English Edition
Dhivehi Edition

2020 ވަނަ އަހަރުގެ ސްޕެނިޝް ސުޕަކަޕްގެ ގުރުއަތުލުން ބޭއްވިއިރު، ސެމީގެ ފުރަތަމަ މެޗުގައި ބާސެލޯނާއާ ދެކޮޅަށް ރެއާލް ސޮސިއެޑާޑް ނިކުންނައިރު ދެވަނަ މެޗުގައި ރެއާލް މެޑްރިޑް ނިކުންނާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.

މި ފަހަރުގެ ސުޕަކަޕްގައި އެންމެ ފަހުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ރެއާލަށް ފުރުޞަތު ދީފައިވާއިރު، ލީގުގެ ދެވަނަ އަށް ދިއުމުން ބާސެލޯނާ އަށް ވެސް ވަނީ ދައުވަތުދީފައެވެ. އަދި ނިމިދިޔަ ސީޒަނުގެ ކޮޕާ ޑެލް ރޭގެ ފައިނަލަށް ދަތުރުކުރި ސޮސިއެޑާޑްގެ އިތުރުން ބިލްބާއޯ ވެސް ވަނީ މި މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައެވެ.

މި އަހަރުގެ ސުޕަކަޕްގެ ސެމީގެ މެޗުތައް އަންނަ ޖަނަވަރީ މަހުގެ 13 އާއި 14 ގައި ކުޅުމަށް ތާވަލްކުރެވިފައިވާއިރު، މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 17 ގައެވެ. މީގެއިތުރުން، މި އަހަރުގެ ސުޕަކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތަފާތު ތިން ސްޓޭޑިއަމެއްގައެވެ.

ކުރީން މިދިޔަ އޭޕްރީލް މަހަށް ތާވަލްކުރެވިފައި އޮތް ކޮޕާ ޑެލް ރޭގެ ފައިނަލް މެޗު ކޮވިޑް-19ގެ ސަބަބުން ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށް ފަސްކުރެވިފައެވެ.

މިފަހަރުގެ ސުޕަކަޕްގެ އަންހެން ޑިވިޝަނުގެ ސެމީގެ ފުރަތަމަ މެޗުގައި ލެވާންޓޭއާ ދެކޮޅަށް ލޮގްރާނޯ ކުޅޭއިރު ދެވަނަ މެޗުގައި އެތުލެޓިކޯ މެޑްރިޑް ނިކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.