English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ނ. ޅޮހީ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނ. ޅޮހީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ޙަސަން މަނިކު ވަނީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ ޙަޟާނާތުގެ މައްސަލައިގައި، ދަޢުވާކުރި ފަރާތާ ކުއްޖާ ހަވާލުކުރުމަށް ވަގުތީ އަމުރެއް ނެރެ، އެ އަމުރު ހައި ކޯޓުން ބާތިލްކުރުމުންވެސް، ކުއްޖާ ކުރިން ހުރި ޙާލަތަށް ރުޖޫޢަ ކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އިސްމެޖިސްޓްރޭޓް ވަނީ ދަޢުވާކުރި ފަރާތުން ބޭނުންވި މަޤްޞަދު ހާސިލްވާ ގޮތަށް މައްސަލައިގެ ޙަލަތު ދަމަހައްޓައި، މައްސަލަ ތާވަލު ނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު ދައުވާ ކުރާ ފަރާތަށް އެކަނި ޗިޓް ފޮނުވައި، ދަޢުވާ ލިބޭ ފަރާތުގެ ބަހެއް ނެތި ދަޢުވާ ބާތިލްކޮށްފައި ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

އެހެންކަމުން އެ މައްސަލަ ބެލުމަށް ތަޙުޤީޤު ކޮމިޓީއެއް އެކުލަވާލުމަށް މިއަދު ބޭއްވި އެ ކޮމިޝަންގެ 98 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.