އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ފެދޫ އަވަށު އޮފީހުން އޮޅުވާލައިގެން ސައްހަނޫން މަޢުލޫމާތުތަކެއް ހިމަނޭ ލިޔުންތަކެއް “ވަގުތު” މީޑިއާ އަށް ދިންކަމަށް ބުނެ “ވަގުތު” އިން ފަތުރާފައިވާ ޚަބަރު ހަގީގަތާއި ހިލާފް ވާހަކަތަކެއް ކަމަށް އައްޑީ ސިޓީ ކައުންސިލުން ބުނެފިއެވެ
އިއްޔެ ‘ވަގުތު ނޫހު’ގައި ބުނެފައިވަނީ “ވަގުތު” އިން މިހާރު އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ ކުޅުންތެރިޔަކު އައްޑޫ ސިޓީ ފޭދޫގައި ދިރިއުޅޭކަން ދެއްކުމުގެ މަޤުޞަދުގައި ސައްހަ ނޫން މައުލޫމާތުތަކެއް ހިމަނައިގެން “ވަގުތު” އަށް ލިޔުންތަކެއް ފޮނުވި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން “ވަގުތު” އިން ނިންމާފައިވާކަމަށެވެ.އަދި ފޭދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ އައިޝަތު ސުހާ އާއި އެއޮފީހުގެ ޑިރެކްޓަރ ހަސަން ޒަރީރު ސޮއިކޮށް ފޮނުވި ދެލިޔުމުގައި ހުރީ ސައްހަ ނޫން މައުލޫމާތުކަމަށް ވަގުތު ނޫހުން ބުނެފައިވާއިރު، އެ ނޫހުން ބުނީ ސިޓީގައި ބަޔާންކޮށްފައިވާ ކުޅުންތެރިޔާ ފާއިތުވި ހަމަސް ދުވަހުން ބޮޑުބައި ހުޅުމާލާގައި ހުންނަ އޭނާ މަސައްކަތް ކުރާ އޮފީހަށް ގަވައިދުން ވަޒީފާ އަށް ނިކުތްކަން ކަށަވަރު ކުރެވޭނެ ލިޔުންތަކެއް “ވަގުތު” އަށް ލިބިފައިވާކަމަށެވެ.
މި ހަބަރާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ސައްހަނޫން ލިޔެކިޔުންތަކެއް ދިންކަމަށް “ވަގުތު” އޮންލައިން ފާހަގަކޮށްފައިވާ ކަމަކީ ދިވެހި ރައްޔިތަކު އައްޑޫ ސިޓީ ފޭދޫގައި ދިރިއުޅޭތާ 06 (ހައެއް) މަސް ދުވަސް ވެފައިވާކަމުގެ ލިޔުމަކާއި ގުޅޭ މައްސަލައެއްކަމަށެވެ.
ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ދިވެހިރާއްޖޭގައި އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން ފާހަނގަކޮށް ސިޓީ ކައުންސިލުން ބުނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަމަށެވެ. އަދި މިޙައްޤުތަކާއި މިނިވަންކަން ފުޅާ ދާއިރާއެއްގައި ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައި އޮތުމުން އެހެން ރަށްތަކުގެ ރައްޔިތުން ވެސް އައްޑޫގައި ދިރިއުޅެމުންގެންދާކަން ކައުންސިލުންވަނީ ފާހަނގަކޮށްފައެވެ. މީހަކު އައްޑޫގައި ދިރިއުޅެމުން ގެންދާކަމުގެ ލިޔުމެއް ހޯދުމަށް އެދެފިނަމަ އެއިދާރާއިން ޢަމަލުކުރަމުން ގެންދާގޮތާއި ބެހޭ ގޮތުން ކައުންސިލުން ބުނީ، އެމީހަކު އައްޑޫގައި ވަކި ދުވަހެއް ވަންދެން ދިރިއުޅެމުންގެންދާކަން އެގޭނެ ދެފަރާތެއްގެ ބަސް ލިޔުމުން ހޯދުމަށް ފަހު އެފަރާތްތަކުން ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް އަވަށު އޮފީހުން އެފަދަ ލިޔުން ދޫކުރާކަމަށެވެ.އަދި “ވަގުތު” އިން ފާހަގަކޮށްފައިވާ މައްސަލާގައި ވެސް ފޭދޫ އަވަށު އޮފީހުން ޢަމަލުކޮށްފައިވަނީ މިގޮތުގެމަތިންކަމަށް ކައުންސިލުންވަނީ ބުނެފައެވެ.
“އެހެންކަމުން ފޭދޫ އަވަށު އޮފީހުން ބަޔަކަށް ނާޖައިޒު މަންފާއެއް ނުވަތަ ފައިދާއެއް ހޯދުމަށް ލިޔުންތަކެއް ތައްޔާރުކޮށް ސައްހަނޫން މަޢުލޫމާތު ދީފައިވާކަމަށް “ވަގުތު” އިން ބުނެފައިވާ ބުނުމަކީ ޙަޤީޤަތާއި ޚިލާފު ވާހަކައެއް. “ވަގުތު” އިން 19 ޑިސެމްބަރު 2020 ގައި ޚަބަރު ގެނެސްދިން އިރު ކައުންސިލްގެ އިދާރާގެ ބަހެއް ހޯދާފައި ނުވުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް” ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.