English Edition
Dhivehi Edition

މާލޭގައި އަންނަ މަހުން ފެށިގެން ފަތިހު ފަތިސްނަމާދަށް ކޮންމެ މީހަކު ވެސް ދާނީ ރީތި ކޮށް ސާފުކޮށްފައި އޮތް ކުނި ނެތް މަގަކުން ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލާއި ވެމްކޯއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގެ ގޭގޭގައި އުފެދޭ ކުނި ރޭގަނޑު 10:00ގެ ކުރިން ބޭރު ކުރުމުން ދަންވަރު 12 އިން ފެށިގެން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

“ކޮންމެ ރެއަކުވެސް ރޭގަނޑު 10:00ގެ ކުރިން ޖެހޭނެ ކުނި ކޮތަޅު ބޭރަށް ނެރެން. އަޅުގަނޑުމެން ކުނި ނަގަން ފަށާނަން 12:00 އިން ފެށިގެން. ފަތިސް ނަމާދުގެ ކުރިން އަޅުގަނޑުމެން އެ ކުނިތައް ނަގައި މަގުތައް ސާފު ކުރާނަން. ފަތިސް ނަމާދަށް ދެން ރައްޔިތުން ދާންޖެހޭނީ ރީތިކޮށް ސާފްކޮށް ކުނި ނެތް މަގަކުން،” އާދަމް މުޙައްމަދު ވިދާޅުވި އެވެ.

މިއީ މުވައްޒަފުންނަށް ބުރަ ބޮޑު މަސައްކަތެއް ކަމަށާއި ރޭގަނޑު ނުނިދާ ހޭލާ ތިބެގެން ކުރެވޭ މި މަސައްކަތުގައި ޢާއްމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އާދަމް ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރ ޝިފާވެސް ބައިވެރިވެވަޑައިގެންނެވި މި ޕްރެސް ގައި އޭނާ ވިދާޅުވީ ކޮވިޑް 19 ގެ ދަތި ޙާލަތަށްފަހު އަލުން ސްކޫލްތައް ހުޅުވަންވާއިރަށް މާލޭގެ މަގުތައް ސާފުކޮށްބޭއްވުމަކީ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި މިއެޅުނު ފިޔަވަޅު ވެގެންދާނީ އެކަމަށް މަގުފަހިވެގެންދާނެ ކަމަކަށް ކަން ޔަގީންކުރައްވާ ކަމަށެވެ.

މާލޭގައި ކުނިނެގުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވަނީ މެންދުރުފަހަށް ކަމަށްވެފައި ގިނަގޭގޭގެ މަގު މައްޗަށް ކުނި ޖަމާކުރުމުން ދުވާލުގަޑީގައި ޓްރެފިކް ޖޭމްވެ ކުނި ނެގުން ލަސްވެ ގިނަ އިރުތަކަކަށް މަގުމަތީގައި ކުނި ޖަމާކޮށްފައިހުންނަ ހުރުން މިގެނައި ބަދަލާއެކު ބޮޑުތަނުން ރަންގަޅު ވެގެންދާނެ ކަމަށް ބެލެވެއެވެ.