English Edition
Dhivehi Edition

ގދ. ގައްދޫގައި މަސްފެކްޓަރީ އެއް ޑިޒައިންކޮށް އިމާރާތްކުރުމުގެ އިތުރުން އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާއިން މި މަހު 17 ވަނަ ދުވަހު އިއުލާނު ކޮށްފިއެވެ.

މި އިއުލާނާއި ގުޅިގެން އޭ.އޯ. ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވީ ގައްދޫ ބަނދަރު އައިސްޕްލާންޓްގެ އުތުރުން އޮންނަ ހުސް ބިމުގައި 40،000 އަކަ ފޫޓުގެ ބިން މަސް ފެކްޓްރީ އެޅުމަށް ކަނޑައަޅާ ސަރުކާރުން ނަގަން ޖެހޭ ހުއްދަ ނެގުމަށްފަހު އިއުލާނުކުރި މި މަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މި މަހުގެ 23 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވާނެ ކަމަށެވެ.

މި މަސްފެކްޓަރީއާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައްޔާން ވިދާޅުވީ މި މަސްފެކްޓަރީގެ ސަބަބުން ކައުންސިލްއަށް ލިބޭ އާމްދަނީ އެތައްހާސް ގުނައެއް އިތުރުވެގެން ދާއިރު 150 އެއްހާ ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ. ވަޒީފާއެއް ނެތި، ވަޒީފާގެ ފުރުސަތު ބޭނުންވެފައިވާ ރައްޔިތުންނަށް މީ ފާގަތިކަން ގެނެސްދޭނެ ކަމެއް ކަމާއި ވަޒީފާގެ މާހައުލުން ގިނަ ދިވެހިން ފެނުމަކީ އުންމީދެއް ކަމަށް ކައުންސިލަރ މައުލޫމާތު ދެއްވިއެވެ.

މި މަސްފެކްޓަރީ ގައްދޫގައި ގާއިމުވެގެން ދިއުމަކީ ގިނަ މަސްވެރިން ތަކެއްގެ ވެސް އުއްމީދު ކަމަށާއި މަސްފެކްޓަރީގެ ސަބަބުން ގައްދޫގެ އިތުރުން ދެކުނުގެ ހުރިހާ ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ ކަމަށް ވިދާޅުވެ ރައްޔާން ވަނީ އިއުލާން ކުރުމަށް ފަހު ފާއިތުވެގެން މިދިޔަ ފަސްވަރަކަށް ދުވަހު ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅު ކޮށްފައިވާކަން ފާހަގަކޮށްފައެވެ.

މަސްފެކްޓަރީ ގާއިމްކުރުމަށް ކޮށްފައިވާ އިއުލާނުގެ އިތުރު މައުލޫމާތު ދެނެގަނެވޭނެ ހެން ދިވެހި ސަރުކާރު ގެޒެޓްގައި ވަނީ ޝާއިޢުކޮށްފައެވެ.

ލިންކު: Gazette