ވަގުތަކީ ކޮންމެ މީހަކަށްވެސް އެހާމެ މުހިއްމު އެއްޗެކެވެ. އަދި އެ ވަގުތުގެ މުހިއްމުކަން އެންމެ ބޮޑަށް އެނގިގެންދަނީ އެވަގުތެއް އަތުން ބީވެން ދިޔުމުންނެވެ.
ވަގުތު ނުވަތަ ގަޑި އަކީ އޭގެ މުހިއްމުކަމާއި އެއްވަރަށް ޖާދުލެއްކަހަލަ އެއްޗެކެވެ. ސަބަބަކީ އަބަދުވެސް އިންސާނާ އުޅެންޖެހޭނީ ވަގުތުގެ ފަހަތުން ކަމަށްވާތީއެވެ. ލިބިފައިވާ މަދު ވަގުތުކޮޅުތެރޭގައި ކުރަންޖެހޭ ކަންތައްތައް ތަރުތީބު ކޮށްލުމުގައެވެ. މީގެ އިތުރުން ވަގުތާއި ބެހޭގޮތުން ހޯދިފައިވާ އާދަޔާ ހިލާފް ކަންތައްތައް އެނގޭ ހެއްޔެވެ.
ކޮންމެ ދުވަހަކީ އާދުވަހެކެވެ. އެގޮތުން ދުނިޔެ އެނބުރޭ އެނބުރުމަށް ބަލާއިރު ކޮންމެ 24 ގަޑިއަކުން އެއްބުރު ޖަހައެވެ. ސައިންވެރިން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ދުނިޔެއަށް މިގޮތަށް ބުރެއް ޖަހާލެވެނީ 23 ގަޑިއިރާއި 56 މިނަޓާއި 4.2 ސިކުންތުނެވެ.މިގޮތަށް ރޭދުވާ ތަކުރާރުވަމުން ދެއެވެ. މިކަން ބަދަލު ކުރުމަށް ބައެއް ޤައުމުތަކުން މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެގޮތުން 1929 އާއި 1931 ވަނަ އަހަރާއި ދެމެދު ބައެއް ޤައުމުތަކުން މިކަން ބަދަލު ކުރުމަށްޓަކައި ހަފްތާއަކީ 6 ދުވަހުގެ މައްޗަށް އެކުލެވިގެންވާ އެއްޗަކަށް ހަދަން މަސައްކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެެވި އެންމެފަހުން ހަފްތާއެއްގައި އޮންނާނީ 7 ދުވަސްކަމަށް 1940 ގައި ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން 12 ގަޑީގެ ބަދަލުގައި 10 ގަޑީގެ ގަޑި ފްރާންސް އިން އީޖާދުކޮށްފައި ވެއެވެ. ނަމަވެސް އެކަން ވެސްވީ ފަހުން ޖޯކަކަށެވެ.
ވަގުތާއި ބެހޭގޮތުން އިތުރށް ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި މެކްސިކޯ އަކީ އެންމެ މަސައްކަތުގެ ވަގުތު ގިނަ ޤައުމެވެ. އެމީހުންގެ ފަހަތުގައި އޮތީ ސައުތު ކޮރެޔާއާއި ގްްރީކް އެވެ. ސުވެޑަންގައި މަސައްކަތު ގަޑިއަކަށް ކަނޑައަޅާފައި އޮންނަނީ 6 ގަޑި އިރެވެ. އޭގެ ސަބަބުން މަސައްކަތްތެރިންގެ ހުނަރު އިތުރުކަމަށް އެޤައުމުން ދެކެއެވެ. އެމެރިކާގައި 1005 މީހުން ބޭނުން ކޮށްގެން ހެދި ސާރވޭއަކުން އެނގުނު ގޮތުގައި އެޤައުމުގެ މަސައްކަތްތެރިންގެ މަސައްކަތު ގަޑީގެ ތެރެއިން ބޮޑުބައެއް ހޭދަ ކުރަނީ ހުސްވަގުތު ނެގުމުގައި އާއި، ފާހާނާ އަށް ދިޔުމުގައި އާއި މީހުންގެ ވާހަކަ ދެއްކުމުގައެވެ.
އާއްމު ދިރިއުޅުމަށް ބަލާއިރު 2015 ވަނަ އަހަރު ހެދުނު ދިރާސާ އަކުން އެނގުނު ގޮތުގައި ގިނަ ޒުވާނުން ހަފްތާއަކު މަދުވެގެން 3.5 ގަޑި އިރު ފޯނާއި ކުޅުމުގައި ހޭދަ ކުރެއެވެ. އެގޮތުން %80 މީހުން ވަގުތު ހޭދަ ކުރަނީ އެންމެ ފަހުގެ އެޕްލިކޭޝަންތަކުގައެވެ. ޗުއްޓީއަށް ބަލާއިރު އެވްރެޖްކޮށް ގިނަ މުވައްޒަފުންނަށް އަހަރަކު ލިބިފައިވަނީ 25 ދުވަހުގެ ޗުއްޓީއެވެ. އެގޮތުން އެޗުއްޓީގެ %20 ހޭދަކުރެވިފައި އޮންނަނީ ބޭކާރު ގޮތުގައެވެ. މުޅި ދުނިޔެއަށް އަމާޒުކޮށްގެން 2015 ގައި ހެދުނު ދިރާސާއިން އެނގުނު ގޮތުގައި ޑިސެމްބަރ މަހަކީ އާދަޔާ ހިލާފަށް ގިނަ މީހުން ޗުއްޓީ ނަގާ ދުވަސްވަރެކެވެ. ދެން އެންމެ ގިނައިން މީހުން ޗުއްޓީ ނަގަނީ ނޮވެމްބަރާއި މެއި މަހުގައެވެ. ޖޫން މަހާއި އެޕްރީލް އަދި އޮކްޓޯބަރ މަހަކީ އެންމެ މަދުން މީހުން ޗުއްޓީއަށްދާ ދުވަސްވަރެވެ.