English Edition
Dhivehi Edition

ބޭސްފަރުވާއަށް މިހާރު ސިންގަޕޫރަށް ވަޑައިގެން އުޅުއްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް އެދިފައިވާނެ ކަމަށް ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ގާސިމް އިބްރާހިމްގެ ދަރިކަލުން މުހައްމަދު ޔަގްސާން ގާސިމް ސޮއިކުރައްވައި އިއްޔެ ކަރެކްޝަންސް އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

ޓުވިޓާގައި ހިސާން އެޓޭޗްކޮށްފައިވާ ސިޓީގައި ވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އެ ސިޓީގައިވާ ގޮތުން ޑޮކްޓަރު ލަފާދެއްވާފައި ވަނީ ކޮރޮނަރީ އެންޖީއޯޕްލާސްޓީ އަދި ކޮރޮނަރީ އެންޖިއޯ ޕްލާސްޓީ ހެއްދެވުމަށެވެ. އެ ޕްރޮސީޖާ މި މަހުގެ 15 ވަނަ ދުވަހު ހެއްދެވުމަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައި މިހާރު ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެ ސީޓުގައި ގާސިމްގެ ދަރިކަލުން އެދިވަޑައިގެންފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި އެމަނިކުފާނު ހުންނެވުމުގެ ހުއްދަ ދެއްވުމަށާއި އަދި ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތު ވެސް އިތުރުކޮށްދިނުމަށެވެ.

އެ ސިޓީއާއެކު ޑޮކްޓަރުގެ ލިޔުމުގެ ކޮޕީ ވެސް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރަން އެދިފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ވަނީ ބުނެފައެވެ.

ތިން އަހަރާ ދެ މަހާ 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގާސިމް ބޭސް ފަރުވައަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭނާއަށް ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާ ކުރެއްވުމަށް ކަރެކްޝަނުން ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކުރަން ހުށަހެޅުމުން، އެކަން ވަކިގޮތަކަށް ނިންމާނީ ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުންނެވެ.