English Edition
Dhivehi Edition

މެއި މަހުގެ 17 ވަނަ ރޭ އައްޑޫސިޓީގެ ހިތަދޫގެ ވަކި ސަރަހައްދަކަށް އެރި ނަގޫރޯޅިއާއެކު ލިބުނު ގެއްލުމުގެ ޚަބަރު ވެގެން ދިޔައީ ގިނަ ބަޔަކަށް ސިހުން ގެނެސްދިން ކަމަކަށެވެ. ރަމަޟާން މަހަކަށް ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި ގެއާއި ގެދޮރަށް ބޮޑެތި ގެއްލުން ތަކެއް ލިބިގެން ދިޔަ އައްޑޫގެ އާއިލާތަކަށް އެންމެންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ވަގުތުން ވަގުތަށް ވެސް އެފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުންނާއި އަމިއްލަ ފަރުދުން އަތާ އަތް ގުޅާލިއެވެ. ސިޔާސީ ހަލަބޮލިކަމެއްގެ ގެތެރެއިން ވެސް ފެނިގެން ދިޔައީ ރީތި ނަމޫނާއެކެވެ. ހިތް ހަމަޖެހޭފަދަ އުފާވެރި މަންޒަރެކެވެ. ވަކިބަޔަކަށް ވަކި ކުލައަކަށް ނުބަލައި ގައުމުގެ ރައްޔިތުންގެ ހައްގުގައި އެންމެން މަސައްކަތް ފެށިތަނެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ އައްޑޫގެ ބަޔަކަށް ދިމާވި ކަމެއްކަމުގައި ވާތީ އެކަމަށް ސަރުކާރުގެ އެހީލިބުން ދުރުވާނެކަމަށެވެ. ނަމަވެސް ފެނިގެން ދިއައީ މިއާ މުޅިން ޚިލާފު މަންޒަރެކެވެ. ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ސަރުކާރުގެ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބި ހާދިސާއަށް ހަފްތާއެއް ނުވަނީސް ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ހިތްހަމަޖެހުން ލިބިގެންދިޔައީއެވެ. އަމިއްލަ ޖީބުން އެއްވެސް ޚަރަދެއް ކުރަން ނުޖެހި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ދެއްވީއެވެ. ހާދިސާ ހިނގުމާއެކު ޖެހިގެން އައި ދުވަހުގައި ރައީސުލް ޖުމުހޫރިއްޔާގެ ޚާއްޞަ ވަފުދެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އިސްކޮށް ހުންނަވައިގެން އައްޑޫއަށް ޒިޔާރަތް ކުރެއްވި ވަފުދުން ވަނީ ހާލުގައި ޖެހުނު އާއިލާތަކާ ބައްދަލުކޮށް ލިބުނު ގެއްލުން ތަކުގެ މައުލޫމާތު ހޯއްދަވާފައެވެ. މި ވަފުދުގައި ރައްޔިތުންގެ މަޖިލިހުުގެ ހުޅުދޫ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ވެސް ބައިވެރިވެވަޑައި ގެންނެވިއެވެ. ހަމައެއާއެކު ފެނިގެން ދިޔައީ ސަރުކާރުގެ މުއްސައްސާތަކާއި ކުންފުނިތައް ގުޅިގެން އެކުލަވާލި ޓާސްކު ފޯހުން ބާރު ސްޕީޑުގައި އެއާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސައްކަތް ފެއްޓެވިތަނެވެ. މި ޓާސްކުފޯސް ގައި އެމްއާރުޑީސީ، އެމްއެންޑީއެފް، ފުލުސް އޮފީސް، ސިޓީ ކައުންސިލް، އެޗްޕިއެލް، އެސްޓީއޯ، ފެނަކަ އަދި ހައުސިން މިނިސްޓްރީގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. ނަގޫރޯޅީގައި ހިތަދޫގެ 19 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު މީގެ ތެރެއިން 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. އެންމެ ބޮޑަށް ގެއްލުންވި ގެތަކުގެ ފުރާޅު ވަނީ އެއްކޮށް އެއްލާފައިފަ އެވެ. ފުރާޅު އެއްލައިލުމާ ގުޅިގެން ގޭގައި ހަދާފައިވާ ސީލިން ހަލާކުވެ ގޭގައި ގެންގުޅޭ ގިނަ ސާމާންތަކެއް ވެސް ވަނީ ހަލާކުވެފައެވެ. ޓާސްކުފޯހުން ބުނީ ހާދިސާގައި ފުރާޅުހަލާކުވެފައިވާ ހުރިހާ ގެއެއްގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް މާދަމާއާއި ހަމައަށް ނިންމާލެވޭނެކަމަށެވެ. ކޮންމެ ގެއެއްގައިވެސް އެންމެ މޮޅު ލައިސާ ޓިނުޖަހައި މަރާމާތު ކުރަމުންދާއިރު އެންމެ ފުރަތަމަ ކަމަކަށް މި ބެލީ ބޯހިޔާވަހިކުރެވޭތޯ ކަަމަށް ޓާސްކުފޯސްއިން ބުނެއެވެ. “އެންމެ ފުރަތަމަ މިބަލަނީ ހުރިހާ ގެއެއްގައިވެސް ފުރާޅު މަރާމާތުކޮށް ނިންމާ ބޯހިޔާވަހިކަން ހޯދައިދެވޭތޯ. އޭގެ ފަހުން ދެން އިތުރަށް ލިބިފައި ހުރި ގެއްލުންތައް ވެސް ބަލައި އެކަންކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭގޮތަށް ހަމަޖެހިފައި މިވަނީ” ޓާސްކުފޯހުން މައުލޫމާތު ދެއްވިއެވެ. އެސްޓީއޯ އިން ލަކުޑި އާއި ޓިނާއި ސިމެންތި ނަގައިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި މިހާތަނަށް ޚަރަދުވީ ކިހާ ވަރެއްކަން އަދި ބެލިފައި ނެތް ނަމަވެސް އެނގޭ ކަމަކީ ހާލުގައި ޖެހުނު އެންމެންވެސް މިހާރު ދިރިއުޅެމުންދަނީ އަމިއްލަ ގޭގައި ކަމެވެ. ގޭގެ މަރާމާތަށް ޚަރަދުވި އެއްޗެއް އަމިއްލަ ޖީބުން ދައްކަންވެސް ނުޖެހޭނެ ކަމެވެ. ” ބައެއް މީހުން ބުނާނެ. ސަރުކާރުން އަހަރެމެންނަށް އެއްވެސް ކަމެއް ނުކޮށްދޭނެއޭ. ބަލާލަބަލަ. ސަރުކާރުން މިވަގުތު އަޅާ ނުލެއްވިނަމަ އަހަރެމެން ކިހާ ހާލެއްގައި ޖެހުނީސް” ނަގޫރޯޅީގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގެ އަންހެނަކު ބުންޏެވެ. ބައެއް މީހުންތިބީ މާލީ ހާލަތު ތަންދިން މިންވަރަކުން އަމިއްލަ އަށް ތަކެތި ގަނެގެން މަރާމާތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެގެންނެވެ. ސަބަބަކީ ރޯދަމަސް ބޯމަތިވެފައި އޮތުމެވެ. ރޯދަމަހަށް ތައްޔާރުވާއިރު އެހެން މަސްތަކާ ޚިލާފަށް ޚަރަދު ބޮޑުވެ ޖީބަށް ބާރުބޮޑުވެފައިވާ ދުވަސްވަރެއްގައި މި ލިބުނު ގެއްލުންތަކާ އެކު އިތުރު ހަރަދުތަކެއް ކުރަން ޖެހުމަކީ އުފުލަން ޖެހުނު ތަކުލީފެއް ކަމަށް އެއްބަޔަކު ބުންޏެވެ. ހާދިސާގައި ގެއްލުންލިބުނު އާއިލާތަކުން ތިބީ ސަރުކާރުން އެހީ ވެ ދެއްވަވާނެ ކަމުގެ އުއްމީދުގައެވެ. ތަކެތިން ވިޔަސް ފައިސާ އިން ވިޔަސް ވީހާ އަވަހަކަށް އެހީ އެއް ލިބިގެން ދިއުމަކީ އެންމެ ބޭނުންވެފައި ތިބި ކަން ކަމުގައި އެންމެންވެސް ދިޔައީ ބުނަމުންނެވެ. ރަމަޟާން މަސް އައުމުގެ ކުރިން މިކަމުން އަރައިގަނެވޭނެ ގޮތެއް ފެނޭތޯ އެންމެންވެސް ތިބީ އެދިއެދި އެވެ. މި އެންމެންގެ އުއްމީދުތައް މިހާރު މިވަނީ ފުރިހަމަވެފައެވެ. ދިރިއުޅުން އަނެއްކާ ވެސް ހަމައަކަށް އެޅެން ފަށައިފައެވެ.