އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުގައި ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ 2-0 އިން ބަލިކޮށް ލެސްޓާ ސިޓީން ތާވަލްގެ ދެވަނަ އަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް 6-2ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ކުރިއަށް ޖެހިލައިފިއެވެ.
ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ލިވަޕޫލެވެ. ލިވަޕޫލަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލެސްޓާ އެވެ. އެއްމެޗު މަދުން ކުޅެގެން ތިންވަނައިގައި 26 ޕޮއިންޓާއެކު ޔުނައިޓެޑް އޮތްއިރު، ހަތަރުވަނައިގައި އޮތް އެވަޓަން އަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ޔުނައިޓެޑަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލެސްޓާ އިން ލީޑްނެގީ ޖެމީ ވާޑީ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އެ ޓީމުގެ ވެސްލީ ފޮފާނާ އަށް ޓޮޓެންހަމްގެ ފުލްބެކް ސާޖް އޯރިއޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހުގައެވެ.
ދެވަނަ ހާފުގައި ވެސް ލެސްޓާ އިން ވަނީ ޓޮޓެންހަމްގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ވާޑީ ބޮލުން ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޓޮޓެންހަމްގެ ޓޮބީ އަލްޑަވިރެލްޑްގެ ގައިގަ ޖެހި ގޯލްގެ ތެރެއަށް ވަތް ބޯޅައާއެކު ލެސްޓާ އިން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އޭގެކުރީން، އެ ޓީމުގެ ޖޭމްސް މެޑިސަން ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ އެ ގޯލް ބަލައިނުގަންނަން ނިންމީ އެ ބޯޅަ ފޮނުވާލުމުގެ ކުރީން މެޑިސަން އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.
ލީގުގައި ރޭ އޯލްޑް ޓްރެފޯޑްގައި ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. މި ދެލަނޑުވެސް އެ ޓީމަށް ޖަހައިދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. މި ދެ ގޯލާއެކު މެކްޓޮމިނޭ ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި މިހާތަނަށް މެޗެއްގައި އެންމެ އަވަހަށް ދެލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
އޭގެފަހުން، މެޗުގެ 20 ވަނަ މިނެޓުގައި ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ގޯލާއި، މެޗުގެ 37 ވަނަ މިނެޓުގައި ވިކްޓަ ލިންޑެލޯފް ވައްދާލި ލަނޑާއެކު ޔުނައިޓެޑުން ވަނީ ހަތަރު ލަނޑުގެ ލީޑެއްނަގާފައެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ލީޑްސް އަށް ފަރަގު ކުޑަކޮށްދިނީ ކެޕްޓަން ލިއާމް ކޫޕާ އެވެ.
ޔުނައިޓެޑުން މި މެޗުގައި ޖެހި ފަސްވަނަ ލަނޑު، މެޗުގެ 66 ވަނަ މިނެޓުގައި މެކްޓޮމިނޭ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ވޭލްސްގެ ވިންގާ ޑެނިއަލް ޖޭމްސް އެވެ. އޭގެ ހަތަރު މިނެޓުފަހުން، ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް ލީޑްސްގެ ޕަސްކަލް ސްޓްރުއިކް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ފެނާންޑޭސް ވަނީ ނަތީޖާ 6-1 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ 73 ވަނަ މިނެޓުގައި ސްޓުއާޓް ޑަލާސް ވަނީ ލީޑްސް އަށް ފަރަގު ކުޑަކޮށްދީފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު ބައެއް އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސޭމް އެލާޑީސްގެ އިރުޝާދުގެ ދަށުން ވެސްޓް ބްރޮމް ނިކުތް ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 3-0 އިން ބަލިވިއިރު، ބްރައިޓަންއާ ދެކޮޅަށް ޝެފީލްޑް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.