English Edition
Dhivehi Edition
ޓޮޓެންހަމް ހޮޓްސްޕާ ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ މުހައްމަދު ސަލާހު އާއި ރޮބާޓޯ ފިރްމީނޯ (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ވައްދާލި ލަނޑާއެކު 2-1 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް ލިވަޕޫލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މިއީ ލިވަޕޫލުން ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ ފުރިހަމަކުރި 66 ވަނަ މެޗެވެ.

ރޭގެ މޮޅާއެކު ލިވަޕޫލަށް 13 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޓޮޓެންހަމް އެވެ. ތިންވަނައިގައި އޮތް ސައުތެމްޓަނާއި ހަތަރުވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ވެސް ލިބިފައިވަނީ 24 ޕޮއިންޓެވެ.

އެންފީލްޑްގައި ރޭ ކުޅުނު މެޗު ފެށިގެން މޮޅަށް ކުޅެމުންދިޔަ ލިވަޕޫލުން ލީޑްނެގީ މެޗުގެ 26 ވަނަ މިނެޓުގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ކާމިޔާބުކުރި ގޯލުންނެވެ. މި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ގޮހެވެ. އޭގެ ހަތް މިނެޓުފަހުން، ޓޮޓެންހަމް އިން އެއްވަރުކުރީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން ޖެހި ގޯލުންނެވެ. މިއީ އެ ޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ ދިން ބޯޅައަކުން ސޮން ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ.

ސައުތެމްޓަނާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ދެވަނަ ހާފު ފަށައިގެން ޓޮޓެންހަމް އިން ކުޅުން ރަނގަޅުކޮށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރިއެވެ. އޭގެތެރެއިން ދެ ފުރުސަތެއް ސްޓީވެން ބާގްވެއިން އަތުން ބޭކާރުވެގެންދިޔައިރު، އޭނާ ފޮނުވާލި އެއް ހަމަލާ ބޭރުވީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. އަދި ހެރީ ކޭން އަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، މެޗުގެ އެންމެ ފަހު މިނެޓުގައި ފިރްމީނޯ ކާމިޔާބުކުރީ އެ ޓީމުގެ ފުލްބެކް އެންޑީ ރޮބަޓްސަން ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ގޯލްގެ މަތީކަނަށް އަމާޒުކޮށްލައިގެންނެވެ. އޭގެކުރީން، ލިވަޕޫލްގެ ސެނެގޯލް ފޯވާޑް ސަޑިއޯ މާނޭ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މިވަގުތު އުނދަގޫ ފައްތަރެއްގައި އޮތް އާސެނަލުން ވަނީ 10 ކުޅުންތެރިންނާއެކު ކުޅެ އަމިއްލަ ދަނޑުގައި ސައުތެމްޓަނާ 1-1 އިން އެއްވަރުކޮށްފައެވެ. ރޭގެ މެޗުގައި އާސެނަލަށް ކުރީން ކުޅުނު ތިއޯ ވޮލްކޮޓްގެ ގޯލުން ސައުތެމްޓަން ލީޑްނަގާފައިވަނިކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އެވެ. އާސެނަލުން އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ ގެބްރިއެލް މާގަޅައެސް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ.

ލެސްޓާގެ ދަނޑުގައި އެވަޓަން އަތުން 2-0 އިން އެ ޓީމު ބަލިވިއިރު، ލީޑްސް ޔުނައިޓެޑުން ވަނީ 5-2ގެ ތަފާތަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ. ވެސްޓް ހޭމް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވިއިރު، ފުލަމްއާ ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.