English Edition
Dhivehi Edition

ލ. އިސްދޫ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާތައް ހޯދައި، ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށާއި، އެމީހާ ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ ގެއަކުން 54،000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އިސްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

މީގެ އިތުރުން ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު، އެ ގެއިން ކަމަށާއި، އެ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. ކަލައިދޫ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.