ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޭނުމަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަ އާއި ގުޅިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ އިތުރު މުވައްޒަފުންތަކަކަށް ފިޔަވަޅު އަޅައިފި އެވެ.
ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން އެފްއެސްއެމްގެ ފަސް މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާކަމެށެވެ، ނަމަވެސް އެއްވެސް މުވައްޒަފަކު އަދި ވަޒީފާ އިން ވަކިކޮށްފައެއް ނުވެ އެވެ. އިތުރަށް ގަސަމް ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް ސުވާލު ކުރުމުން އިއުތިރާފު ވެފައި ނުވާ ކަމަށާއި ނަމަވެސް ބެލިބެލުމުން ހެކި ލިބިފައިވާ ކަމަށެވެ. އަދި އެ ހެކިތައް ފުލުހުންނާ ހިއްސާކޮށްފައިވާނެކަމަށްވެސް ގަސަމް ވަނީ ވިދާޅުވެފައެވެ.
މި ހިޔާނާތާ ގުޅޭ ތަހުގީގު ފުލުހުންވެސް ކުރިއަށް ގެންދާކަން ފާހަނގަކޮށް ގަސަމްވަނީ އެކަމާ ގުޅިގެން ކުންފުނީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް ބެލިބެލުމުން އެފްއެސްއެމްގެ ސީނިއާ މެނޭޖުމެންޓުގެ އެއްވެސް ބައިވެރިވުމެއް އެ ކަމުގައި ހިމެނޭކަން ފާހަގަވެފައި ނުވާކަމަށްވެސް ގަސަމްވަނީ ވިދާޅުވެފައެވެ.
ތެލުގެ ވައްކަމުގައި އެފްއެސްއެމް މުވައްޒަފުންވެސް ބައިވެރިވާކަމުގެ ތުހުމަތުތަކެއް
ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި އެމްޕީއެލްގެ ތެރެއިން ތެލުގެ ވިޔަފާރީގެ ހިޔާނާތެއް ހިންގާފައިވާ މައްސަލަ ފެންމަތިވުމާއެކު، އެ ކުންފުނިންވެސް އަންނަނީ މިކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.