންނަ އިރު މިހާރު ގިރަމުން ގޮސް ރަށުގެ އިރުމަތީ ފަރާތުގެ ބައެއް ސަރަހައްދުތަކުން އުސްކޮށް އޮންނަ ސަރަހައްދު ނެތުމާއި ކައިރިވަމުން މިވަނީ އައިސްފައެވެ. ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ، ސީދާ ކަނޑުން ހުރަހެއް ނެތި އަންނަ ރާޅުތައް ރަށު އެތެރެއަށް ދާން ފަށައިފިއްޔާ ހުރިހާ އޮޅުތަކާއި ކުޅި ވެސް ލޮނުވެގެން ހިނގައިދާނެތީ ވާ ކަންބޮޑުވުމެވެ.

ފުވައްމުލަކު ސިޓީ އަށް ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ހައްލުތަކެއް ގެނައުމަށްޓަކާއި އެރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން “ސޭވް ފުވައްމުލަކު، ވަން ފުވައްމުލަކު” ގެ ނަމުގައި މޫވްމެންޓެއް އުފައްދައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ އަހަރުގެ ނޮމްބަރު މަހުގައި ޔުނެސްކޯއިން ފުވައްމުލައް ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅައި އެތަނުގައި ކޯއޭރިއާ އަދި ބަފަޒޯންގެ އިތުރުން ޓްރާންސިޝަނަލް އޭރިއާ ފާހަގަކުރި ވާހަކަ އާއި ގުޅުވައިގެން ފުވައްމުލަކު ރައްޔިތުން ބުނީ މިތަންތަން ޙިމާޔަތް ވެފައި އޮންނާނީ ރަށް ޙިމާޔަތް ވެގެންކަމަށެވެ.

ރައްޔިތުން ފަޚުރުވެރިވާ ފަދަ ރީތި ތުނޑިއަކާއި ގުދުރަތީ ރީތިކަމުގެ ލާމަސީލު މި ރަށަކީ ގިނަ ބަޔަކު ޒިޔާރަތް ކޮށް ހިތްއުފާކޮށްލާ ހިތްވާ މަންޒިލެކެވެ. ރަށުގެ ވަށައިގެން ހަދާފައި އޮންނަ މަގުން ދުއްވާލުމުން ފެންނަ މަންޒަރުތައް ހިތްގައިމެވެ. އެހެނަސް ހޭޅިފަށަށް އެރިބަލާލުމުން ފެންނަ މަންޒަރުން ހިތްދަތިކުރުވައެވެ. ހިތަށް އަރައެވެ. ރަށުގެ ރައްޔިތުން ބުނާ ފަދައިން އެމީހުންގެ ކާބަފައިންގެ ކަށިކޮޅު އޮތް ތަންކޮޅާއެކު ގިރައިގެން ގޮސް ހުސްވަމުން އަންނަ މި ރަށަށް ދައުލަތުން އަޅާލަން ވެއްޖެއެވެ. މުހިއްމު އިސްކަމެއް ދީގެން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކޮށް ރައްޔިތުންގެ ހިތުން ބިރުވެރިކަން ފިލުވައިދޭން ވެއްޖެއެވެ.

“އަފުން ގެ ރަށޮ ގެރީގެރީ ހުސްވެނީ” ކަމަށް ބުނެ އަސަރާއެކު ރައްޔިތުން އެކުރާ ޝަކުވާ އަށް ނިމުމެއް ގެންނަންވީ ކަނޑުގެ އަޑިއަށް އެރަށުގެ ބޮޑުބައެއް ގޮސް ހުސްވުމުން ނޫނެވެ. ދައުލަތުގެކަމާގުޅޭ މިނިސްޓަރ ދެއްވި އުއްމީދާ އެއްގޮތަށް 2021 ވަނައަހަރުގެ ފުރަތަމަ 3 މަހުގެތެރޭ ރަށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަކީ ރަށުގެ ރައްޔިތުންގެ އާދޭހެވެ!