English Edition
Dhivehi Edition
މާލޭގެ މަގެއްގެ މަތި

ޗައިނާގެ އެހީގައި މާލޭގެ މަގުތައް ތާރުއަޅައި ތައްރަގީކުރަން ނިންމާފައިވާކަމަށް ކޮންސްޓްރަންޝަން މިނިސްޓަރު, ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވީ މަގުތައް ތަރައްގީ ކުރާއިރު, މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގު ވެސް ތަރައްގީކުރާނެކަމަށެވެ.

މި މަޝްރޫގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފަށަން ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއަކީ ކުރިން ދިވެހި ސަރުކާރުގެ ބަޖެޓުން ހިންގަން ނިންމާފައިވާ މަޝްރޫއެއް ނަމަވެސް, ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މި މަސައްކަތް ޗައިނާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ ގޮތުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުތެރޭގައި އަމަލީ މަސައްކަތް ފެށުމަށް މާލޭގެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރި ނަމަވެސް, ޗައިނާއިން ހިލޭ އެހީ ލިބުމުން މިހާރު އެ މަސައްކަތް ކުރާނީ ޗައިނާގެ ކުންފުންޏަކުންކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.

“މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުންވެސް ހަމަޖައްސާނީ ޗައިނާގެ އެޖެންސީން,” ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މާލެ އަދި ވިލިމާލޭގެ ހުރިހާ މަގުތަކެއް ތާރު އަޅާ ރަނގަޅު ފެންވަރަށް ތަރައްގީ ކުރާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.