ދާދި އިހަކަށް ދުވަހު ރާއްޖޭގެ މީޑިއާއެއްގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި ބެހޭ ގޮތުން ދެކެވުނު ވާހަކަ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ހިއްސާކޮށްފައެވެ. ގިނަ ދުވަސްތަކަކަށް ފަހު ޝާޑު ފެނުނު އިރު ހަށިގަނޑަށް އައިސްފައިވާ ބަދަލުގެ ވާޙަކައެވެ. މެމްބަރަކަށް އުޅުއްވި އިރު ހަށިގަނޑު މާބޮޑަށް ފަލަވެ ބަރުދަން އިތުރުވެފައިވީ ނަމަވެސް މިހާރު ބަރުދަން ލުއިކޮށް މީހާ ފިޓްވެ އަލުން އިތުރަށް ޒުވާން ވެފައިވާ ވާހަކައެވެ.
އެވާހަކަތަކަށް މާގިނަ ދުވަސް ނުވަނީސް ރޭ ފެނިގެން ދިޔައީ ޝާޑު އަލުން ކައިވެނި ޕާޓީއެއް ދިން ތަނެވެ. އަނެއްކާ ވެސް ޒުވާން އަންހެން ކުއްޖަކާއި ކައިވެނި ކުރެއްވެވީއެވެ. ރޭ ހޮޓެލް ޖެން ގައި ބޭއްވި މި ހަފްލާއަކީ ވަރަށް ސިއްރުން މަދު ބަޔަކަށް ދައުވަތު ދީގެން ބޭއްވި ހަފްލާއެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިފަހަރު ޝާޑު ކައިވެނި ކުރެއްވެވީ މާލޭގެ އަންހެން ކުއްޖަކާއެވެ.
މީގެކުރިން 3 ކައިވެންޏެއް ކުރައްވާ. އަދި ދެ ކައިވެންޏަކަށް ތިން ކުދިންވެސް ލިބިލައްވަވާފައިވާ އިރު ޝާޑު 3 ވަނަ ކައިވެނި ކުރެއްވެވީ ކުރިން މެމްބަރަކަށް ހުންނެވި ދުވަސްވަރު އޭރުގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އެވެ. މިއީ ފަހުގެ ތާރީހެއްގައި ވަޒީރަކާއި މަޖިލީސް މެންބަރެއް ކައިވެނިކުރައްވި ފުރަތަމަ ފަހަރު ނަމަވެސް މާގިނަ ދުވަސް ތަކެއް ނުވެ މި ކައިވެނިވެސް ވަނީ ރޫޅިފައެވެ.
ޝާޑުގެ ހަށިގަނޑަށް އައި ބަދަލާ ބެހޭ ގޮތުން މީގެ ކުރިން ޝާޑު ވިދާޅުވެފައިވަނީ ބަދަލު އައުމުގެ ސިއްރަކީ ކޮވިޑްގެ ބަލިމަޑުކާ އެކު މާލެ ބަންދުކޮށްލުން ކަމަށެވެ. އަދި މާލެ ލޮކްޑައުން ކުރި އިރު އޭނާ ހުންނެވީ، ދަތުރުވަރެއްގައި އުފަން ރަށް ސ. ހުޅުދޫގައި ކަމަށާއި އެހެންވެ، މާލެ ވަޑައިނުގެންނެވި ރަށުގައި ހުންނަވަން ޖެހިވަޑައިގެން ހަ މަސް ދުވަހު އަމިއްލަ ހަށިގަނޑާ މެދު ވެސް ވިސްނަވަން މަޖުބޫރުވި ކަމަށެވެ.
ބަރުދަނުގައި 82 ކިލޯ އޭރު ހުންނެވި ނަމަވެސް ރަށުގައި ހުންނެވި ދުވަސްވަރު ހުޅުދޫ ބޮޑު މަގުގައި ހިންގަވައިގެން ބަރުދަން 70 ކިލޯއަށް ތިރިކުރައްވާފައި ކަމަށް ޝާޑު ވަނީ ވިދާޅުވެފައެވެ.
ޝާޑު އަމިއްލަ ރަށުގައި ހުންނެވި ދުވަސްވަރުވެސް އައްޑޫ ކުއްޖަކާއި ކައިވެންޏެއް ކުރައްވަވަން ތައްޔާރުވެ އެ ކައިވެނި ފަހުން ނުކުރައްވަވާ މާލެ ދުރުވި ކަމަށް ރަށުގެ ގިނަ ބަޔަކު ބުނެއެވެ.