English Edition
Dhivehi Edition

ގއ. ވިލިނގިލީ ފުޓްސެލް ދަނޑުގައި ރޭ ބަޔަކު ރޯކޮށްލާފައިވަނީ އެ ދަނޑުގައި ކުޅުމަށް ދަތިވާތީއާއި އެތަނާއި ގުޅޭ ގޮތުން ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަ ކަމާބެހޭ ވުޒާރާތަކުން އަޑު ނާހާތީ ކަމަށް ވިލިނގިލީ ޒުވާނުން ބުނެފިއެވެ.

ގއ. ވިލިނގިލީ ޔޫތު ސެންޓަރުގައި ގޯތިތެރޭގައި އޮންނަ ފުޓްސެލް ދަނޑުގެ މެޓް ތަކުގައި ރޭ ރޯކޮށްލާފައިވާއިރު މި ހާދިސާގައި ފުޓްސެލް ދަނޑުގެ 80 އިންސައްތަ ވަނީ ހަލާކުވެފައެވެ.

އެރަށުން “އޭއޯ ނިއުސް” އާއި ވާހަކަ ދެއްކި ޒުވާނަކު ބުނީ ދަނޑުގައި ރޯކޮއްފައިވާ ސަބަބެއް ކަމަށް ބެލެވެނީ ދަނޑު ގައި ބޭނުން ކޮއްފައި ވަނީ ރަބަރު ޝީޓް ޓާފް ކަމަށްވެފައި އެ ތަނުގައި ކުޅެ ހެދުމުން ކުޅުންތެރިންނަށް ބޮޑެތި އަނިޔާތައް ވަމުންދާތީކަމަށާއި އެވާހަކަ ކަމާބެހޭ ވުޒާރާ ތަކުގައިވެސް ތަކުރާރުކޮށް ދަންނަވާ އެއްވެސް ޙައްލެއް ނުލިބި ލަސްވާތީކަމަށެވެ.

ރޭ އިރު އޮއްސި 19:54 ގައި މި ތަނުގައި ރޯކޮށްލާފައި ވަނިކޮށް އެމައްސަލަ ރިޕޯޓްކޮށްފައިވަނީ އެ ސަރަހައްދުން ހިނގާފައި ދަނިކޮށް މަންޒަރު ދުށް މީހެކެވެ. އެމީހާ ބުނާ ގޮތުން ދަނޑުގެ އެކި ދިމަދިމާލުން ރޯކޮށްފައި ވެއެވެ. އޭނާ ބުނީ ބަލާ ބެލުމަށް ހީވަނީ ފުޅިއަކުން ޕެޓްރޯލް ކަހަލަ އެއްޗެއް އަޅާފައި ރޯކޮށްފައި ހުރީ ކަމަށާއި ރޯކޮށްލާފައި ހުރީ އެއް ދިމާލަކުންނޫން ކަމަށެވެ.

ޓާފް ދަނޑުގެ މައްސަލައާއި ގުޅޭގޮތުން ގއ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ފުއާދު ވެސް ވަނީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކުރައްވަވާ މިނިސްޓަރ މަހުލޫފް އާއި އަދި ޔޫތު މިނިސްޓްރީ ގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ.

ޖެނުއަރީމަހުގެ އެއް ވަނަ ދުވަހު ފުއާދު ފޭސްބުކްގައި ލިޔުއްވަވާފައިވަނީ ވިލިނގިލި ޒުވާނުންނަށް ފުޓްސަލް ޓާފް ބަދަލުކޮށްދޭނެ ކަމަށް ވައުދުވެ ޓާފް ހަވާލު ކުރުމަށް އެގްރީމެންޓްގައި ސޮއިވެސް ކޮށްފައިވާކަމަށެވެ. އަދި 2020 އަހަރު ނިމުމުގެ ކުރިން އެކަން ނިންމަވާނެ ކަމަށް ޔޫތު މިނިސްޓްރީގެ ނައިބު މުޙަައްމަދު ނާސިޙް ވެސް ވިދާޅުވެފައިވާ ކަމަށެވެ.

“ހިތާމައަކީ 2020 ވެސް ނިމިދިޔައީ އެކަން ނުވެ، އަޅުގަނޑުމެން ވާ ވައުދަކީ ސަޅި ސްޓޭޓަސް އެއް ޖަހާލަން ވާ ވައުދަކަށް ނުހެދުމަށް އިލްތިމާސް ކުރަން” ފުއާދުގެ ޕޯސްޓްގައި ލިޔުއްވަވާފައިވެއެވެ.

މި ކަމާއި ގުޅިގެން ޔޫތު މިނިސްޓަރ މަހުލޫފް ވިދާޅުވެފައިވަނީ އެ ރަށުގައި ބޮޑު ފުޓްބޯޅަ ދަނޑެއް އަޅާތީ ފުޓްސަލް ދަނޑުގެ ޓާފް މިވަގުތު ނޭޅޭނެކަން ތަކުރާރުކޮށް ވަނީ ދަންނަވާފައި ކަމަށެވެ.

“އޭދަފުށްޓާއި އަދި އެހެން ބައެއް ރަށްރަށުގައި ވެސް އެކަން ނުކުރަނީ ބޮޑު ދަނޑެއް އޮވެ ރާއްޖޭގަ އެފުރުސަތު ލިބިފައި ނެތް ރަށްރަށަށް އިސްކަން ދީގެން މަސައްކަތް ތަރުތީބުން ކުރެވޭތީ. ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމޭތޯ މިދަނީ މަސައްކަތް ކުރަމުން. އަދި ފުޓްސަލް ދަނޑުގެ ބަދަލުގައި ރަނގަޅު އައުޓްޑޯ ވޮލީ ކޯޓެއް އެޅޭތޯ ވެސް މިދަނީ މަސައްކަތް ކުރަމުން” މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ގެ މިވާހަކަ ތަކަށް ރައްދު ދެއްވަވަމުން ފުއާދު ވިދާޅުވެފައިވަނީ ވިލިނގިލި ޒުވާނުން ފުޓްސަލް ޓާފް ބަދަލުކޮށް ދިނުމަށް ތަކުރާރުކޮށް އެދެމުން ދަނީ ފުޓްބޯޅަ ދަނޑު ނިމޭނެ ދުވަހެއް ނޭނގޭތީއާއި ފެންސް އާއި ލައިޓް ޖެހޭނެ ގޮތެއްވެސް ނެތުމުން ކަމަށާއި މިހާރުވެސް ފުޓްސަލް ދަނޑުން އެތައް ޒުވާނުން ބޮޑެތި އަނިޔާ ލިބެމުން ދާތީކަމަށެވެ.

“ހަމައެކަނި ޓާފް ކޮޅެއް ލިބުނަސް މަސައްކަތް އަމިއްލައަށް ވެސް ކުރެވިދާނެ” ފުއާދު ވިދާޅުވެފައިވެއެވެ.

ވިލިގިނލީގައި މިހާރު ބޭނުން ކުރާ ފުޓްސަލް ދަނޑުގެ މެޓްތައް 160 ދުވަހުގެ ތެރޭގައި ޓާފަށް ބަދަލުކޮށް ދެއްވަވާނެ ކަމަށް ޑެޕިޔުޓީ މިނިސްޓަރ ނާސިޙް ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ގައެވެ.

ފުޓްސަލް ދަނޑުގައި ރޯކޮށްލި މައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ ވިލިނގިލީ ޔޫތު ސެންޓަރު ގޯތިތެރޭގައި އޮންނަ ފުޓްސެލް ދަނޑުގައި އަޅާފައި އޮތް މެޓްގައި އަލފާން ރޯކޮށްފައިވާ މައްސަލައެއް ރޭ އިރު އޮއްސި 19:54 ގައި ރިޕޯޓް ކޮށްފާއިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

1 ކޮމެންޓް
Ibrahim6684
ޖެނުއަރީ 5, 2021
Kanthahathah beynun gothakah nuvumun roakollaigen nuvaane, aee emme rangalhu gotheh noon