English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިސް ސާރވިސް އިން އަވައްޓެރި ފުލުހުންގެ ޚިދުމަތް (ނެއިބަރ ހުޑް ޕޮލިސް) ގދ. ތިނަދޫގައި ފަށައިފިއެވެ

މި ޚިދުމަތް ތިނަދޫގައި ރަސްމީ ކޮށް ފަށްޓަވައިދެއްވީ މިކަމަށް ޙާއްސަ ކޮށް މިއަދު ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި ގދ.އަތޮޅުގެ ޑިވިޜަން ކޮމާންޑަރު މުޙައްމަދު މަސްޢޫދުގެ އިތުރުން ގދ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އަދި ގދ. އަތޮޅު ކައުސިލްގެ ނައިބް ރައީސާއި ގދ.ތިނަދޫ ކައުންސިލް މެމްބަރުންގެ އަދި ސަރުކާރު ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.


މި އާ އިންތިޒާމުގެ ބޭނުމަކީ ފުލުހުންނަކީ ހަމަ އެކަނި ކަމެއް ހިނގުމުން ފިޔަވަޅު އަޅާ ބަޔަކަށް ވުމުގެ އިތުރުން ދުރާލާ ފިޔަވަޅު އަޅާ ބަޔަކަށް ވުމުގެ ސަގާފަތެއް އަށަގެންނެވުން ކަމަށާއި ، އެންމެ މުހިންމު ކަމަކީ އެސަރަޙައްދެއްގައި ދިރިއުޅޭ ރައްޔިތުންނާއި ވީހާވެސް ގާތުން ގުޅުމެއް އުފައްދައި ޚިދުމަތް ދިންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ރައްޔިތުންގެ ބަސް ހޯދައި ، ގުޅުން ބަދަހިކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމުގެ މަޤްޞަދުގައި ތަޢާރަފްކުރި މި ޚިދުމަތާއެކު ކޮންމެ ނެއިބަރހުޑެއް ގައި ހުންނަ ފުލުހުންގެ އިސް އޮފިސަރުގެ ނަމާއި ފޯނު ނަންބަރު އެސަރަޙައްދެއްގައި އުޅޭ ބަޔަކަށް މީޑިއާ ނުވަތަ ލީފްލެޓް މެދުވެރިކޮށް ހިއްސާ ކުރާނެއެވެ. އަދި ނެއިބަރހުޑް މަސައްކަތް ކުރިއަށްދާނެ ގޮތާއި ފުލުހުން އަމަލުކުރަންޖެހޭ ގޮތް އޭގައި ލިޔެފައި އޮންނާނެ ކަމަށް ފުލުހުން ބުނެއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސް އިން އަވައްޓެރި ފުލުހުން ނުވަތަ ނެއިބަރ ހުޑް ޕޮލިސް ގެ ޚިދުމަތް މިހާތަނަށް މާލެ، ހުޅުމާލެ، ވިލިމާލެ އައްޑޫސިޓީ، ފޯއްމުލައް، ގއ.ވިލިނގިލި އަދި ގެމަނަފުށީގައި ރަސްމީކޮށް ވަނީ ފަށާފައެވެ .