ގދ. ތިނަދޫ ކައުންސިލަކީ ހަމައެކަނި ބިންގަލެއް އެޅުމުގައި ބައިވެރިވާ ބައެއް ނޫން ކަމަށް ތިނަދޫ ކައުންސިލުން ބުނެފިއެވެ.
ތިނަދޫގައި ސަރަހައްދީ ބަނދަރު ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބިން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.) އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދް ވިދާޅުވީ، ކައުންސިލަކީ ހަމައެކަނި ބިންގަލެއް އެޅުމުގައި ބައިވެރިވާ ބައެއް ނޫން ކަމާއި ތިނަދޫގައި ކުރާ ކޮންމެ ކަމެއްގައި ކައުންސިލް ބައިވެރިވެފައި އޮންނާނެކަމަށެވެ.
60 އަހަރަށް ފަހު ތިނަދޫގައި އަނެއްކާވެސް މިފަދަ ބަނދަރެއް އެޅިގެން ދިޔުމަކީ ތިނަދޫގެ ރައްޔިތުން މިކަމަށް ހަޖޫ ޖެހުމުގެ ބަދަލުގައި މިކަމުގެ އުފާ ލިބިގަންނަން ޖެހޭ ކަމެއްކަން ފާހަގަކޮށް މިފަދަ ހަފްލާތަކުގައި އުއްމީދު ކަނޑާލައިގެން ނުވާނެކަމަށް މި ރަސްމިއްޔާތުގައި އަމްޖަދު ވަނީ ތިނަދޫގެ ރައްޔިތުންނާ މުހާތަބުކޮށް ވިދާޅުވެފައެވެ. ހަމައެއާއެކު ތަރައްގީ އަކީ މީހާޔަށް އަންނަ ހެޔޮ ބަދަލެއް ކަމާއި، އެ ބަދަލު ލިބޭނީ މަސައްކަތް ކުރަން ތިބި މީހުން، މަސައްކަތް ކޮށްދޭން ތިބި މީހުންނާއެކު ބައިވެރިވެގެންކަން، އަމްޖަދު ފާހަގަކުރެއްވިއެވެ.
މާލެއިން ރަށްރަށަށް ޕްރޮޖެކްޓުތައް އަންނައިރު މިފަދަ މަސައްކަތްތައް ކުރަން ޖެހޭނީ ރަށްރަށުގެ ކައުންސިލާއި އެކީ އެއް މޭޒެއްގައި ވާހަކަދެކެވިގެން ރައްޔިތުންގެ ހިޔާލާ ކައުންސިލުގެ ޚިޔާލާއެކު ކަމުގައި ވީނަމަވެސް، އެގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ބައެއްފަހަރު ބައެއް ކަންކަން ކޮށްފައި ހުންނައިރު ކައުންސިލްތަކަށް އުދަގޫ ތަކެއް ދިމާވާ ކަމަށް އަމްޖަދް ވިދާޅުވިއެވެ.
މީގެ އިތުން ކައުންސިލުން ތިނަދޫގައި ކުރިއަށްދާ ހުރިހާ ކަންކަމުގައި ބައިވެރިވާން ބޭނުންވާކަމާއި ކައުންސިލާއެކު މަޝްވަރާކުރެވި، މަސައްކަތުގެ ކުރެހުމަކީ ކޮބައި ކަމާއި، ޗާޓަކީ ކޮބައިކަމާއި، މަސައްކަތް ނިމިފައި ހުންނައިރު މަސައްކަތް ހުންނަންވާ ގޮތް ކައުންސިލަށް އެނގެން ޖެހޭ ނަމަވެސް ބައެއް ކަންކަން ނިމިފައިހުރި އެގޮތަށް ނޫންކަންވެސް އަމްޖަދް ފާހަގަކުރެއްވިއެވެ.
ތިނަދޫ އެސް.ޓީ.އޯ ސަރަހައްދު ބަނދަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ނިންމާލަމުން އަމްޖަދު ވިދާޅުވީ، އުއްމީދަކީ ފަށަން އުޅޭ މި ޕްރޮޖެކްޓުގެ މަސައްކަތްކުރާ މީހުންނަށް ކައުންސިލުތަކުން އެދޭ ކަންތައްތައް ސާފުވެ, ދެން އަންނަ ކައުންސިލުތަކަށް ތިނަދޫގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ފުރިހަމަ މައުލޫމާތު ލިބޭނެ ކަމަށެވެ.