English Edition
Dhivehi Edition

މިދުވަސްވަރު އައްޑޫ ސިޓީގެ އެކި އަވަށްތަކުން އެންމެ އަޑުހަރުކޮށް ދައްކާ އެއްވާހަކައަކީ “ބްރިޓިޝް ލޯޔަލްޓީ” ތެޔޮ ޓޭންކަރު ފައްތާލިތާ 75 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި އައްޑޫ ސިޓީގައި ބާއްވަން އުޅޭ ބޮޑު އިވެންޓްގެ ވާހަކައެވެ. މި ވާހަކަތަކާއެކު ގިނަ ބަޔަކު މި އިވެންޓުގައި ބައިވެރިވުމަށް ތައްޔާރުވާން ފެށިއިރު ގިނަ ޒަވާނުންނަށް އައްޑޫ އެތެރެވަރިއަށް “ބްރިޓިޝް ލޯޔަލްޓީ” ތެޔޮ ޓޭންކަރު ފައްތާފައިވާކަމެއް ނުވެސް އެނގެއެވެ. އަދި އެއީ ކޮންއެއްޗެއްކަން، ކިހިނެތް ހިނގި ހާދިސާއެއްކަން ނޭގޭ ގިނަ މީހުން ތިބިއިރު، މި ވާހަކަ އިވުނު ގިނަ މީހުންވަނީ މިއީ ކޮންއެއްޗެއްތޯ ބަލާލުމުގެ ޝައުގުވެރިކަންވެސް ފާޅުކޮށްފައެވެ.

“ބްރިޓިޝް ލޯޔަލްޓީ” ތެޔޮ ޓޭންކަރަކީ ބްރިޓިޝް ޓޭންކާ ކޮމްޕެނީ އިން 1927 ވަނަ އަހަރު، ދެވަނަ ބޮޑު ހަނގުރާމަ ފެށުނުތަނާހެން ބަނދެ، 1939 ވަނަ އަހަރު އިނގިރޭސި މަނަވަރުތަކަށް ބޭނުންވާ ތެޔޮ ރައްކާކޮށް އުފުލުމަށް ބޭނުންކުރި އުޅަނދެކެވެ. 3 ފެބްރުއަރީ 1940 ވަނަ އަހަރު ސްކޮޓްލެންޑް ކައިރިން ނޯތު ސީގައި ދަތުރުކުރަމުންދަނިކޮށް ޖަރުމަނުގެ އެއާކްރާފްޓެއް އައިސް މި ބޯޓަށް ހަމަލާ ދިނުމަށް މަސައްކަތްކުރި އެވެ. މި ހަމަލާގއި ބޯޓަށް އަމާޒުކޮށް ހައެއްކަ ބޮން ވައްޓާލި އިރު ނަސީބު ދިމާކުރި ގޮތުން ބްރިޓިޝް ލޯޔަލްޓީއަށް ބޮމުގެ އަސަރެއް ނުކޮށް ސަލާމަތްވީ ބޮންތައް ކަނޑަށް ވެއްޓުމުންނެވެ. އެހެންނަމަވެސް އެ އެއާކްރާފްޓުން މެޝިން ބަޑި ބޭނުންކޮށްގެން ދިން ހަމަލާ، ބްރިޓިޝް ލޯޔަލްޓީއަށް އަރުމުގެ ސަބަބުން ބޯޓުގެ އެތަން މިތަން ފޫއަޅުވާލި އެވެ. އެ ދުވަހު ބްރިޓިޝް ލޯޔަލްޓީ ސަލާމަތްވީ ރޯޔަލް އެއާފޯސް (އާރުއޭއެފް)ގެ މަތިންދާބޯޓެއް އައިސް، ޖަރުމަނު ބޯޓު ފައްސާލުމުންނެވެ.

1942 ވަނަ އަހަރު މޭ މަހުގެ ތެރޭގައި ބްރިޓިޝް ލޯޔަލްޓީ މަޑަގަސްކަރައިގެ ޑިއޭގޯ ސުއަރޭޒް ބަނދަރުގައި އޮއްވާ އެމަހުގެ 30 ވަނަ ދުވަހު ޖަޕާނު ސަބްމެރިންގެ “މިޖެޓް ސަބްމެރިން” އެއް ޑިއޭގޯ ސުއަރޭޒް ބަނދަރަށްވަނީ ވަދެފައެވެ. އަދި އެ ބަނދަރުގައި އޮތް އިނގިރޭސި މަނަވަރު ‘އެޗްއެމްއެސް ރެމިލީސް’ އަށް އަމާޒުކޮށްލި ޓޯޕީޑޯއެއް ގޮސް މަނަވަރުގައިޖެހި 30 ފޫޓުގެ ބޮޑު ބާގަނޑެއް ހެދުނެވެ. މި ހަމަލާއާއި އެކު އެ ބަނދަރުގެ ސަލާމާތީ ކަންކަން ގޯސްވެ، ބަނދަރުގައި އޮތް ބްރިޓިޝް ލޯޔަލްޓީ ވަގުތުން ބަނދަރުން ނުކުންނަން ނިންމައި ނަގިލި ނަގައި، ބޯޓު ދުއްވާލިތަނާހެން، ޖަޕާނު ސަބްމެރިން އިން މަނަވަރަށް އަމާޒުކޮށް ފޮނުވާލި ދެވަނަ ޓޯޕީޑޯ އަމާޒުވީ ބްރިޓިޝް ލޯޔަލްޓީއަށެވެ. ޓޯޕީޑޯގެ ހަމަލާއާއެކު ބްރިޓިޝް ލޯޔަލްޓީ، ޑިއޭގޯ ސުއަރޭޒް ބަނދަރަށް އަޑިއަށް ދާންފެށުމާއެކު އޭރު ބޯޓުގެ އިސްވެރިއަކަށް ހުރި މީހާގެ އަމުރަށް ހުރިހާ ފަޅުވެރިން ވަނީ ކުދި ބޯޓުތަކުގައި ބޯޓުން ފައިބަން ފަށައިފި އެވެ. އެހެންނަމަވެސް ބޯޓުގައި ތިބި ފަސް ފަޅުވެރިންނާވެސް އެކު ބޯޓު 67 މީޓަރު އަޑިއަށް ފެތުނެވެ. ބްރިޓިޝް ލޯޔަލްޓީ އަޑިއަށް ދިޔަ އިރު އޭގައި 2،000 ޓަނުގެ މުދަލާއި 1،800 ޓަނުގެ ތެޔޮ ހުރުމުން، އެތަކެތި ނެގުމަށްޓަކައި އިނގިރޭސި ޑައިވަރުން މަސައްކަތްފަށާ،ބޯޓު އަލުން ފުންކޮށް، މަރާމާތަށްފަހު ބޭނުންކުރެވިދާނެކަން ޔަގީންވުމުން 1942 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ބޯޓު ފުންކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

Dive at British Loyalty wreck in Addu Atoll

މި ހާދިސާއަށް ފަހު އިނގިރޭސި ރޯޔަލް އެއާފޯސްގެ ބޭސްއެއް ހަދައިގެން އުޅުނު ރާއްޖޭގެ އައްޑުއަތޮޅަށް ތެޔޮ ރައްކާކުރާ ޓޭންކަރެއްގެ ގޮތުގައި ބޭނުންކުރުމަށް އެ ބޯޓު ފޮނުވާލަން ނިންމިއެވެ. 1943 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބްރިޓިޝް ލޯޔަލްޓީ އައްޑޫއަށް ފޮނުވާލާފައިވާއިރު އޭރު އައްޑޫއަތޮޅަކީ އިނގިރޭސި އަސްކަރީ ބޭސްއެއް ހިންގި ތަނެއް ކަމުން، މިތަނުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ އެވެ. އައްޑޫއަތޮޅުގެ އެތެރެވަރިއަށް އިދިކޮޅު ސަބްމެރިންއަކަށް ނުވަދެވޭގޮތަށް، ހަތަރު ކަނޑުއޮޅީގައި ދާ ޖަހައި ބައްދާފައިވާއިރު ގޮވާ ޒާތުގެ ތަކެތިވެސް ހުރީ އެ ކަނޑުއޮޅިތަކުގެ ކައިރީގައި ހަރުކޮށްފަ އެވެ.

British Loyalty Diving in Addu Atoll

1944 ވަނަ އަހަރު ޓޭންކަރު ބްރިޓިޝް ލޯޔަލްޓީ އައްޑޫ ވިލިނގިލި ކައިރީގައި ނަގިލި އަޅައިގެން އޮތްކަމުގެ މައުލޫމާތު ޖަރުމަނުގެ ސަބްމެރިންއަކަށް ލިބުމާއެކު 9 މާޗް، 1944 ގައި ވިލިނގިލި ކައިރީގައި އަޅާފައި އޮތް ބްރިޓިޝް ލޯޔަލްޓީއަށް ޖަރުމަނުގެ ސަބްމެރިންއަކުން ވަނީ ޓޯޕީޑޯ ހަމަލާއެއް ފޮނުވާފައެެވެ. ގަމާ ދިމާލުން އޮންނަ ކަނޑުއޮޅި ބެއްދުމަށް ޖަހާފައި އޮތް ސަލާމަތީ ދާގަނޑުގައި ހެދިފައިވާ ބާގަނޑެއްގެ ތެރެއިން ވަރަށް ހުށިޔާރުކަމާއެކު ފޮނުވާލި އެ ހަމަލާ ބްރިޓިޝް ލޯޔަލްޓީއަށް އަރައި، އެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގައިވާ ތެޔޮ ރައްކާކުރާ ބޮޑު ޓޭންކެއް ހަލާކުވެ އެ އުޅަނދުގެ އިންޖީނު ރޫމެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ބޯޓު ދެން އިތުރަށް މަރާމާތުވެސް ނުކުރެވޭނެ ވަރަށް ހަލާކުވި އެވެ. ނަމަވެސް އެ އުޅަނދުގެ ވެރިއަކަށް ހުރި ފަރާތުގެ އެދުމުގެ މަތިން، ބޯޓު އަޑިއަށް ނުދާނެ ގޮތް ހެދިއެވެ.

އެ ހަމަލާ ދިން އިރު އެ ބޯޓުގައި 6،400 ޓަނުގެ ތެޔޮ އަދި 43،200 ގެލަނުގެ އޮކްޓޭން ފިއުލް ހުރި އިރު ބޯޓަށް ލިބުނު ގެއްލުމުގައި އެއް ޓޭންކަކަށް ލޮނުވަދެ އޭގައި ހުރި 990 ޓަނުގެ ތެޔޮ ތަގައްޔަރުވި އެވެ. ބްރިޓިޝް ލޯޔަލްޓީގައި ހުރި، ބޭނުންކުރެވޭ ޒާތުގެ ތެޔޮ ޕަމްޕުގެ އެހީގައި ގަމުގައި ހުރި ތާންގީ ތަކަކަށް ހުސްކުރި އިރު ބޯޓު ދެލިވެސް ވަނީ ގަމަށް ހުސްކޮށްފައެވެ. އެހެން ނަމަވެސް އޮކްޓޭން ފިއުލް ރައްކާކުރާނެ ވަސީލަތެއް ގަމުގައި ނެތުމުން އެ ތެޔޮތައް ހުސްނުކޮށް ބޯޓުގައި ބެހެއްޓީ އެވެ.މި ހާދިސާގައި އައްޑުއަތޮޅު އެތެރެވަރީގެ ކަނޑުތަކަށް ގިނަ އަދަދަކަށް ތެޔޮ އެޅި، ކަނޑު ތަގައްޔަރުވި އެވެ.

Addu Atoll | ZuBlu

މި ހަމަލާގައި ލިބުނު ގެއްލުމުގެ ސަބަބުން، ހަނގުރާމަ ނިމެންދެން އައްޑޫއަތޮޅުން ބްރިޓިޝް ލޯޔަލްޓީ ނުނެރުމަށް ނިންމި އެވެ. 27 މާޗު، 1944 ގައި އިނގިރޭސި ކަމާބެހޭ ފަރާތުން ބްރިޓިޝް ލޯޔަލްޓީގެ ވެރީންނަށް، އެ ބޯޓު މަރާމާތަށް އެހެން ބަނދަރަކަށް ކަފުޖަގައިގެން ގެންދިއުމަކީ ފައިދާހުރި ކަމެއް ނޫންކަމަށް އެންގިއެވެ. އެހެން ކަމުން، އައްޑުއަތޮޅުގައި ބާއްވައިގެން ކުރެވުނު މަރާމާތެއް ކޮށް، ވިލިނގިލި ކައިރީގައި އެ ބޯޓު ބޭއްވިއެވެ. 15 ޖެނުއަރީ 1946 ވަނަ އަހަރު ހަނގުރާމައަށްފަހު، އައްޑުއަތޮޅު ހިތަދޫއާ ދިމާލަށް ބްރިޓިޝް ލޯޔަލްޓީ ގެންދިޔަ އެވެ. އެއަށްފަހު ބްރިޓިޝް ލޯޔަލްޓީގެ ހަގީގީ ބޭނުން ކެނޑި އެ ބޯޓު ބޭނުންކުރީ އައްޑޫގައި އުޅުނު އިގިރޭސީން، އަމާޒަށް ބަޑިޖަހަން ދަސްކުރަން ބޭނުންކުރާ އަމާޒެއްގެ ގޮތުގައި ބޭނުންކުރަމުންދަނިކޮށް ހިތަދޫއާއި މަރަދޫއާ ދެމެދުގެ ސަރަހައްދަކަށް އަޑިއަށް ދިޔައެވެ. ނުވަތަ ފައްތާލިއެވެ. މި ހާދިސާ ހިނގާފައިވަނީ 1946 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.މި ބޯޓު ފައްތާލުމުން އައްޑޫގެ އެތެރެވަރީގެ ކަނޑުތަކަށް ގިނަ އަދަދަކަށް ތެޔޮ އެޅި އެސަރަޙައްދުގެ މޫދާއި ކަނޑުގެ ލޮނުގަނޑު އެއްކޮށް ތަޣައްޔަރުވެ އެހިސާބުގައިވާ ދިރޭތަކެތީގެ ނަސްލު އެއްކޮށް ނެތިގެންދިޔަކަމަށް ތާރީޚު ދިރާސާ ކުރައްވާ އައްޑޫގެ ދުވަސްވީ މީހުން މަޢުލޫމާތު ދެއެވެ.

ޝިޕްރެކްއަށް 75 އަހަރު ފުރެނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު

އެހެންނަމަވެސް އަޑިއަށް ގޮސްފައިވާ 134 މީޓަރުގެ ބްރިޓިޝް ލޯޔަލްޓީ އޮންނަ ސަރަޙައްދު މިހާރު ވެފައިވަނީ ޤުދުރަތީ ރީތިކަމާއި މޫދު ވިނައާއި މުރަކަ ތަކާއި މަސްމަހާމެހި ގިނަޢަދަދަކަށް ހިމެނޭ ކަނޑުއަޑީގެ ރީތިބަގީޗާއެއް ފަދަ ތަނެއްގެ ގޮތުގައިކަމަށް އެސަރަޙައްދަށް ފީނާމީހުން ސިފަކުރެއެވެ. މިސަބަބާ ހެދި މިތަންވެފައިވަނީ އައްޑުއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ވެސް ޚާއްސަ މަންޒިލަކަށެވެ.ކަ ނޑުގެ 33 މީޓަރު އަޑީގައި އޮތް މި ބޯޓަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޝިޕްރެކެވެ. ނައުގައި މުރަކަ ހެދިފައިވާއިރު އެއީ ޓޫރިސްޓުންނާއި ގިނަ ދިވެހި ޑައިވަރުންގެ މަގުބޫލް ޑައިވިން ޕޮއިންޓެކެވެ.

ބްރިޓިޝް ރޯޔަލް ނައު ފެތިފައިވާ ސަރަހައްދު ދައްކުވައިދޭ ކުރެހުމެއް– ފޮޓޯ: ޑެއިވީ ޑައިވްނައު އޮތް ސަރަހައްދު ޤުދުރަތީގޮތުންނާއި ޠަބީޢީގޮތުން އެއޮތްގޮތަށް ދެމެހެއްޓުމަށްޓަކައި، އެ ސަރަހައްދުތަކަކީ ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ ސަރަހައްދެއްކަމުގައި ކަނޑައަޅައި، އެ ސަރަހައްދުގެ އިންތައް ވަކިކޮށް، އެ ސަރަހައްދުގައިވާ ދިރުންތަކާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރިކުރުމާއި، ބެލެހެއްޓުމާއި، އެ ސަރަހައްދުގެ ޤުދުރަތީ މާޙައުލުގެ މުއްސަނދިކަމުގެ ފައިދާއާއި އިޤްތިސާދީ ފައިދާ އާންމު ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގެ ދަށުން މިސަރަޙައްދު މިހާރު ވަނީ ޙިމާޔަތް ކޮށްފައެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އިން މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ 29 އޮކްޓޯބަރު 2018 ގައެވެ. މިއާއެކު ދެމެހެއްޓެނިވި ތަރައްގީއާއި މީހުންނާއި ގުޅިގެން ގުދުރަތީ މާހައުލު ރައްކާތެރިކުރުމުގެ ފުރުސަތު އޮންނަ ތަންތަނަށް ޔުނެސްކޯ އިން ދެމުން އަންނަ ބަޔޮސްފިއަރ ރިޒާވްގެ ލަޤަބް މިދިޔަ އޮކްޓޯބަރ މަހު އައްޑޫސިޓީއަށް ލިބިފައިވުމުން މިއީ އައްޑޫގައިވާ މިފަދަ ތަންތަން ޙިމާޔަތްކޮށް ބެލެހެއްޓުމަށް އެޅުނު އިތުރު ބާރަކަށް ވެގެންދާނެއެވެ.

މައުލޫމާތު :

https://www.dailydive.com

https://maldives.greatestdivesites.com

ސަން އޮންލައިން