English Edition
Dhivehi Edition

ބަނޑުހިކި ބޮޑުކަމުދާން އުނދަގޫ ވުމަކީ ކޮންމެ މީހަކަށްވެސް ދިމާވެދާނެކަމެކެވެ. މިއީ އާންމުކޮށް ހުރިހާ އުމުރުފުރައެއް ގައިވެސް ދިމާވާ ވަރަށް އުނދަގޫ އަދި ބައެއްފަހަރު ވަރަށް ނުރައްކާ ކަމެކެވެ. އާންމުކޮށް ބަނޑުހިކުމުގެ މައްސަލަ ދިމާވަނީ ބޮޑުގޮހޮރުގެ ހަރަކާތް ދަށްވެ ބޮޑުކަމުދާތަކެތި ބޮޑުގޮހޮރުގައި ތާށިވުމުންނެވެ.

ބަނޑުހިކުމަށް އާންމުކޮށްދިމާވާ ސަބަބުތަކަކީ ފައިބަރ ހުންނަ ކާނާ ބޭނުން ނުކުރުމާއި، ކަސްރަތު ނުކުރުން، ފެންމަދުން ބުއިން، މާބަނޑު ދުވަސްވަރު އަދި ބައެއްކަހަލަ ބޭސްބޭނުން ކުރުމުންނެވެ. ދިރިއުޅުމުގެ އާދަކާދަ ގެންގުޅޭ ގޮތުންނާއި ސިއްޙީ ބައެއް މައްސަލަތައް ހުންނަމީހުންގެ ވެސް ބަނޑުހިކުމުގެ މައްސަލަތައް ދިމާވެއެވެ. ބަނޑު ހިކޭނަމަ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްގެންނާއި ގޭގައި ދެވިދަނެ ފަރުވާ ބޭނުންކޮށްގެންވެސް ބަނޑުހިކުމުގެ މައްސަލައަށް ފަސޭހައިން ހައްލުހޯދޭނެއެވެ.

ތިރީގައި މިވަނީ ބަނޑުހިކުމުން ގޭގައި ކުރެވިދަނެ ބައެއްފަރުވާތައް:

1-ފެން

ބަނޑުހިކުމަށް ދިމާވާ އާންމު މައްސަލައަކީ މަދުން ފެނއބުއިމެވެ. އެހެން ކަމުން ބަނޑު ހިކޭނަމަ ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ހުސްގޮހޮރާ ހުރެ ތާފާނާ ފެންތައްޓެއް (ލޫކްވާމްވޯޓަރ) ބޯން އާދަ ކުރާށެވެ. މީގެ އިތުރަށް ކޮންމެ ދުވަހަކު މަދުވެގެން 2-3 ލީޓަރު ފެންބޯން އާދަ ކުރާށެވެ.

2- ކާށިތެޔޮ

ކާށިތެލަކީ އޭގައި ފެޓީއެސިޑް ހިމެނޭ އެއްޗެކެވެ. ކާށި ތެލުގައި ހުންނަ ފެޓީ އެސިޑްގެ ސަބަބުން ބޮޑުގޮހޮރުގެ ހަރަކާތްތައް އަވަސްވެ ބޮޑުކަމުދަތަކެތި މަޑުކޮށްދެއެވެ. މީގެ އިތުރުން ކާށިތެލުން ހަށިގަނޑުގައި އިތުރުވާ ބައެއް ބޭކާރު މާއްދާތައް ނައްތާލަދެއެވެ. ބަނޑުހިކޭ ނަމަ ކޮންމެ ދުވަހަކު ދެސަމުސާ ކާށިތެޔޮ (ވާޖިން ކޮކޮނަޓް އޮއިލް) ދެސަމުސާ ބުއިމުން ބަނޑު ރަނގަޅުކޮށްދެއެވެ. ކާށިތެލަކީ އޭގައި ސައިޑްއެފެކްޓެއް ނެތް ތެލަކަށް ވުމުން މިތެޔޮބޭނުން ކުރުމުން ހަށިގަނޑަށް ގެއްލުމެއް ނުވާނެކަމަށް ސިއްޙީ މާހިރުން ބުނެއެވެ.

3- އިނގުރު

ކާތަކެއްޗަށް މީރު ރަހަ ގެނެސްދިނުމަށް އާންމުގޮތެއްގައި ބޭނުން ކުރަމުން އަންނަ އިނގުރަކީ އޭގައި ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. އިނގުރުގައި ހިމެނޭ ނެޗުރަލް ލަޒަކްޓިވް މާއްދާއަކީ ބޮޑުގޮހޮރުގެ ހަރަކާތް ފަސޭހަކޮށްދީ އަދި ބަނޑުހިކުމަށް ފަސޭހަކޮށްދޭ މާއްދާއެކެވެ. އެގޮތުން އިނގުރު ބޭނުން ކޮށްލަންވީ ދެގޮތަކީ އިނގުރު ސައި ބުއިމާއި އަދި އިނގުރު ތެޔޮބަނޑުގައި އުނގުޅުމަށްފަހު ބަނޑު މަސާޖު ކުރުމެވެ.

4- ކޮފީ

ކެފެއިން ހިމެނޭ އެއްޗިހި ބޭނުން ކުރުމުން ބަނޑުގެ އެތެރޭގެ ފަށަލަ ދޫވެ ގޮހޮރުގެ ހަރަކާތް އަވަސްވެ ބޮޑުކަމުދާތަކެތި ބޭރުވާން ފަސޭހަވެއެވެ. ބަނޑުހިކޭނަމަ ކޮންމެދުވަހަކު ދެތަށި ކޮފީ ބުއިމުން ދާދި އަވަހަށް ފަސޭހަކަމާއެކު ބޮޑުކަމު ދެވޭނެއެވެ. ކޮފީ ބުއިމުން ބަނޑުފަސޭހަވީ ނަމަވެސް ހަށިގަނޑުން ފެންމަދުކޮށް މީހާ (ޑީހައިޑްރޭޓް) ކުރެއެވެ. އެހެން ކަމުން ކޮފީ ނުވަތަ ކެފެއިން ހުންނަ ކޮންމެ އެއްޗެއް ބޭނުން ކުރިކަމުގައިވީ ނަމަވެސް ގިނައިން ފެންބޯން އާދަކުރާށެވެ.

5- ލުނބޯ

ބަނޑުހިކި ބޮޑުކަމުދާތަކެތި ބޭރު ނުވާނަމަ ތާފެނާ ފެންނަށް ލުނބޯ ހުތް އަޅައިގެން ބުއިމުން ހައްލުބިދެއެވެ. ލުނބޯޖޫހަކީ އޭގައި ވިޓަމިން “ސީ” ގެ އިތުރުން އެންޓި އޮކްސިޑެޓް ހިމެނޭ އެއްޗެކެވެ. މީގައި ހިމެނޭ އެންޓި އޮކްސިޑެންޓްގެ ސަބަބުން ކާނާ ހަޖަމްކުރާ ގޮހޮރުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދެއެވެ.

މަތީގައި އެވާ 5 ރެމެޑީގެ އިތުރުން ބަނޑު ހިކުމުން ދުރުކޮށްދޭ އިތުރު ގޮތްތަކަކީ، ވީހާވެސް ގިނައިން ފައިބާ ހިމެނޭ ކާނާ ބެނުން ކުރުން، ކަސްރަތު ކުރުން، ޕްރޫން ޖޫސް ބޭނުން ކުރުން ،ކޮންމެ ދުވަހަކު 3 ސަމްސާ މާމުއި ބޭނުން ކުރުން ،އަދި ސެސަމީ ސީޑްސް ބޭނުން ކުރުމެވެ.

ގޭގައި ދޭފަރުވާއަށް ފަހުވެސް ބަނޑު ހިކުމުގެ މައްސަލަ ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެވެ.