English Edition
Dhivehi Edition

މިހާރު ހޮވިފައި އޮތް ތިނަދޫ ކައުންސިލުން ގދ. ތިނަދޫގެ ތަރައްގީގެ ޕްރޮޖެކްޓްތަކުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް މިހެން ވިދާޅުވެފައި ވަނީ 24 ނޮވެންބަރު ވީ ބުދަ ދުވަހު 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބައެއް ޕްރޮޖެކްޓްތައް ކައުންސިލުގެ ބައެއް ކަންތައް ހުންނަގޮތުން ލަސްވަމުންދާ ކަން ފާހަގަކޮށް ސަނީފް މިސާލެއްގެ ގޮތުގައި ނަންގަވާފައި ވަނީ ތިނަދޫ އައުޓްޑޯ ޖިމުގެ ޕްރޮޖެކްޓެވެ. ތިނަދޫގައި އައުޓްޑޯ ޖިމެއް ހެދުމަށްޓަކައި ހަވާލުކުރެވި، އެއް އަހަރު ފާއިތުވެގެން ދިޔައިރު ވެސް ބިން ހަވާލު ނުކުރެވިގެން އެކަން ނުކުރެވިފައި އޮތްކަން ސަނީފް ވަނީ ފާހަގަކޮށްފައެވެ.

ތިނަދޫއަށް މިވަގުތު އެންމެ ގެއްލުން ދެމުންދާ މައްސަލައަކީ ތިނަދޫއަށް އުދައަރައި، ލޮނުގަނޑު އައިސް ރަށުތެރެއަށް އަރަމުންދާ މައްސަލަކަން ފާހަގަކޮށް މިކަންތައް ހައްލުކުރުމަށް ތިނަދޫ ޖެޓީގެ ބޭރުތޮށި ލުމަށްޓަކައި ސަރުކާރުން 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކޮށްފައެވެ.

ތިނަދޫ ޖެޓީގެ ބޭރުތޮށި ލުމަށްޓަކައި މިހާރު ތިނަދޫ ކައުންސިލަށް ކުރެހުންތައް އެޕްރޫވް ކުރުމަށް ފޮނުވާފައި ވާތީ، ތިނަދޫ ކައުންސިލުން ވީހާވެސް އަވަހަކަށް މި ކުރެހުންތައް އެޕްރޫވް ކުރުމަށްފަހު ސަރުކާރުން މި މަސައްކަތް ފެށޭނެ ގޮތް ހައްދަވައިދެއްވުމަށް ސަނީފް ވަނީ ތިނަދޫ ކައުންސިލުގެ ފަރާތުން އެދިލައްވާފައެވެ.