English Edition
Dhivehi Edition
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ. --ފޮޓޯ: ލަލީގާ.ކޮމް

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެލެންސިއާއާ 2-2 އިން ބާސެލޯނާ އެއްވަރުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ލަނޑާއެކު، މީގެކުރީން އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑާ ހަމަކޮށްފިއެވެ.

އުމުރުން 15 އަހަރުގައި ބްރެޒިލްގެ ސަންތޯސް އަށް ކުޅެން ފެށި ޕެލޭ ވަނީ 1956 އިން 1974 އާ ދެމެދު އެ ޓީމަށް ކުޅެދިން 656 މެޗުގައި 643 ލަނޑުޖަހާފައެވެ. މި ރެކޯޑާ މެސީ އަރާ ހަމަކުރީ 748 މެޗުންނެވެ. ޕެލޭގެ ރެކޯޑް މުގުރާލަން މެސީ ބޭނުންވަނީ އެންމެ ގޯލެކެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ ވަނީ 13 މެޗުން ހޯދީ 21 ޕޮއިންޓާއެކު ލީގުގެ ފަސްވަނަ އަށް ޖެހިލާފައެވެ. ތާވަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް އެއް މެޗު މަދުން ކުޅެގެން 29 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް 15 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. އެއަށްވުރެ ދެ މެޗު މަދުން ކުޅެގެން ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ހަތަރުވަނައިގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.

ބާސެލޯނާގެ ކޭމްޕް ނޯގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެލެންސިއާ އިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުގެ ކާލޮސް ސޮލެއާ ނަގައިދިން ހުރަހަކުން ލަނޑުޖަހައިދިނީ މުކްޓާރް ޑިއަހާބީ އެވެ.

އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ މެސީ އެވެ. މިއީ އެ ޓީމުގެ އެންޓޮއިން ގްރީޒްމަން އަށް ވެލެންސިއާގެ ހޯސޭ ގަޔާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެއް މެސީ ފޮނުވާލުމުން ކީޕަރު ޑޮމެނެކް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ލިބުމުން ޖޯޑީ އަލްބާ ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލައިގެން މެސީ ކާމިޔާބުކުރި ގޯލެކެވެ.

އެލްޗޭއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ.ކޮމް

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި ބާސެލޯނާ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ އުރުގުއޭގެ ޒުވާން ޑިފެންޑަރު ރޮނާލްޑް އަރައުހޯ އެވެ. މިއީ އެ ޓީމުގެ ފްރާންސް ފޯވާޑް ގްރީޒްމަން ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ޕެނަލްޓީއޭރިޔާތެރެއިން އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން އަރައުހޯ ކާމިޔާބުކުރި ރީތި ގޯލެކެވެ.

އޭގެ ތިން މިނެޓުފަހުން، ބާސެލޯނާގެ ލީޑް ފުޅާކުރުމަށް މާޓިން ބްރެއިތުވެއިޓަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު ޑޮމެނެކް ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ. ވެލެންސިއާ އިން އެއްވަރުކުރި ލަނޑު، މެޗުގެ 69 ވަނަ މިނެޓުގައި ޖަހައިދިނީ މެކްސިމިލިއާނޯ ގޯމޭޒް އެވެ.

ލީގުގައި ރޭ އެތުލެޓިކޯ ވަނީ އަމިއްލަ ދަނޑުގައި އެލްޗޭ އަތުން 3-1 އިން މޮޅުވެފައެވެ. މި މެޗުގައި އެ ޓީމަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ދެ ގޯލް ޖެހިއިރު، އަނެއް ލަނޑުޖަހައިދިނީ ޑިއޭގޯ ކޮސްޓާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަށުން ބޭރުގައި އޮސަސޫނާ އަތުން 3-1 އިން ވިޔަރެއާލް މޮޅުވިއިރު ލެވާންޓޭ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ސޮސިއެޑާޑް ބަލިކޮށްފައެވެ. ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ސެވިއްޔާ ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.