އިންޑިއާ ސަރުކާރުގެ އެހީއާއެކު އައްޑޫސިޓީގައި ޤާއިމް ކުރާ ޕޮލިސް އެކަޑަމީ ގެ މަސައްކަތް މިފެށޭ 2021 ވަނަ އަހަރުގެ މާޗްމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ޕޮލިސް ކޮލެޖްގެ މަސައްކަތް ހިނގާ ސަރަޙައްދަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޙަމީދު ވިދާޅުވީ މިހާރު މިމަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށާއި އެހެންކަމުން މި ޕްރޮޖެކްޓާއި ބެހޭ ގޮތުން ސަރުކާރުން ޤާއިމް ކޮށްފައިވާ ސްޓިއަރިން ކޮމިޓީއިން ވަރަށް އަވަހަށް މިތަން ހުޅުވާނެ ތާރީޚެއް އިޢުލާން ކުރާނެ ކަމަށެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސީޕީ ވިދާޅުވީ އައްޑޫގައި ޤާއިމް ކުރެވޭ ޓްރެއިނިންގ ސެންޓަރަކީ އެއްވެސް ޙާލެއްގައި މިލިޓަރީ ސްޓްރަކްޗަރ އެއް ނޫން ކަމަށާއި މިލިޓަރީއާއި އެއްވެސް ގުޅުމެއް ހުންނާނެ ތަނެއް ވެސް ނޫން ކަމަށެވެ. މިއީ 2009 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންނަށް ތަމްރީން ދިނުމަށް މަރުކަޒެއް ހެދުމަށް ކުރެވެމުންދިޔަ މަޝްވަރާ ތަކާއެކު އައްޑޫގައި ޤާއިމް ކުރެވޭ ތަނެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
” އެއްގޮތަކަށްވެސް މީކީ މިލިޓަރީ ސްޓްރަކްޗަރ އެއް ނޫން. މިތާނގައި ނުހުންނާނެ އެފަދަ އެއްވެސް ވަސީލަތެއް. މިތަނުގެ ނަމަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް” ސީޕީ ޙަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވި ގޮތުގައި އެކަޑަމީގެ އެއްބަސްވުމުގައި ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް ބަލާ އިރު އެކަން އޮތީ އިންޑިއާގެ ނުފޫޒު އޮންނާނެ ގޮތަކަށް ނޫނެވެ. އެހެންވެ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ސީޕީ ވިދާޅުވި އެވެ.
އެކެޑެމީގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮރަށް އަށް ކްލާސްރޫމާއި ފަދަ ވަސީލަތްތައް ހިމެނެ އެވެ.
ޕޮލިސް އެކަޑަމީގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. އެ ކުންފުނިން އެތަނުގެ މަސައްކަތް ފެށީ 2017 ގަ އެވެ.