English Edition
Dhivehi Edition
އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މާލޭގައި ޓޭންކް ފައުންޑޭޝަން، ޕަމްޕް ބިލްޑިންގ އަދި ބައުންޑްރީ ވޯލް ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން މާލޭގައި 13،000 ކިއުބިކް މީޓަރު ޓޭންކްގެ(އަދަދު 2) ފައުންޑޭޝަން، ޕަމްޕް ބިލްޑިންގ އަދި ބައުންޑްރީ ވޯލް ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވާ ކަމަށާއި، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ދަށުން ނެޝަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަނ (GC02) ގްރޭޑް 04 ގެ ގިންތި އަށް ޝަރުތުހަމަވުން ހިމެނެއެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ފައިސާދެއްކުމަށް ބެންކު ޓްރާންސްފަރ ފޯރމް ފުރިހަމަ ކުރެއްވުމަށް މި ލިންކް ބޭނުންކުރެއްވޭނެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 14 ޑިސެމްބަރ 2020 އިން 17 ޑިސެމްބަރ 2020 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 20 ޑިސެމްބަރ 2020 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ މަސައްކަތުގެ ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރ 2020 ވާ ދުވަހު 11:30 ގައި ކަމަށާއި، ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 24 ޑިސެމްބަރ 2020 ވާ ދުވަހު 11:30 ކަމަށެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/50،000 ރުފިޔާ ހުށައަޅުއްވަންވާނެ ކަމަށާއި، ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ މަސައްކަތުގެ ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ % 10 ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ހުށައަޅަންވާނެ ކަމަށެވެ.