English Edition
Dhivehi Edition

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކު އަޑުއަހާލައި އެކުވެރީންނާއި ރައްޓެހިންނާ ބައްދަލުކޮށްލައި ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށް، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ އަމިއްލަ ޕާޓީގެ މެމްބަރަކު ހުށަހަޅާފައިވާ ގަރާރެއް ކަމަށްވިއަސް ރައްޔިތުންގެ އެދުމާއި އުންމީދާއި އެއްގޮތަށް ގަރާރާއި ދެކޮޅުކަމަށާއި އެކަމަށް ތާއީދެއް ނުކުރައްވާނެ ކަމަށާއި އަދި އެ ގަރާރު ފާސްކުރަން ވޯޓުވެސް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކޮށްފައިވަނީ، އެ ގަރާރު ދިރާސާކޮށް އެކަމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް އެދި އެ ގަރާރު ދިރާސާކޮށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަަށެވެ.

ސަނީފް ވިދާޅުވީ، ރާއްޖެތެރޭގެ ރަށްތައް ތަރައްގީކޮށް މާލެއަށް ލުޔެއް ދިނުމަކީ މީހުން ހެވިފައި ތިބޭނެ ކަމެއް ކަމަށާއި އޭރުން އެންމެންވެސް ތިބޭނީ ހެވިފައި ކަމަށެވެ. އަދި ހުށަހަޅާފައިވާ ގަރާރަކީ ރަނގަޅު މަގުސަދެއް އޮވެގެން ރަނގަޅު ނިޔަތެއްގައި ހުށަހަޅާފައިވާ ގަރާރެއްކަށް ނުދެކޭކަމަށެވެ. އަދި މުޅި މާލެ ބަރާކޮށް މާލެއަށް ތޮއްޖެހި، ތަކުލީފުތަކާ ހެދި މާލޭގައި ދިރިނޫޅެވިގެން އުޅޭ އިރު، ހޭންވީ ކޮންކަމަކާތޯ އާއި އެކަން ކުރަންވީ ތަނަކަށް އެއްވެ ބޭހެއް ބޮއެގެންތޯވެސް ސަނީފު ސުވާލު ކުރައްވާ ވިދާޅުވީ

“މިއުޅެނީ ކޮން ކަމަކާތޯ އަޅުގަނޑުމެން ހޭންވީ، އަޅުގަނޑުމެން ތަނަކަށް އެއްވެ ބޭހެއް ބޮއިގެންތޯ ހޭންވީ، ކޮން ކަމަކާތޯއޭ ހޭންވީ، މި އުޅެނީ މި މާލޭގައި ދިރިނޫޅެވިގެނޭ، މިއުޅެނީ ސިޔާސަތެއް ނެތިގެނޭ، މި މާލެއެއަށް މީހުން ތޮއްޖައްސައި މުޅި މާލެ ބަރާކޮށް، އަޅުގަނޑުމެން މިތިބީ ތަކުލީފެއްގެ ތެރޭގައޭ،” މެމްބަރު ސަނީފު ވިދާޅުވިއެވެ.

މަޖާކުރާ ތަންތަން ހެދުމަށް ގޮވާލުމުގެ ގަރާރަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ގަރާރެކެވެ.

 

1 ކޮމެންޓް
ދެކޮޅުން އެއްކޮޅު
އޭޕްރީލް 29, 2021
އަސްލު ބޭނުންވަނީ ކްލަބެއް ހުޅުވަން.. އެހެން ނުކިޔަންވެގެން މިޔުޒިކް ކުޅޭ މަޖާނަގާ ތަނެކޭ ބުނީ.