English Edition
Dhivehi Edition

2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އޭރުގެ މެމްބަރު އިލްޔާސް ލަބީބާ ވާދަކުރެއްވުމަށް ރަށުގެ ގިނަ ޒުވާނުންތަކެއްގެ “ހީރޯ” މުޙައްމަދު ޝާހިދު (ޝާޑު) ނިކުންނެވީ ސިޔާސީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތިއެވެ. މަޑުމައިތިރި އަދި ލަދުރަކި ޝާޑު އޭރު ވާހަކަ ދެއްކެވި ސިޔާސީ ޕޯޑިއަމެއް ނެތެވެ. ސިޔާސީ މަސްރަހުގައި ޝާޑުގެ ނަމަކީ މަގްބޫލު ނަމެއް ނޫނެވެ. ނަމަވެސް އެފަހަރުގެ އިންތިޚާބު ޝާޑު ކާމިޔާބު ކުރެއްވެވިއެވެ. 5 އަހަރު ވަންދެން ދާއިރާ ތަމްސީލު ކުރައްވަވަމުން ގެންދެވި އޭރުގެ މެމްބަރު ބަލިކުރައްވާފައެވެ. މެމްބަރު އިލްޔާސް ލަބީބު 960 ވޯޓު ހޯއްދެވި އިރު ޝާޑް ވަނީ 1044 ވޯޓާއި އެކު ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ހުޅުދޫގެ ރައްޔިތުން ޝާޑަށް ވޯޓު ދިން ސަބަބުތައް ބައިވަރެވެ. ޝާޑަކީ ރަށުގެ އެންމެންގެ އިހްސާސް ދަންނަ ރަށްވަންތަ ޒުވާނަކަށް ވީތީއެވެ. ރަށަށްޓަކައި މަސައްކަތް ކުރަން މަޖުބޫރުކުރުވާ ޒިންމާދާރު މަގާމެއްގައި ނެތް ނަމަވެސް ޝާޑަކީ އޭރުވެސް ރަށުގެ އެންމެންގެ އެހީތެރިޔާއެވެ. ޒުވާނުން ކުޅިވަރު ކުޅުމުގެ އާރުކާޓީއެވެ. ޒުވާނުންގެ ރޫހެވެ. ރަށުގެ ގިނަބައެއްގެ ލޯބި ހޯއްދަވައިގެން ހުންނެވި ހިތްހެޔޮ ޒުވާނެކެވެ. ރަށުގެ ގިނަ ބަޔަކު ޝާޑަށް އޭރު ވޯޓު ދެއްވެވީ ދާއިރާއަށް މިއަށްވުރެ ފާގަތި ކަމެއް ލިބިގެންދިއުމަށް އެދިއެވެ. “ފަޅުވެފައިވާ” ހުޅުދޫ އަށް އުއްމީދާއި ދިރުން ގެނެސް ދޭނެ ކަމުގެ އުއްމީދުގައެވެ.

ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި މަޖިހުގެ ގޮނޑި ކާމިޔާބު ކުރައްވަވައި ޝާޑުގެ 5 އަހަރު ކުރިއަށް ގެންދިޔައީ ރައްޔިތުންނަށް ވެލެއްވެވި ވައުދު ފުއްދަމުންނެވެ. ހުޅުދޫއަށް “ދިރުން” ގެނެސް ދެއްވަވާފައެވެ. އުއްމީދު ގެއްލިފައި ތިބި ހުޅުދޫގެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދެމުންނެވެ.

މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ހުޅުދޫއާއި މީދޫއަށް ކޮށްދެއްވެވި މަސައްކަތްތަކުގެ ތެރޭގައި ދެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމާއި ދެރަށުގެ ދަރިވަރުން ސާނަވީ އަދި މަތީސާނަވީއަށް ކިޔަވަމުންދާ ސ.އަތޮޅު މަދުރަސާގައި 4 ބުރީގެ އިމާރާތެއް ގާއިމު ކޮށް ދެއްވުމާއި ދެރަށުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ފަޔަރ ސްޓޭޝަނެއް ގާއިމު ކުރުމާއި ދެރަށުގެ ރައްޔިތުން އެންމެ ބޮޑު އެއްތަކުލީފެއް އުފުލަން ޖެހިފައިވާ ދަތުރުފަތުރުގެ ނިޒާމަށް ހައްލު ހޯދައިދީ އެމްޕީއެލްގެ ޚިދުމަތް ތައާރަފް ކޮށްދިނުމާއި ދެރަށުގެ ބޮޑުމަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުން ހިމެނެއެވެ. މިއާއެކު ހުޅުމީދޫގެ ހުރިހާ ރައްޔިތުން އެންމެ ކަންބޮޑުވެފައިތިބި އެއް މައްސަލަ ކަމަށްވާ ކުނިބުނީގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވުމަށް ޝާޑު ކޮށްދެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެކަމަށް ދާއިމީ ހައްލެއްލިބި ވެމްކޯއިން ހުޅުމީދޫ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ހުޅުދޫގެ ގިރަމުންދާ ސަރަހައްދުގައި ބޮޑު ހިލަ ޖައްސައި، ރަށް ހިމާޔަތް ކުރުމަށް ޝާޑު ވަނީ ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވަވާފައެވެ.

ހުޅުދޫގެ ޒުވާނުން ކުޅިވަރުކުޅުމަށް ފުޓްސަލް ދަނޑެއް ހެދި އެތަނުގައި ތަފާތު ގިނަ މުބާރާތްތައް ބާއްވަމުންދާއިރު ހުރިހާ މުބާރާތަކަށް ޝާޑުގެ ބޮޑެތި އެހީ ސްޕޮންސަރ ގެ ގޮތުގައި ދެއްވަވާކަމީ ހުޅުދޫގެ ޒުވާނުން ގަބޫލުކުރާނެ ހަގީގަތެކެވެ.

“ހުޅުދޫގެ ގިނަ ރައްޔިތުންނަކީ ތަނަވަސް ބައެއް. އެހެން ނަމަވެސް ގިނަ ރައްޔިތުން އުޅެމުންދަނީ މާލޭގައި . ޗުއްޓީއަށް ރަށަށް އަންނަން ވެސް އެމީހުން ބޭނުން. އެކަމަކު މިތަނުގައި އަސާސީ ޚިދުމަތް އެދެވޭ ގޮތެއްގައި ނުލިބޭ. ބޯފެނާއި ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތް. އުއްމީދެއް ނެތް ތަނަކަށް އަންނަން އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ. އެހެންވެ މި 5 އަހަރުގައި މިކަމަށް ވަރަށް މަސައްކަތް ކޮށްދީފައިވާނީ. ނަތީޖާއެއްގެ ގޮތުން ހުޅުމީދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންގޮސް ކާމިޔާބު މަސައްކަތްތަކެއް ނިންމާލާފައިވާނީ. އޭގެ ސަބަބުން ހުޅުދޫއަށް ދިރުން އަންނަމުންދާތަން އެބަފެނޭ. ގެސްޓު ހައުސްތައް ތަރައްގީވެ ބައެއް އާއިލާތައް ރަށަށް ބަދަލުވާތަން މިދަނީ ފެންނަމުން. ހުޅުދޫގެ ވިޔަފާރިވެރިންގެ ވިސްނުން އެބަހުރި ރަށަށް އިންވެސްޓު ކުރުމަށް ވެސް. ކުރީގެ ސަރުކާރުތަކުން ހުޅުދޫ އަށް އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި. މިހުރިހާ ކުރިއެރުމެއް ލިބިގެން މިދިޔައީ ރަށްވަންތަ ލޯތްބާއި އިޚްލާސްތެރިކަމާއެކު ރަށަށްޓަކައި ވީ ގުރުބާނީ ތަކުގެ ސަބަބުން” ޝާޑު ވިދާޅުވިއެވެ.

އިދިކޮޅު ފިކުރުގެ ބައެއް މީހުން ގަބޫލު ކުރާގޮތުގައި އެ މަސައްކަތްތައް އެގޮތަށް ޝާޑަށް ކުރެވުނީ ސަރުކާރު މެމްބަރެއްގެ ގޮތުގައި މަޖިލިހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ކަމަށެވެ. އަދި ސަރުކާރު ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މަޖިލިހުގެ ގޮނޑި ޝާޑަށް ދީފިނަމަ އެފަދަ ތަރައްގީގެ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މަޖިލިސްގެ ގޮނޑި ދޭންޖެހެނީ ސަރުކާރުގެ މެމްބަރަށް ކަމަށެވެ.

“މީގެ ކުރިންވެސް ސަރުކާރު މެމްބަރެއް 5 އަހަރުގެ ދައުރު ފުރިހަމަ ކުރީ. އައްޑޫއަށް ނިސްބަތްވާ 5 މިނިސްޓަރުންވެސް ކެބިނެޓްގައި ތިއްބެވި. ހުރިހާ ކަމެއް ފަސޭހައިން ކުރެވެން އޮތް އިރު ދައުރު ނިމިގެންދިޔައީ ރައްޔިތުންގެ އުއްމީދު ފެނަށް ވެގެން. ވޭތުވެ ދިޔަ 5 އަހަރުގައި ސަރުކާރުގެ ކޯލިޝަން އުފެދިގެން އައިއިރު ޕީޕީއެމްގައި ތިބޭނެ މަޖިލިސް 55 މެމްބަރުން . އެހެންނަމަވެސް ހުރިހާ މެމްބަރުންގެ ދާއިރާއަށް އެއްވަރަކަށް ނޫން ކަންކަން ވެފައި ހުރީ. ކަންކަން ކުރެވޭނީ އެ މެމްބަރަކު ރަށާ ދޭތެރޭ ހުރި ލޯތްބަކާ އެމީހެއްގެ ހުރި އިޚްލާސްތެރިކަމަކާއި ރަށަށްޓަކައި ވީ ގުރުބާނީއެއްގެ ސަބަބުން ” ޝާޑު ދެކިލައްވަވާ ގޮތަކީ އެއީއެވެ.

މަޖިލިސް މެމްބަރެއްގެ ގޮތުގައި އިތުރު ދައުރެއް ލިބިލައްވަވައިފިނަމަ މަސައްކަތް ކުރައްވަވާނީ ސަރުކާރަށް އެއްބާރުލުން ދެއްވަވައިގެން ސަރުކާރާއެކީގައި ކަމަށް ޝާޑު ވިދާޅުވިއެވެ.

“އަޅުގަނޑުވެސް ދިރިއުޅެނީ މާލޭގައި. ރަށާ ދޭތެރޭ މާބޮޑު ވިސްނުމެއް ނެތި ދޭތެރެއަކުން ރަށަށް ޖައްސާލާ މަޖިލިސް ތެރޭގައި އެހެން އުޅުނު ނަމަ މިހުރިހާ ކަމެއް ހުޅުދޫއަކަށް ވެގެނެއް ނުދާނެ. ސަރުކާރުން ވެސް ކަންކަން ކުރެވޭނީ އެމީހަކު އެކަމަކާ ހިނގި ވަރަކުން. މަޖިލިހުން ފާސްކުރާ ބަޖެޓް ފާސްކުރެވުމާއެކު އެ މަޝްރޫއުތައް ހިނގުމަށްޓަކައި އެކިއެކި އިދާރާތަކަށް ގޮސް މިނިސްޓަރުންނާއި އަދި ކުންފުނިތަކާއެކު ވާހަކަ ދައްކައި އެމީހުންނާ ގުޅިގެން ވަރަށްގިނަ މަސައްކަތުން ޕްރޮޖެކްޓްތައް ފެށިފައި ހުންނަނީ. ކުރީގެ ސަރުކާރުތަކުން ކަންތައްތައް ކުރި ގޮތަށް ޕްރޮޖެކްޓްތައް ބެލުމަށްފަހު މިވެނިކަމެއް ކުރާނަމޭ ބުނެ ތަންބަލާލާފައި ހަމައެކަނި ދިއުމަކުން ކަންކަން ހާސިލް ވެގެން ނުދާނެ. އެއީ ރަށް ދެކެ ލޯބިވާ ރަށްވަންތަ މީހަކު ނެތުމުގެ ސަބަބުން ފަރުވާކުޑަވެގެން ދަނީ. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ އޭރަކު އޮތް ސަރުކާރަކާ ގުޅިގެން ރައްޔިތުންނަށްޓަކައި. ރަށުގެ ތަރައްގީއަށްޓަކައި” ޝާޑު ވިދާޅުވިއެވެ.

އަބަދުވެސް ހުޅުދޫގެ އާންމު ރައްޔިތެއްފަދައިން ރައްޔިތުންނާއެކު ފެންނަ ޝާޑު ވިދާޅުވީ ދާއިރާއާއި ދާއިރާގެ ގޮނޑި ފެންނަންވީ އިންތިޚާބު ކާރިވަމުން އައުމުންނެއް ނޫން ކަމަށެވެ.

“އަލުން މަޖިލިހުގެ ގޮނޑިއަށް ވާދަކުރަނީ މިހުރިހާ މަސައްކަތެއް މިހާހިސާބަށް ގެނެސް އަދި ސަރުކާރުވެސް ބަދަލުވެފައި ވުމާއެކު މިހާރުގެ ސަރުކާރާ ގުޅިގެން ދާއިރާއަށް ކުރިއެރުން ހޯދައިދިނުމަށް. ސަރުކާރާ ގުޅުމެއްނެތް މެމްބަރަކު މަޖިލިހަށް އައުމަކީ ދާއިރާއަށް އެއްވެސް ކުރިއެރުމެއް ނާންނާން ކަމަށް ދެކޭ ފަރާތްތަކަށް ދޭނެ ޖަވާބަކީ، ކޮންމެ ސަރުކާރެއް އޮތަސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ރަށް ދެކެ ލޯބިވާ، ރަށްވަންތަ އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ދަންނަ އަދި ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މެމްބަރަކު ހުރިނަމަ ސަރުކާރާ ގުޅިގެންނަމަވެސް ދާއރާއަށް މުހިއްމު ޕްރޮޖެކްޓް ގެނައުމަށް މަސައްކަތް ކުރެވޭނެ. އޭގެ މާނައަކީ ޕާޓީ ބަދަލުކުރުމެއްނޫން. ކޮންމެ ޕާޓީއެއްގައި ހުރިކަމުގައި ވިޔަސް ސަރުކާރުން ހިންގާ ކަންކަމުގައި އެހީތެރިވެ އެކަމުގައި ހީވާގި ކަމާއެކު މަސައްކަތް ކުރާނެ މެމްބަރުން ސަރުކާރަށް މެމްބަރު މުހިއްމުވާނެ. މަޖިލިހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދީގެން ނޫނީ ސަރުކާރެއް ނުހިންގޭނެ. އެ މެމްބަރަކީ އަމިއްލަ ފައިދާއަށް ވުރެ ރަށަށްޓަކައި މަސައްކަތް ކުރާ މެމްބަރަކަށް ވަނީ ނަމަ އެކަންކަން ފުރިހަމަވާނެ ކަމުގެ ޔަގީންކަން މި ނިމިގެންދާ 5 އަހަރުގެ ދައުރުގައި ރައްޔިތުންނަށް މިވަނީ ފެނިފައި. އެހެންކަމުން 2 ވަނަ ދައުރަކަށް މަޖިލިހަށް ހޮވިއްޖެ ނަމަ ސަރުކާރާ ގުޅިގެން ރަށުގެ ފައިދާއަށްޓަކައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމަށް ސަރުކާރަށް އެއްބާރުލުން ދޭނަން. އެ ޔަގީންކަން އޮންނާނެ.” ޝާޑު ވިދާޅުވިއެވެ.

5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު ދާއިރާގެ ގޮނޑިއަށް އަލުން ޝާޑު ކުރިމަތިލައްވަވަނީ ނުހަނު ކެރިގެންނެވެ. މިހާރު ޝާޑަކީ ސިޔާސީ މަސްރަހަށް ލޯހުޅުވިފައި ހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ. ސިޔާސީ މައިދާނަށް ދޮންވެފައި ހުންނެވި ކުޅަދާނަ ރަށްވަންތަން ބޭފުޅެކެވެ. ދާއިރާގެ ކުރިއެރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަވާ ހެކި ދައްކަވާފައިވާ ރައްޔިތުންގެ މެމްބަރެކެވެ!

1 ކޮމެންޓް
ެއެމް. މޫސަ
ފެބުރުއަރީ 13, 2019
ވަރަށް ފުރިހަމަ. މުޅިމަޖްލީހުގަވެސް ރަށަވަންތަ ރަށަށްޓކައި އެންމެ އިޚްލާސްތެރި މަސައްކަތެއް މިނިމިދާ ދައުރުގައި ކުރެއްވި ބޭފުޅަކީ ޝާހިދު. ކުރީގެ މެމްބަރު އަހަރެމެން ފެނުނީމަ ފެންނަކަކަމަށް ވެސް ނުހަދާނެ.