ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ޖެހި ދެލަނޑާއެކު އެތުލެޓިކް ބިލްބާއޯ އަތުން 3-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ތާވަލްގެ ކުރީގައި އުޅޭ ޓީމުތަކާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފިއެވެ.
ރޭގެ ނަތީޖާއާއެކު ލީގުގެ އެންމެ ކުރީގައި އުޅޭ ތިން ޓީމު ކަމަށްވާ ރެއާލް ސޮސިއެޑާޑްގެ އިތުރުން އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑަށް ވެސް ލިބިފައިވަނީ 26 ޕޮއިންޓެވެ. އެތުލެޓިކޯ އިން މި އަދަދަށް ޕޮއިންޓް ހަމަކުރީ 11 މެޗުންނެވެ. ރެއާލާއި ސޮސިއެޑާޑް ވެސް ވަނީ 13 މެޗު ކުޅެފައެވެ. ހަތަރުވަނައިގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ 22 ޕޮއިންޓެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބިލްބާއޯ އަށް މައްސަލަތައް ކުރިމަތިވީ 13 ވަނަ މިނެޓުގައި އެ ޓީމުގެ ރައުލް ގާސިއާ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރެއާލުން ވަނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލަނޑެއްޖަހައި ލީޑްނަގާފައެވެ. ބްރެޒިލްގެ ޒުވާން ވިންގާ ވިނީޝަސް ޖޫނިއާ ދިން ބޯޅައަކުން މިލަނޑު އެ ޓީމަށް ޖަހައިދިނީ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި އެންޑާ ކާޕާ ކާމިޔާބުކުރި ގޯލުން ބިލްބާއޯ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ކާޕާ ފުރަތަމަ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ އޭނާ އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް ރެއާލަށް އަލުން ލީޑްނަގައިދިނީ ބެންޒެމާ އެވެ. މިއީ އެ ޓީމުގެ ސްޕެއިން ފުލްބެކް ޑެނީ ކަރްވަހާލް ތަނަވަސްކުރި ފުރުޞަތަކުން ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލަށްފަހު ބިލްބާއޯ އަށް ނަތީޖާ އެއްވަރުކުރަން ލިބުނު ފުރުޞަތުގައި މިކޭލް ވެސްގާ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ކޯޓުއާ މަތަކުރިއެވެ. ރެއާލުން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު، މެޗުގެ އިތުރުވަގުތުގައި ބެންޒެމާ ޖެހީ ލުކާ މޮޑްރިޗް ދިން ބޯޅައަކުންނެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބާސެލޯނާގެ ދަނޑުގައި އެ ޓީމު ނިކުންނާނީ ލީގުގެ އެންމެ ކުރީގައި އުޅޭ ސޮސިއެޑާޑްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 1:00 ގައެވެ.