English Edition
Dhivehi Edition

ގދ. ތިނަދޫގައި މަސްނުކުރިގެން އެތަކެއް ދޯންޏެއް ތިބިއިރު މަސް ގަންނަ ބޯޓުގައި ޖާގައެއް ނެތްކަމަށް ވިދާޅުވެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު ސަނީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ތިނަދޫ ނެރާ ދިމާލުގައި އޮތް މަސްކިރާ ބޯޓަށް މަސްނުކިރި، ބޯޓު ކައިރީ ތިބި މަސްދޯނިތައް އެތާ ތިބެންޖެހުމުގެ ސަބަބުން ތިނަދޫއަށް ފުރާ، ވަންނަ އުޅަނދުތަކަށްވެސް ދަތިތަކެއް ދިމާވަމުންދާކަމަށެވެ. “މަސްވެރިން އުއްމީދު ކުރި 1000 ޓަނުގެ މަސް ސްޓޯރޭޖް މި ޑިސެމްބަރު ގައި އަޅާނެކަމަށް ބުނެ މިނިސްޓަރ ޒަހާ އާއި ބައެއް ފަރާތްތަކުން އޮޅުވާލީކަމަށް ރައްޔިތުން ތުހުމަތު ކުރަން ޖެހުނީ ކޮން ބައެއްގެ ސަބަބުންތޯ” ވިދާޅުވެ ސުވާލު އުފައްދާފައެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ހައްލުނުވެ ގިނަ މައްސަލަތަކެއް ދިގުލައިގެން ދާކަމަށް ބުނެ މި ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހު ގިނަ އަދަދެއްގެ މަސްވެރިންވަނީ މުޒާހަރާވެސްކޮށްފައެވެ. މި މުޒާހަރާގައި މަސްވެރިން ފާޅު ކުރަމުންދާ ޝުއޫރުތަކުގެ ތެރޭގައި މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ގޮވާލުން ހިމެނެ އެވެ. އަދި އުތުރުގައި މަސްގަންނަން ތަރައްގީ ކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމާއި ފަސޭހައިން އައިސް ލިބޭޭނެ ގޮތެއް ހޯދައި ދިނުމަށް މަސްވެރިންވަނީ ގޮވާލާފައެވެ.