English Edition
Dhivehi Edition

މިއަހަރު ރާއްޖެއައި 5 ލައްކަ ވަނަ ފަތުރުވެރިޔާއަށް މިއަދު ހެނދުނު ހުޅުލޭ ވައިގެ ބަނދަރުން ހޫނު މަރްޙަބާއެއް ކިޔައިފި އެވެ.މި ފަތުރުވެރިޔާ އަށް މަރްޙަބާ ކިއުމަށް އެމްއެމްޕީއާރުސީން ވަނީ ސަގާފީ ގިނަ ޙަރަކާތްތަކެއް ހިންގާފައެވެ. އެމިރޭޓްސްގެ ފްލައިޓުން ރާއްޖެ އައި 5 ލައްކަ ވަނަ ފަތުރުވެރިއާއަކީ ޖަރުމަނުވިލާތުގެ ރައްޔިތެކެވެ.

ސަރުކާރުން ކުރިން ލަފާކުރި ގޮތުގައި ފަސް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތް ކުރާނީ މިމަހުގެ 25 ވަނަ ދުވަހު ކަމުގައިވިޔަސް އާއަހަރުގެ ބަންދާއި ފިނިމޫސުމާއި ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިއުމާއެކު އެދުވަސް މިމަހުގެ 19 އަށް ވަނީ ބަދަލު ކޮށްފައެވެ. އެހެންނަމަވެސް މިއަދު އެމީހާ އައުމުން ކަނޑައެޅި މުއްދަތަށް ވުރެވެސް ކުރިން ސަރުކާރުގެ ލަނޑުދަނޑި ޙާސިލުވުމުން މީގެން ސާބިތުވެގެންދަނީ ރާއްޖެއަށް ފަތުރުވެރިން ޝައުޤުވެރިވެފައިވާ މިންވަރުގެ ބޮޑުކަމެވެ.

މިއަހަރުގެ މާޗްމަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 12 ގައި އަލުން ހުޅުވިފަހުން މިއަދާއި ހަމައަށް ދުނިޔޭގެ އެތަން މިތަނުން ފަތުރުވެރިން އަންނަނީ ޒިޔާރަތް ކުރަމުންނެވެ. މިއަހަރު ރާއްޖެއައި 1 ލައްކަ ވަނަ ފަތުރުވެރިޔާ އަށް މިމަހުގެ 12 ވަނަ ދުވަހު މަރްޙަބާ ކިޔާފައިވާއިރު އޭގެ 4 ދުވަސް ފަހުން އެއަދަދު 5 ލައްކަ އަށް މިވަނީ އަރާފައެވެ. ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މިއަހަރުގެ ނިޔަލަށް 525000 މީހުން ރާއްޖެއަންނާނެ ކަމަށެވެ. މިއީ ދުނިޔެއަށް ކޮވިޑްގެ ވަބާ އައުމުގެ ކުރިން ސަރުކާރުން އަމާޒުހިފި ޢަދަދާއި އަޅާ ބަލާއިރު 1.5 މިލިއަންގެ ދަށް އަދަދެކެވެ. އެމިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށްފައިވާ އަދަދަކީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.