English Edition
Dhivehi Edition

ކޮވިޑް19 ބަލީގައި ލަންކާގައި މަރުވާ މުސްލިމުން ވަޅުލުމަށް ރާއްޖެ ގެންނަން ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް, މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން އެމަނިކްފާނުގެ ޓުވިޓާ މެދުވެރިކޮށް ވިދާޅުވީ އެއްވެސް ދީނަކަށް ނަސްލަކަށް ނުބަލައި، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވާ ކަމަށާއި އެހެން ނަމަވެސް ކޮވިޑް ބަލީގައި މަރުވާ ބޭރު ފަރާތްތައް ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވެފައި މިވަނީ ލަންކާގެ މުސްލިމުން ގެ ޖަނާޒާގެ ކަންކަން ރާއްޖޭގައި ހަމަ ޖެއްސުމާމެދު މަޝްވަރާކުރައްވަމުންދާކަމަށް އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވަނިކޮށެވެ. ލަންކާއާއި ރާއްޖޭގައި ވެސް މިކަމާ ގުޅިގެން ހޫނު ބަޙުސެއް ކުރަން ފަށާފައިވާއިރު އެއްބަޔަކު ބުނަމުން އަންނަނީ ދީނީ ނަޒަރަކުން ބަލާއިރު މިއީ މުސްލިމު އަޅުތަކުންގެ ޙައްޤުގައި މިވަގުތަށް ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށެވެ. ދީނީ ޢިލްމުވެރިޔާ ޑރ މުޙައްމަދު ޢިޔާޒް ވިދާޅުވީ މުސްލިމުންނަކީ ހުރިހާ ޙާލަތެއްގައިވެސް އިޙްތިރާމް ލިބިގެންވާ ބައެއް ކަމަށާއި ކިތައްމެ ބޮޑު ބައްޔެއް ޖެހިގެން ދުނިޔެއާއި ވަކިވާން ޖެހުނު ނަމަވެސް އަންދާލުން އެއީ އިސްލާމް ދީން ހުއްދަ ކުރާ ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން އެ އަނިޔާވެރިކަމުން މުސްލިމުން ޙިމާޔަތް ކުރުމަށް އެހީވުމުގެ މުހިއްމު ކަމަށް ޝެއިޚް ވަނީ އަލިއަޅުއްވާ ލައްވާފައެވެ.

ބައެއް ދީނީ ޢިލްމުވެރިންވެސް މިމައްސަލައާއި މެދު ޚިޔާލު ތަފާތުވެފައިވާއިރު މިކަމާގުޅޭ ގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ވިދާޅުވެފައި ވަނީ ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން އެ ގައުމުގައި ވަޅުލުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން ދޭން ޖެހޭނެ ކަމަށާއި އެއީ އިންސާނީ އަދި ދީނީ ހައްގެއް ކަމަށެވެ

“އެ ގައުމުގެ ސަރުކާރުން އެ ފުރުސަތު މުސްލިމުންނަށް ނުދީ މުސްލިމުންގެ ހަށިތައް އާއިލާތަކުގެ ނުރުހުމުގައި އެ މީހުންގެ އަމިއްލަ ގައުމުން ބޭރުކުރުމުގެ ތެރެއަށް އެހެން ގައުމަކުން ތަދައްޚުލްވުމަކީ ހައްލެއް ނޫން. ހައްލަކީ އެ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތުކުރުން،” ސޯޝަލް މީޑިއާގައި ޝަހީމް ހާމަކުރައްވާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންހަލަ ސަމަރަވީރާ ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ ލަންކާއަށް ބޮޑު ލަދެއް ކަމަށާއި ލަންކާގެ ކޮންމެ ރައްޔިތަކަށް ވެސް، އެމީހެއްގެ ދީނުގައި އޮތް ގޮތަކަށް އެ މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދިއުމުގެ ހައްގު ލަންކާގެ ބިމުގައި އޮންނަންވާނެ ކަމަށެވެ.

ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި ލަންކާ އިން ނިންމާފައިވަނީ އަންދާލުމަށެވެ. ބުޑިސްޓުންގެ ބޮޑު އާބާދީއެއް އޮންނަ ލަންކާގައި މުސްލިމުންނާއި ކްރިސްޓިއަނުން ނާވެސް އެކު ކޮވިޑްގައި މަރުވާ ކޮންމެ މީހަކު ދަނީ އަންދާލަމުންނެވެ. ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ލަންކާގައި ރާއްޖޭގެ 30000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނައިރު ލަންކާގައި މަރުވާ ކޮންމެ ރައްޔިތަކު އަންދާލާތީ މިކަންވެފައިވަނީ މުސްލިމުންނަށް ބޮޑު ގޮންޖެހުމަކަށެވެ.