ހަތިޔާރާއެކު އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މި ހިނގާ ޑިސެންބަރު މަހުގެ ފަހުކޮޅު ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ޑިސެންބަރު 27 ވަނަ ދުވަހުގެ 18:30 އިން 22:30 އަށް އަދި ޑިސެންބަރު 28 އިން 30 އަށް 18:30 އިން 21:00 އަށް އަދި ޑިސެންބަރު 31 ވަނަ ދުވަހުގެ 18:30 އިން 20:30 އަށް އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނުގައި ކުރިއަށްގެންދާ މި ތަމްރީންތަކުގައި ބޭނުންކުރާ އޭކޭ ސީރީސްގެ ރައިފަލްތައް ކަމުގައިވެސް އެ އޮތޯރިޓީން ހާމަކުރެއެވެ.
މީގެ އިތުރުން ޑިސެންބަރު 27 އިން 30 އަށް ކުރިއަށްގެންދާ ތަމްރީނުތަކުގައި ވައިގެ ސަރަޙައްދުން 4،100 ދުރުމިން އަދި 100 މީޓަރުގެ އުސްމިން ބޭނުންކުރާނެ ކަމަށާއި، ޑިސެންބަރު 31 ވަނަ ދުވަހު ބޭނުންކުރާނީ ވައިގެ ސަރަޙައްދުން 3،000 މީޓަރުގެ ދުރުމިން އަދި 300 މީޓަރުގެ އުސްމިން ކަމުގައިވެސް ހާމަކޮށްފައި ވެއެވެ.
އެހެންކަމުން އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އަންގައިފައެވެ.