English Edition
Dhivehi Edition

ވޭތުވެދިޔަ 5 އަހަރު އައްޑޫސިޓީގެ ހުޅުދޫ ތާރީޚު ބަދަލު ކޮށްލި މީހެއްގެ ގޮތުގައި ވެގެންދާނެ ކަމަށް އެދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަވާ މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

ޓީވީއެމުން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލިސް ބަހުސް ގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ ހުޅުދޫ ދާއިރާއަށް ވޭތުވެދިޔަ ދިގު ތާރީޚުގައި ޝާޑު ގެންނެވިފަދަ ބޮޑު ބަދަލެއް ގެންނެވި އެއްވެސް މެމްބަރެއް އަދި ނެތް ކަމަށެވެ. އަދި މިއީ ހުޅުދޫގެ ރައްޔިތުންވެސް ގަބޫލު ކުރާނެ ހަގީގަތެއް ކަމަށް ޝާޑު ވިދާޅުވިއެވެ.

“ހަމަ ޔަގީނުންވެސް މީގެ ކުރިން ހުޅުދޫ ދާއިރާގެ ރައްޔިތުން ތަހައްމަލު ކުރަމުން ގެންދިޔަ ވޭން ތަކާއި ކެެކުޅުން ތައް ހައްލުކޮށް އެ ހުރިހާ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނީ އަޅުގަނޑު . ހުޅުދޫ ދާއިރާގެ ރައްޔިތުންނަށް ފެނާއި ނަރުދަމާ ޔަގީންކޮށް ދިނީ އަޅުގަނޑު. ހުޅުދޫ ދާއިރާގެ ރައްޔިތުންނަށް 200 އަށް ވުރެ ގިނަ ވަޒީފާ ރަށުގައި ތިބެގެން އަދާ ކުރުެވޭނެ ގޮތް ހޯދައިދިނީ އަޅުގަނޑު . ހުޅުދޫ ދާއިރާގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި ހުރިހާ ޚިދުމަތްތަކެއް ސަރުކާރު މެދުވެރިކޮށް އެމަސައްކަތް ވަރަށް އިޚުލާސްތެރިކަމާއެކު ރައްޔިތުންގެ ހައްގުގައި އަޅުގަނޑުވާނީ ކޮށްފައި” ޝާޑު ވިދާޅުވިއެވެ.

އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ހުޅުދޫ ދާއިރާގެ ބަހުސް ގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ ޝާޑު އަށް ވުރެ ބޮޑަށް ހުޅުދޫ ދާއިރާ އެނގޭނެ އެހެން ފަރާތެއް ނެތް ކަމަށެވެ.

“މީގެ ކުރިން ލިބުނު ފުރުސަތުގައި އަޅުގަނޑު ވަނީ ކަންތައްތައް ކުރެވޭނެ ކަމުގެ ޔަގީންކަން ހުޅުދޫގެ ރައްޔިތުންނަށް ދީފައި. ރައްޔިތުން ގަބޫލު ކުރޭ އަޅުގަނޑަކީ މިކަންކަން ކުރެވޭނެ ގާބިލް މީހެއްކަން” ޝާޑު ވިދާޅުވިއެވެ.

މާޒީވެދިޔަ ކަންތައްތަކުން ހުޅުދޫގެ ރައްޔިތުންނަށް ގިނަ އިބުރަތް ތަކެއް ހާސިލް ވެއްޖެކަމަށާއި ޝާޑު ހުޅުދޫ ތަރައްގީކުރެއްވެވީ ސުމަކުން ފަށައިގެން ކަމަށް ވިދާޅުވިއެވެ.

“މިދިޔަ 5 އަހަރު ހުޅުދޫ ތިންސަތޭކަ ފަސްދޮޅަސް މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހުޅުދޫގައި ވަނީ ހިންގާފައި. 16 ބޮޑު މަޝްރޫއު އެވަނީ ހުޅުދޫގައި ހިންގާފައި. މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ނެހެދޭނެ ކަމަށް ބުނި އިސްމެހެލާހެރަ އިރާދަކުރެއްވިއްޔާ އަންނަ މެއި މަހު ހުޅުވޭނެ. ހުޅުދޫގައި މަސްފެކްޓްރީއެއް ހެދި ނިމިފައި އެހެރީ. މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގައި މިކަންކަން ކުރިއަށް މި ގެންދިޔައީ ސަރުކާރާ ގުޅިގެން. މިހާރު އޮތް ސަރުކާރާ ވެސް އަޅުގަނޑު ގުޅޭނަން. ހުޅުދޫގެ ރައްޔިތުންނަށްޓަކައި ބާއްވަން ޖެހުނު ކޮންމެ ގުޅުމެއް ބާއްވާނަން” މިހާރުވެސް މަޖިލިހުގައި ހުޅުދޫ ދާއިރާ ތަމްސީލު ކުރައްވަވާ ޝާޑު ވިދާޅުވިއެވެ.

ޝާޑު ފާހަގަކޮށްލެވެނީ ރަށުގެ ރައްޔިތުންނާ ގުޅޭ ރައްޔިތުންގެ ހާލު ގާތުން ބައްލަވާ ރަށުގެ ކަންތައްތަކަށް އިސްކަން ދެއްވަވާ އަދި ރަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް މަޖިލިހާއި މަޖިލިހުގެ ބޭރުން ވެސް ކޮށްދެއްވެވި ގާބިލް މެމްބަރެއްގެ ގޮތުގައެވެ.