އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރަށުން ބޭރުގައި 7-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން ތާވަލްގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.
މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި ލިވަޕޫލުން ރަށުން ބޭރުގައި މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗެވެ.
މި ނަތީޖާއާއެކު ލިވަޕޫލުން ލީގުގެ އެއްވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ލީގުގެ ތިންވަނައިގައި އޮތް ސައުތެމްޓަންގެ އިތުރުން ހަތަރުވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.
ޕެލަސްގެ ސެލްހާސްޓް ޕާކްގައި މިއަދު ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ލިވަޕޫލުން ލީޑްނެގީ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ އެވެ. އޭގެފަހުން، މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ ސަޑިއޯ މާނޭ ވައްދާލި ގޯލާއެކު ދެލަނޑުގެ ލީޑެއްނަގާފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.
ލިވަޕޫލުން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި ފިރްމީނޯ ވަނީ އިތުރު ލަނޑެއްޖަހައި، ލިވަޕޫލްގެ ލީޑް ފުޅާކޮށްފައެވެ. އަދި ފަހު ހާފުގައި ކުޅެން ނިކުތް މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ވަނީ މެޗުގެ 81 އާއި 84 ވަނަ މިނެޓުގައި ވައްދާލި ދެލަނޑާއެކު އެ ޓީމަށް ފުރިހަމަ މޮޅެއް ހޯދައިދީފައެވެ.