ބިޒްނަސް ވީޒާ އަދި ސެޕްޝަލް ވީޒާ ގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވާރކް ވީޒާއަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިމިގްރޭޝަނުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން، ޤައުމުތަކުގެ ބޯޑަރ ބައިނަލް އަޤްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކުގެ ތެރެއިން، ބައެއް ފަރާތްތަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ވާރކް ވީޒާ ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެގޮތުން ވާރކްވީޒާއަށް އެދި ހުށަހަޅާ ފަރާތަކީ މުއްދަތު ހަމަނުވާ ވީޒާއެއްގައި ރާއްޖޭގައި އުޅެމުންގެންދާ ފަރާތެއް ކަމުގައިވާންވާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އެގޮތުން ވާރކް ވީޒާ ދޫކުރުމަށް ހަމަޖެހިފައި ވަނީ 1 ޑިސެންބަރ 2020 ގެ ކުރިން، ބިޒްނަސް ވީޒާ ގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށާއި، ސްޕެޝަލް ވީޒާ ލިބިގެން ރާއްޖޭގައި އުޅެމުންގެންދާ ބިދޭސީންގެ ތެރެއިން، ރާއްޖޭގައި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތަކަށެވެ. މީގެތެރޭގައި ކްލަބް އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ފަރާތްތަށް ހިމެނޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން އެ ފަރާތްތަކުގެ ވީޒާ ބަދަލުކުރުމުގެ އެންމެހައިކަންކަން، 30 ޖޫން 2021 ގެ ކުރިން، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދެވުމަށްވެސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.