2018 ވަނަ އަހަރު ނޮވެމްބަރު މަހުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ޕްރައިވެޓް ކުންފުންޏެއް ކަމުގައިވާ އެސްކޯން ބިލްޑިންގް އާއި ހަވާލުކޮށްގެން ގދ.އަތޮޅު މަދަރުސާގައި އެޅުމަށް އެއްބަސްވެފައިވާ މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް ހުއްޓާލައިފިއެވެ.
އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ގައްދޫ މީހަކު ބުނީ ޕްރައިވެޓް ކުންފުއްޏެއް ކަމުގައިވާ އެސްކޯން ބިލްޑިންގ އިން މަސައްކަތް ހުއްޓާލުމަށްފަހު، އެމަސައްކަތަށް ކުންފުނިން ބޭނުން ކުރަމުން ދިިޔަ ބައެއް ސާމާނުވެސް ވިއްކާލާފައިވާކަމަށެވެ. އަދި މި މަސައްކަތް ހުއްޓިގެން އުޅެނީ އެސްކޯން ބިލްޑިންގް ކުންފުނީގައި ފެށި މަސައްކަތް ނިންމާނެ ޤާބިލް ކަން ނެތުމުން ކަމަށް ބުނެ އެ ފަރާތުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވާއިރު، ސަރުކާރުން ކުންފުއްޏަކާއި އެކު މަސައްކަތެއް ކުރަން ފަށާއިރު އެ ކުންފުނީގެ ޕްރޮފައިލާއި ބެކްގްރައުންޑްވެސް ބަލާ މަސައްކަތްތައް ކުރެވޭނެ ޤާބިލް ބަޔަކާއި މަސައްކަތް ހަވާލު ކުރަން ވިސްނަންޖެހޭނެކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅިގެން އެ ރަށުގެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވާއިރު ގިނަ ބަޔަކުވަނީ މަސައްކަތް ހުއްޓާލި ސަބަބު އޮޅުން ފިލުވައިދޭންޖެހޭ ކަމަށްވެސް ބުނެފައެވެ.
މިކަމާއި ގުޅިގެން ‘އޭއޯ’ އަށް މައުލޫމާތު ދެއްވަމުން އެސްކޯން ބިލްޑިންގގެ މެނޭޖިންގ ޑިރެކްޓަރ ޝައުކަތު ވިދާޅުވީ ސަރުކާރާއި އެކު ވަނީ ގދ.އަތޮޅު މަދަރުސާގައި މަލްޓި ޕަރޕަސް ހޯލެއް ހަދަން 2020 ވަނަ އަހަރު ފެށުނު ހިސާބުގައި އެއްބަސް ވުމެއްގައި ސޮއި ކުރެވިފައި ކަމަށެވެ. ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑަމިކް ކޮވިޑް 19 އާއި ގުޅިގެން ކުންފުންޏަށް ދަތިތަކެއް ކުރިމަތިވެ މަސައްކަތައް ހީނަރުކަން އައިކަމަށާއި އަދި ސަރުކާރާއި މަޝްވަރާ ކުރެވި ސަރުކާރުން މަސައްކަތަށް އެކްސްޓެންޟަނެއް ދޭނެ ކަމަށް ބުނެފައިވާކަމަށްވެސް، ޝައުކަތުވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ނުދިނިމުގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދެވެން ނެތި، ޕްރޮޖެކްޓް ދޫކޮއްލާފައިރު އެ ކަން ސަރުކާރުގެ ކަމާއި ގުޅޭ ފަރާތްތަކާއި ހިއްސާކޮށްފައިވާކަމަށްވެސް ޝައުކަތުވަނީ ވިދާޅުވެފައެވެ. “ޕްރޮޖެކްޓް ކުރިއަށް ގެންދަން ކޮންމެ ބަޔަކުވެސް ބޭނުންވާ ފަދައިން މި ކުންފުނިންވެސް ޕްރޮޖެކްޓާއި ހަވާލުވީ ޕްރޮޖެކްޓް އެންމެ ފުރިހަމައަށް ނިންމަން. އެހެންނަމަވެސް ކޮވިޑް 19 އިން ކުންފުނި ތަކައް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން އެންމެންވެސް ދަނީ ޕްރޮޖެކްޓްތައް ދޫކުރަމުން” ޝައުކަތު ވިދާޅުވިއެވެ.
ގދ.ގައްދޫ ކައުންސިލް ރައީސް ރައްޔާން ޖަމާލް އާއި މިިކަމާއި ސުވާލް ކޮށްލުމުން ވިދާޅުވީ ގދ.އަތޮޅު މަދަރުސާގައި އިމާރާތް ކުރަމުން ދިޔަ މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް މުޅިން ހުއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. މީގެ އިތުރުން ގދ.ގައްދޫގައި ސަރުކާރުން ފެށި ފުރަތަމަ ޕްރޮޖެކްޓް މުޅިން ހުއްޓުމަކަށް އައުމުން އެކަމާއި ކަންބޮޑުވާ ކަން ފާހަގަކޮށް ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް މިހާ ބޭނުންތެރި ޕްރޮޖެކްޓެއް ހުއްޓިގެން ދިޔުމަކީ ދެރަކަމެއްކަމަށެވެ. “ސަރުކާރު ވެގެން ތާއީދު ކުރާތީ މިވާހަކަ ނުދައްކާ ތިބުން އެއީ މާ ލަދުވެތި ކަމެއް” ރައްޔާން ވިދާޅުވިއެވެ.