English Edition
Dhivehi Edition
ބިދޭސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓްރެފިކް އެވެއަރނަސް ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: ޕޮލިސް

މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީ ޑްރައިވަރުންނަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ގޮތުން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ޕްރޮގްރާމެއް ފަށައިފިއެވެ.

އެ ޕްރޮގްރާމަކީ ދިވެހި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. އެގޮތުން މި ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ތާޖުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ސެޝަނުގައި މައުލޫމާތު ދީފައިވަނީ ހެޕީ މާކެޓުގައި މަސައްކަތްކުރާ ޑްރައިވަރުންނަށް ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފައިވެއެވެ.

އެ ސެޝަނުގައި، މަގު ބޭނުންކުރަންޖެހޭ ހަމަތަކާއި،ގާނޫނާ އެއްގޮތަށް މުދާ އުފުލާނެ ގޮތާއި، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނުގައި ކަނޑައެޅިފައިވާ އަދަބުތަކުގެ އިތުރުން ޑްރައިވަރުންގެ ފަރާތުން ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލު ކުރުމަށް ކުރެވޭނެ ކަންކަން ބުނެދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ޕްރޮގްރާމުގައި، ހެޕީމާކެޓުގައި މަސައްކަތްކުރާ 63 ޑްރައިވަރުން ބައިވެރިވެފައިވާއިރު، އެ ޕްރޮގްރާމުގެ އިތުރު ސެޝަންތައް އިތުރު ކުންފުނިތަކުގެ ބިދޭސީ ޑްރައިވަރުންނަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ފުލުހުން ބުންޏެވެ.