English Edition
Dhivehi Edition
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ (ކ) އަތުން ބޯޅަ ހޯދަން ރެއާލް ވަޔަޑޮލިޑްގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: ލަލީގާ.ކޮމް

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ރެއާލް ވަޔަޑޮލިޑް އަތުން 3-0 އިން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވައްދާލި ލަނޑާއެކު، އެއް ޓީމަކަށް އެންމެ ގިނަ ލަނޑުޖަހައިގެން ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑް މުގުރާލިއިރު، އެތުލެޓިކޯ މެޑްރިޑުން ރެއާލް ސޮސިއެޑާޑްގެ މައްޗަށް 2-0 އިން ހޯދީ މޮޅާއެކު ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

ބްރެޒިލްގެ ސަންތޯސްގައި 1956 އިން 1974 އާ ދެމެދު ހޭދަކުރީ 19 ސީޒަނުގައި ޕެލޭ ކުޅެދިން 656 މެޗުގައި ޖަހައިދިން 643 ލަނޑާއެކު ހަދާފައިވާ ރެކޯޑް މެސީ މުގުރާލީ 749 މެޗުންނެވެ. ރޭގެ މެޗުގައި ޖެހި ގޯލާއެކު މެސީ ވަނީ ބާސެލޯނާ އަށް 644 ލަނޑު ހަމަކޮށްފައެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އުޅޭ އެތުލެޓިކޯ އަށް 14 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ތިންވަނައިގައި އޮތް ސޮސިއެޑާޑް އާއި ހަތަރުވަނައިގައި އޮތް ވިޔަރެއާލަށް 26 ޕޮއިންޓް ލިބިފައިވާއިރު، ސޮސިއެޑާޑަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.

ވަޔަޑޮލިޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ބާސެލޯނާ އިން ލީޑްނެގީ މެސީ ނަގައިދިން ހުރަހަކުން ކްލެމެންޓް ލެންގްލޭ ކާމިޔާބުކުރި ގޯލަކުންނެވެ. އޭގެފަހުން މެޗުގެ 35 ވަނަ މިނެޓުގައި މާޓިން ބްރެއިތުވެއިޓް ވަނީ ބާސެލޯނާ އަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ އެ ޓީމުގެ ފުލްބެކް ސާޖީނޯ ޑެސްޓް ތަނަވަސްކުރި ފުރުޞަތަކުން ބްރެއިތުވެއިޓް ކާމިޔާބުކުރި ގޯލެކެވެ.

ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ބާސެލޯނާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، މެޗުގެ 65 ވަނަ މިނެޓުގައި މެސީ ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޕެޑްރީ ތަނަވަސްކުރި ފުރުޞަތަކުންނެވެ. މި ގޯލާއެކު މެސީ ވަނީ މިހާތަނަށް އެއް ކްލަބަކަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައި ތާރީޚުން ޖާގަ ހޯދާފައެވެ.

ސޮސިއެޑާޑްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗުގައި ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ފަހު ހާފުގައެވެ. އެ ޓީމުން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ބެލްޖިއަމްގެ ޔަނިކް ފެރޭރާ ކަރަސްކޯ ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައެއް މާރިއޯ ހާމޯސޯ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލުންނެވެ.

މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ސޮސިއެޑާޑް ކޮޅަށް އެތުލެޓިކޯ އިން ޖެހި ދެވަނަ ލަނޑު، މެޗުގެ 74 ވަނަ މިނެޓުގައި މާކަސް ލޮރެންޓޭ ކާމިޔާބުކުރިއިރު މި ގޯލް ޖެހުމަށް އެހީތެރިވެދިނީ ވެސް ކަރަސްކޯ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ވެލެންސިއާގެ ދަނޑުގައި 1-0 އިން ސެވިއްޔާ މޮޅުވިއިރު، ހުއެސްކާއާ ދެކޮޅަށް ލެވާންޓޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ވިޔަރެއާލުން އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުވެސް ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.