ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު، ޤާސިމް އިބްރާހިމް ތާޢީދު ކުރައްވައިފިއެވެ.
ޤާސިމް މިއަދު ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19ގައި މަރުވާ މީހުންނަކީ ކޮންމެ ދީނެއްގެ ބަޔަކު ކަމުގައިވިޔަސް، ދީނުގައިވާ ގޮތަށް ޖަނާޒާގެ ކަންތައް ކުރުމުގެ ޙައްޤު ދިނުމަކީ ބައިނަލްއަޤުވާމީ ގޮތުން ބެލިޔަސް، ދީންތަކުގެ ހަމައިން ބެލިޔަސް އިންސާނީ ބުއްދީގެ ހަމައަށް ބެލިޔަސް، އެބައި މީހުންނަށް ލިބުން ލާޒިމް ޙައްޤެއް ކަމަށެވެ.
Covid 19 gai maruvaa meehun nakee konme dheenehge meehaku kamah viyas dheenugaivaa gothah janaazaa ge kanthah kurumuge hahqu dhinumakee Bainal aquvaamee gothun beliyas dheen thaku ge hamain beliyas insaanee buhdhee ge hama in beliyas e ee e bai meehunah liben laazim Hahqeh .
— Qasim Ibrahim (@qasimibrahim) December 15, 2020
މީގެ އިތުރުން ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ދީނުގައިވާ ގޮތަށް ކުރުމަށް ފުރުސަތު ނުލިބިގެން އެ ހަށިތައް އަންދާނަމަ، ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރިކަމާއެކު ދީނުގައިވާ ގޮތަށް ކޮށްދެއްވުމަކީ އެދެވިގެންވާ ކަމެއް ކަމުގައިވެސް ޤާސިމް ވިދާޅުވިއެވެ.
Lankaa gai Covid 19 jehigen maruvaa islaamun ge janaazaage kanthah dheenugaivaa gothah kurumah furusathu nulibigen e hashithah andhaanama Raajje in ekamah kohdhehven oiy kameh rahkaa theri kamaa eku dheenugaivaa gothah koh dheh vumakee edhevigen vaakameh .
— Qasim Ibrahim (@qasimibrahim) December 15, 2020
ޤާސިމް މިހެން ވިދާޅުވިއިރު، ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.
އަދި އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމުގައިވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.