English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވގެ ހިމެނޭ ފުރަތަމަ ހަރަކާތްކަމަށްވާ ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

2020 ޑިސެމްބަރ 28 ން 31 ޑިސެމްބަރުގެ ނިޔަލަށް ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލި ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިއަދުގެ ނިޔަލަށެވެ. ދުވުމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިމިވަނީ މުއްދަތު ހަމިވިއިރު ގިނަބަޔަކު ބައިވެރިވުމަށް އެދެމުުންދާތީ ގިނަބަޔަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމުގައި ފުލުހުން ހާމަކުރެއެވެ.

މި ދުވުން ކުރިއަށް ގެންދަނީ ފުލުހުންނާއި އެލައިޑް އަދި ރަން ފޮރ މޯލްޑިވްސް ގުޅިގެންނެވެ. އެގޮތުން މި ދުވުމުގައި ރަޖިސްޓްރީ ވުން ކުރިއަށްދަނީ ރަން ފޮރ މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށެވެ. ހިލޭ ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ “ރައްކާ ރޯޑް ސޭފްޓީ ރަން” ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2021 ޖެނުއަރީ 8 ވަނަ ދުވަހުގެ 16:00 ގައި ހުޅުމާލޭގައެވެ. މިދުވުން ޖެނުއަރީ 16 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ކުރިއަށްދާއިރު މި ދުވުން ކުރިއަށްދާނީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތަށެވެ.

ރައްކާ ރޯޑް ސޭފްޓީ ރަންގެ އިތުރުން މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ވީޑިއޯ ކުލިޕްތަކާއި އެކްސިޑެންޓް ރޯލް ޕްލޭ އާއި ޓީވީ ޕްރޮގްރާމާއި އާންމު ހިދުމަތްދޭ ތަންތަނުގައި ވީޑިއޯ ޑިސްޕްލޭ ކުރުމަށް ރައްކާ ރޯޑް ޝޯވގެ ތެރެއިިން ހަމަޖެހިފައިވެއެވެ.