English Edition
Dhivehi Edition
ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓް/ފޮޓޯއޭއޯނިއުސް

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ޕޮލިސް އެކަޑަމީއެއް އަޅަން ފެށުމާއެކު އެކަން ވެގެންދިޔައީ ސިޔާސީ ބޮޑު ވަހުތާނެއްގެ ގޮތުގައެވެ. އެކި ފަހަރު އެކި އަޑު އެކި އަނގައިން އެތަނާ މެދު އިވެންފެށިއެވެ. އައްޑޫ ލިންކު ރޯޑުން ދުއްވާފައިދާ ކޮންމެ މީހަކަށްވެސް ހާމައަށް ފެންނަމުން ދިޔައީ ނަގާ ކޮޅަށް ޖަހަމުން ދިޔަ އުސް ޢިމާރާތްތަކެވެ. މަގަތުގައި ހިމަ ދިގު ރާސްތާއަކަށް ބުރިބުރިއަށް ނެގެމުންދިޔަ ޢިމާރާތްތަކާއި ތަންތަން އުސްވެ ނިމެމުންދިޔަ ވަރަކަށް މިބިމުގެ މިލްކުވެރިންކަމުގައިވާ އައްޑޫގެ ރައްޔިތުންގެ ހިތްތައް ދިޔައީ ބިރުން ވިރެމުންނެވެ. ތާރީޚު އިޢާދަ ވަނީ ބާއޭ ހިތަށް އެރި މީހުންވެސް މަދެއްނޫނެވެ.

 

އެފަދަ ތަފާތު ގޮތަކަށް އައްޑޫސިޓީގަން އިނގިރޭސިންނަށް ދީގެން އާރާސްތުވެ ނިމުނުތަނާ ހެން ލިބުނުފަދަ ކޮޅު ކެއްސެއް އިންޑިއާއަށް ޓައުނެއް އާބާދު ކުރަން ދީގެން ލިބިދާނެ ކަމުގެ ބިރު ހީވެ ވާނުވާ ގައި ތިބޭތާ ކިތައްމެ ދުވަހެކެވެ. އެއާއެކު އެއަށްވުރެވެސް ބިރުވެރިކަން އުފެދުނީ އިންޑިއާގެ މިލިޓަރީ ބޭހެއް އައްޑޫގައި ޤާއިމް ކުރާ ކަމުގެ އަޑުތަކާއެކުގައެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓް ޢިމާރާތްކުރުމުގެ ތެރެއިން/ފޮޓޯ ސަންއެމްވީ

ވަށާ ފެންސް ޖަހައިގެން މޫދު ތެރެއިންވެސް ބަޔަކާއެކު ގޮތްނޭނގޭ ކަންތައް ގަނޑެއް ހިނގާ ކަމުގެ އަޑުތަކެވެ. ދެންވެސް އިވުނީ މިކަމަށް ބާރު ލިބޭފަދަ ވާހަކަތަކެވެ. އައްޑޫ ލިންކުރޯޑު އެޓައުނާ ހަމައިން ބަންދުވާނެ ކަމުގެ ވާހަކައެވެ. އެސަރަޙައްދަކީ ފަހުން އެއްވެސް ބަޔަކަށް ނުވަދެވޭނެ ތަނެކޯލައެވެ. ފޮޓޯއެއް ނެގުންފަދަ ކަމެއް އެއްކައިރީ ބާއްވާފާ އެސަރަޙައްދު ފެންނަ ހިސާބަށް ވެސް ނުދެވޭނެކަމަށެވެ.

އިއްޔެ ނޫސްވެރިންނަށް މިޢިމާރާތް ދައްކާލުމުގެ ޓުއަރ އެއް ފުލުހުންވަނީ އިންތިޒާމް ކޮށްދެއްވާފައެވެ. ސީޕީ ޙަމީދުވެސް ބައިވެރިވެވަޑައިގެންނެވި މި ޓުއަރ ގައި ނޫސްވެރިން ބޭނުންކަމެއް ކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. ބޭނުން ދިމާއަކުން ބޭނުން ދޮރަކުންވަދެ މުޅި ތާ އަތްފުނާއެޅުމަށް ލިބުނު ފުރުސަތާއެކު ޑްރޯންއާއި ކެމެރާއަދި ފޯން ބޭނުންކޮށްގެން ނޫސްވެރިން އެއްކުރި މަޢުލޫމާތު މިއިވޭ އަޑާ ހާސް ތަފާތެވެ.

އެތަނުން ފެނުނީ 500 މީހުންގެ ޖާގައިގެ ޖިމްނާޒިއަމްއެކެވެ. 400 މީޓަރުގެ ޓްރެކެކެވެ. ފުޓްބޯޅަ ދަނޑާއި ބާސްކެޓް ކޯޓާއި ޓެނިސްކޯޓެވެ. 340 މީހުންގެ އޮޑިޓޯރިއަމްއާއި 40 މީހުންނަށް އެއްފަހަރާ ތިބެވޭ 8 ކްލާސް ރޫމަކީ އެބުނާ މިލިޓަރީއަކާ ގުޅުންހުރި ތަންތަނެއް ނޫނެވެ. އަދި މިއަދަދުތަކާއި އެއްވަރަށް ތަމްރީނުވާ މީހުންނާއި މުދައްރިބުންނާއި ލެކްޗަރާއިންގެ އެކޮމޮޑޭޝަން ބްލޮކްތަކާއި އަޅުކަންކުރާނެ މިސްކިތެކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓް/ފޮޓޯ އޭއޯނިއުސް

ފުލުހުންގެ ފިޒިކަލް ޙަރަކާތްތައް ހިންގާނެ އައުޓްޑޯ ޖިމްތަކާއި އިންޑޯ ހޯލްތަކެވެ. އޮފީސް ޢިމާރާތްތަކާއި އެފަދަ އެންމެހާ ކަންކަމަށް ޚާއްސަ ބިނާތަކެވެ. މިއީ އެއްވެސް ޙާލެއްގައި މިލިޓަރީ ފެސިލިޓީއަކުން ފެންނާނެ ތަންތަނެއް ނޫނެވެ.

އަންނަ އަހަރުގެ މާޗްމަހު ޢިމާރާތްކުރުން އެއްކޮށް ނިންމާލުމަށް މިހާރުވެސް މަސައްކަތްކުރަމުންދާ ޙަގީގީ މިތަނަކީ އިންޑިއާ ސަރުކާރާއި ރާއްޖެއާއި ދެމެދުވެވޭ 42 މިލިއަން ޔޫއެސް ޑޮލަރުގެ ތަރައްޤީގެ ޕާޓްނާރޝިޕް މެގަ ޕްރޮޖެކްޓެކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓް/ފޮޓޯ އޭއޯނިއުސް

2021 ވަނަ އަހަރަށް ވެސް ސަރުކާރުގެ ބަޖެޓުން މިކަމަށް 11 މިލިއަން ރުފިޔާ ހިމަނާފައިވުމަކީ އިންޑިއާގެ ހިލޭ އެހީގެ އިތުރުން ރާއްޖޭގެ ސަރުކާރުންވެސް ބޮޑު ހޭދައެއް މި ޕްރޮޖެކްޓަށް ކުރާނެ ކަމުގެ ރަމްޒެކެވެ. އައްޑޫގައި ޤާއިމް މިކުރެވޭ ޕޮލިސް އެކަޑަމީއަށް މިހާރު ދީފައިވާ ޚާއްސަ ނަމަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓެވެ. މިތަނަކީމިނަމުންވެސް ދޭހަވާ ފަދައިން ފުލުހުންނާއި ދިވެހި ދައުލަތުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާ ތަކުގެ ޓްރެއިނިންގ ތަކަށް ޚާއްސަ ކުރެވިގެންދާނެ ތަނެކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓް/ފޮޓޯ އޭއޯނިއުސް

އައްޑޫސިޓީ ކައުންސިލްގެ ދައުރެއްވެސް ބޭއްވުމާމެދު މަޝްވަރާ ކުރެވެމުން އަންނަ މިތަން އައްޑޫސިޓީއާއި މުޅި ރާއްޖެއާއި އަދި ރާއްޖޭން ބޭރުގެ ވެސް ޢާއްމު ފަރުދުންނާއި ސްކޫލް މަދްރަސާތަކާއި މުވައްސަސާތައް އަދި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން ހިންގާ އިޖްތިމާޢީ ކަންކަމުގައި އެހީއަކަށްވެ ކުޅިވަރުތަކާއި ތަމްރީނުތައް މިތަނުގައި ބޭއްވޭނެ ފަދަ އިންތިޒާމެއް ޤާއިމް ވެގެންދާނެ ކަމުގެ އުފާވެރި ޚަބަރު ސީޕީ ޙަމީދު ވަނީ ދެއްވާފައެވެ. މިއީ ހަމަ ގައިމުވެސް އައްޑޫސިޓީގެ އިޤްތިސާދަށް ހެޔޮ އަސަރެއް ކުރާނެ ކަމަކަށް ވެގެންދާނެއެވެ.

ވަޒީފާގެ ފުރުސަތުތައް ހުޅުވި އައްޑޫއަށް ޢުމްރާނީ ގޮތުން ކުރިއެރުން ލިބި ވިޔަފާރިވެރިންނާއި އެނޫންވެސް އެތައް ބަޔަކަށް މިތަނުގެ ފައިދާއާއި މަންފާ ފޯރާނެ ފަދަ ، ދިވެހިން ފަޚުރުވެރިވާ ބިނާއަކަށް މިތަން ހެދުމަށް އައްޑޫ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސަރުކާރުން އެކުރައްވާ މަސައްކަތުގައި އަޅުގަނޑުމެން ވާންވީ ކޮޅުފައިން ނުޖަހާ ބަޔަކަށެވެ. ފަޚުރުވެރި ދިވެހި ދަރީންތަކެއް ތަމްރީން ވެގެން ނިކުންނަ ކާރުޚާނާއަކަށް މިތަން ހެދުމުގައި ދިވެހީން އަތުގުޅާލަންވީއެވެ. މުސްތަޤުބަލްގައި މިތަނުން ހިޔާވަހިކަން ހޯދާނެ ހަރުދަނާ ޒުވާން ޖީލަށް ޓަކައިވެސް މިތަނާމެދު ފަޚުރުވެރިވުން ހައްގެވެ.

5 ކޮމެންޓް
raasthaa
ޑިސެމްބަރު 24, 2020
ދެން ދައްކާނެ އިތުރު ވާހަކައެއް ނެތެންނުދޯ... ކޮމެންޓް ކުރާކުދިންކޮޅު ހަޖަމް ކޮއްލައިގެން ތިބެބަލަ..???
ސަލީމު
ޑިސެމްބަރު 23, 2020
mdp baigandu loluga india meehun andhun alhuvaafa ethibee
Heena
ޑިސެމްބަރު 21, 2020
Duvaskolhaku fennaane thithan beynun kuraa than, dhen fennaanee an'dhaa alhaiyah hadhaafa huttaa.
ހުސައިން ރަޝީދު
ޑިސެމްބަރު 21, 2020
މިލިޓަރީ ބޭސްއަކަށް ނުވަންޔާ ގޫގުލް ޢާތުން އެތަން ނެގީ ކީއްވެގެން ކަން ޝިމްލާ ބުނެލަދީބަލަ
ކަރުނަ
ޑިސެމްބަރު 21, 2020
އާނ ކަލޭމެން ދުވާލަށް ރޭގަނޑޭ ބުންޏަސް އައްޑޫ ބީތާއިން ގަބޫލުކުރާނެ