އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހުޅުދޫ ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން އޭއޯނިއުސް އިން އިޝްތިހާރު ކުރާނެ ކެންޑިޑޭޓަކަށް މުޙައްމަދު ޝާހިދު (ޝާޑު) ހަމަޖައްސައިފިއެވެ.
މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ޕްރޮމޯޓް ކޮށް ދިނުމަށް އޭއޯ ނިއުސް އިން ފުރުސަތު ހުޅުވާލާ، ކޮންމެ ދާއިރާއަކުން އެއް ކެންޑިޑޭޓަކަށް ފުރުސަތު ދޭ ގޮތަށް ވަނީ ނިންމާފައެވެ.
ހުޅުދޫ ދާއިރާއިން ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަވާ ޝާޑު އަކީ މިހާރު ވެސް އެ ދާއިރާގެ ގޮނޑި ތަމްސީލު ކުރައްވަވާ ދާއިރާއަށް މެމްބަރެވެ. ސަރުކާރު މެމްބަރެއްގެ ގޮތުގައި ނިމިގެން މިދާ ދައުރުގައި ޝާޑު ވަނީ މަޖިލިހުގެ ތެރެއިން ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަވާފައެވެ. އެގޮތުން ހުޅުމީދޫގެ މަގު ހެދުމާއި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމާއި އެކަށޭނަ ދަތުރުފަތުރުގެ ނިޒާމެއް ހުޅުމީދޫ އާއި ފޭދޫއާއި ދެމެދު ގާއިމުކުރުމާއި ހުޅުމީދޫގައި މަސްފެކްޓަރީގެ ގޮތްޕެއް ހުޅުވައިދިނުމާއި ކުނިމެނޭޖްކުރުމުގެ މަސައްކަތް ފަދަ ރައްޔިތުންނަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ޝާޑުވަނީ ކޮށްދެއްވަވާފައެވެ.
މީގެ އިތުރުން ޝާޑު ފާހަގަކޮށްލެވެނީ ދާއިރާގެ ރައްޔިތުންނާ ގާތް ގުޅުމެއް ބަހައްޓަވާ ރަށްވަންތަ “ހުޅުދޫ” ބޭފުޅެއްގެ ގޮތުގައެވެ. މަސައްކަތުގެ ގޮތުން މާލޭގައި ދިރިއުޅުއްވި ނަމަވެސް ގިނަގިނައިން ރަށަށް ޒިޔާރަތް ކުރައްވަވާ ރަށުގެ ހާލަތު ގާތުން ބައްލަވާ ރައްޔިތުންގެ ބޭނުންތައް ފުއްދަވާ ދެއްވަވާ ގާތް ބޭފުޅެއްގެ ގޮތުގައެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ޝާޑު ވިދާޅުވީ ދާއިރާގެ ގޮނޑި ފެންނަން ޖެހޭނީ އިންތިޚާބުތައް ބޯމަތިވުމުން ނޫންކަމަށާއި ދާއިރާގެ ތަރައްގީއަށް މަސައްކަތް ކުރެވޭނީ ރަށްވަންތަ، ރަށް ދެކެ ލޯބިވާ މީހުންނަށް ކަމަށެވެ. އަދި އެވަގުތަކު އޮންނަ ސަރުކާރަކާ ގުޅިގެން ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރުމަކީ ޝާޑު ބޭނުންފުޅުވެ ލައްވަވާ ގޮތްކަމަށް ވެސް ވިދާޅުވިއެވެ.
“އަޅުގަނޑު މަސައްކަތް ކުރާނީ އެވަގުތަކު އޮންނަ ސަރުކާރަކާ ގުޅިގެން. ރައްޔިތުންގެ ހައްގުގައި ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކޮށްދިނުމަށް އަބަދުވެސް ހުންނާނީ ތައްޔާރަށް” ޝާޑު ވިދާޅުވިއެވެ.
ހުޅުދޫގެ ގިނަރައްޔިތުންގެ ލޯބި ލިބިފައިވާ އަދި އެންމެނާ ގުޅޭ އެކުވެރި، އޯގާތެރި އެމްޕީ ޝާޑް އަކީ ރަށުގެ ގިނަމީހުން މިހާރުވެސް ގަބޫލު ކުރާގޮތުގައި ކުރިއަށް އޮތް ދައުރުގައިވެސް ހުޅުދޫދާއިރާ ތަމްސީލު ކޮށްދެވޭނެ އެންމެ ގާބިލް ބޭފުޅާއެވެ. ޝާޑުގެ ކެމްޕެއިންގައި ވެސް ރަށުގެ ދެޖިންސުގެ ޒުވާނުންނާއި އިސް ރައްވެހިން ހަރަކާތްތެރިވާ އިރު އެމްޑީޕީގެ ސަޕޯޓަރުންވެސް ކެމްޕެއިންގެ އިސް ސަފުން ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ.