ފިޔޯރީ ޒުވާނުންގެ އިސްނެގުމާއި އެކު މިމަހު 18 އިން 25 އަށް ކުރިޔަށް ގެންދިޔަ ފަރެސްމާތޮޑާ ދާއިރާ ހޮލިޑޭ ކަޕް އަންހެން ޑިވިޜަން ގެ ޗެމްޕިއަންކަން ފަރެސްމާތޮޑާ ބަލިކޮށް ސީދާ 03 ސެޓުން ފިޔޯރީ ޕޮލިސް ސްޓޭޝަންގެ ޓީމް ހޯދައިފިއެވެ.
މެޗްގެ ފުރަތަމަ ސެޓް 25-18, ދެވަނަ ސެޓް 25-11 އަދި ތިންވަނަ ސެޓް ގައި ފަރެސްމާތޮޑާ ޓީމް އިން ކުރި ހޯދި ނަމަވެސް ފިޔޯރީ ޕޮލިސް ޓީމް ވަނީ ފަހަތުން އަރާ 18-18 އިން އެއްވަރުކޮށް, 25-19 އިން ސެޓް ކާމިޔާބުކޮށް ފިޔޯރީ ޕޮލިސް ޓީމުވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ގދ. ފިޔޯރީ ކައުސިލް ރައީސް ޝުޒާމް ސޯލިހް ޝަރަފުވެރި ކޮށްދެއްވި ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ފިޔޯރީ ޕޮލިސް ޓީމް ގެ ޖާޒީ ނަންބަރު 07 ޝަނީޒާ މުޙައްމަދު އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ މޮޅު ސްޕައިކާރ އަކަށް ހޮވިފައިވަނީ ފިޔޯރީ ޕޮލިސް ޓީމްގެ ޖާރޒީ ނަންބަރު 10 އާމިނަތު އިބްރާހިމް އެވެ . އެންމެ މޮޅު ސެޓަރަކަށް ހޮވިފައިވަނީ ފަރެސްމާތޮޑާ ޓީމްގެ ޖާޒީ ނަންބަރު 08 ޝަރީފާ ދީދީއެވެ. އެންމެ މޮޅު ލިބެރޯ އަކަށް ހޮވިފައިވަނީ ރަޓުކޫދު ޓީމް ގެ ޖާޒީ ނަންބަރު 02 އިޝާމާ ރަޝީދު އެވެ. އެންމެ މޮޅު ރިސީވާރ އަކަށް ފެނަކަ ޓީމް ގެ ޖާޒީ ނަންބަރު 11 ނަދީމާ އިބްރާހިމް ހޮވުނުއިރު އެންމެ މޮޅު ސާވާރ އަކަށް ހޮވިފައިވަނީ ރަޓުކޫދު ޓީމްގެ ޖާޒީ ނަންބަރު 12 ނަޒިރާ އަލީ އެވެ. އެންމެ މޮޅު ޑިފެންސް އަކަށް ހޮވިފައިވަނީ ފަރެސްމާތޮޑާ ޓީމް ގެ ޖާޒީ ނަންބަރު 09 ޔާސްމީން އަބްދުالله އަދި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފިޔޯރީ ޕޮލިސް ޓީމްގެ ޖާޒީ ނަންބަރ 02 އައިޝަތު ނަޖުދާ ނާޝިދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗް އަކަށް ހޮވިފައިވަނީ ފިޔޯރީ ޕޮލިސް ޓީމް ގެ ކޯޗް އަހުމަދު ޒިހާނެވެ.
މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗް ގައި ބައްދަލު ކުރާނީ ފެނަކަ ފިޔޯރީ ބްރާންޗް އަދި ރާވެރިޔާ ޓީމެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 ގައިއެވެ. މި މެޗު ވެސް އޭ.އޯ. ނިއުސް ގެ ފޭސްބުކް ޕޭޖް އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ