English Edition
Dhivehi Edition
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުމުގެ ތެރެއިން. --ފޮޓޯ: ޔުއެފާ.ކޮމް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން ބޭއްވިއިރު، އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ސްޕެއިނުގެ ބާސެލޯނާ ބައްދަލުކުރާން ޖެހިއްޖެއެވެ.

މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި ކުޅެވިގެންދާނެ އެންމެ ފާހަގަކޮށްލެވޭ މެޗަކަށް ބާސެލޯނާއާ ޕީއެސްޖީ ބައްދަލުކުރާ މެޗު ވުމުގެ ސަބަބުތަކުގެ ތެރޭގައި އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރިއިރު ބާސެލޯނާގެ ޖާޒީގައި ކުޅެމުންއައި ބްރެޒިލްގެ ތަރި ނޭމާ މިހާރު ޕީއެސްޖީ އަށް ބަދަލުވެ އެ ޓީމާއެކު މި މުބާރާތް ކާމިޔާބުކުރުމަށް އަމާޒުހިފާފައިވުމުން އޭނާގެ އެކުވެރި ލިއޮނަލް މެސީގެ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަކީ ހުރިހާ ގޮތަކުން ވެސް ގިނަ ބައެއްގެ ލޯތައް އަމާޒުވެގެންދާނެ މެޗެވެ.

މީގެކުރީން، ބާސެލޯނާއާ ޕީއެސްޖީ ވަނީ 2014/15 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ހަތަރު ފަހަރު ބައްދަލުކޮށްފައެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު ޕީއެސްޖީގެ ދަނޑުގައި 3-2 އިން އެ ޓީމު މޮޅުވިއިރު، އެ ފަހަރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި 3-1 އިން މޮޅުވެ އެ ގްރޫޕުގެ އެއްވަނަ މަގާމު ހޯދާފައެވެ. އޭގެފަހުން، އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ދެ ޓީމު ވާދަކޮށް ޕީއެސްޖީގެ ދަނޑުގައި 3-1 އިން ބާސެލޯނާ މޮޅުވިއިރު، އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކުރީ 2-0 އިންނެވެ.

އަދި އޭގެފަހުން، 2016/17 ވަނަ އަހަރުގެ ސީޒަނުގެ ދެވަނަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގައި ރަށުން ބޭރުގައި 4-0ގެ ތަފާތަކުން ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އެ މުބާރާތުގެ އަނެއް ބުރަށް އެ ޓީމު ދަތުރުކުރީ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން 6-1 އިން މޮޅުވެ، 6-5ގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗެއްގެ ތެރެއިން. –ފޮޓޯ: ޔުއެފާ.ކޮމް

ދެން އެންމެ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އިންގްލެންޑްގެ ޗެލްސީ ކުޅޭ މެޗު ހިމެނެއެވެ. މީގެކުރީން 2017/18 ވަނަ އަހަރުގެ ސީޒަނުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި ދެ މެޗުގެ ތެރެއިން އެތުލެޓިކޯގެ ދަނޑުގައި 2-1 އިން ޗެލްސީ މޮޅުވިއިރު، އިނގިރޭސިވިލާތުގެ ލަންޑަންގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މީގެއިތުރުން، މި ދެ ޓީމު މިހާތަނަށް ބައްދަލުކުރި ޖުމްލަ ހަތް މެޗުގެ ތެރެއިން ކޮންމެ ޓީމެއް ދެ ފަހަރު މޮޅުވެފައިވާއިރު، ތިން މެޗު ވަނީ އެއްވަރުވެފައެވެ.

ޗެމްޕިއަންސް ލީގުގެ ތާރީޚު ދުށް އެންމެ ކާމިޔާބު ޓީމު އަދި މި ފަހަރުގެ މުބާރާތުގައި އުނދަގޫ ފައްތަރެއްގައި އޮވެ ނޮކްއައުޓް ބުރުން ޖާގަ ކަށަވަރުކުރި ރެއާލް މެޑްރިޑް ކުޅެން ޖެހެނީ މި މުބާރާތުގެ ގަދަ 16ގެ ބުރަށް ދެވަނަ ފަހަރަށް ދަތުރުކުރި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށެވެ. ޔޫރަޕްގެ މިހާތަނަށް މި ދެ ޓީމު ބައްދަލުކޮށްފައިނުވީނަމަވެސް، އެޓަލާންޓާ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިނުގެ ވެލެންސިއާ އަތުން 8-4ގެ އެގްރިގޭޓުން ކުރި ހޯދާފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ގަދަ 16ގެ ބުރުގައި ކުޅެން ޖެހެނީ އިޓަލީގެ ލާޒިއޯއާ ދެކޮޅަށެވެ. މީގެކުރީން، ޔޫރަޕްގެ މުބާރާތެއްގައި ލާޒިއޯއާ ދެކޮޅަށް ބަޔާން ކުޅެފައިނުވާއިރު، ގަދަ 16 ގެ ބުރުގައި އެ ޓީމުގެ ރެކޯޑް ރަނގަޅެވެ. އެގޮތުން، ބަޔާން ކުޅުނު 16 ފަހަރުގެ ތެރެއިން 12 ފަހަރު އަނެއް ބުރަށް ދަތުރުކޮށްފައިވާއިރު، ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވަނީ އެންމެ ހަތަރު ފަހަރެވެ.

2018/19 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލް ނިކުންނާނީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޖަރުމަނުގެ އާރްބީ ލީޕްޒިގާ ދެކޮޅަށެވެ. މިއީ ޔޫރަޕްގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ލިވަޕޫލުން މި މުބާރާތުގެ ދެވަނަ ބުރުގައި ވިދިވިދިގެން ވާދަކުރާ ހަތަރުވަނަ ފަހަރެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތައް. –ފޮޓޯ: ޔުއެފާ.ކޮމް

މީގެކުރީން، ޔޫރަޕްގެ މުބާރާތެއްގައި ލިވަޕޫލާ ދެކޮޅަށް ލީޕްޒިގު ކުޅެފައިނުވީނަމަވެސް، މި ފަހަރުގެ މުބާރާތުގައި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑާ އެއް ގްރޫޕެއްގައި ހިމެނި ލީޕްޒިގުން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި އަމިއްލަ ދަނޑުގައި 3-2 އިން އެ ޓީމު ބަލިކޮށްގެންނެވެ. އޭގެކުރީން، ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުން ލީޕްޒިގު ބަލިވީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި ލީޕްޒިގުން ވަނީ އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކުރި ދެ މެޗުން 4-0ގެ އެގްރިގޭޓުން ކުރިހޯދާފައެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ކުޅޭ އެހެން މެޗުތަކަށް ބަލާއިރު، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާ ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބައްދަލުކުރާ މެޗާއި، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް ކުޅޭ މެޗުގެ އިތުރުން މިދިޔަ އަހަރުގެ ޔުރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާއާ ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑް ކުޅޭ މެޗު ހިމެނެއެވެ.

ސްވިޒަލޭންޑްގެ ނިޔޯންގައި ހުންނަ ޔުއެފާގެ މައި އިދާރާގައި އިއްޔެ ހަވީރު ގުރުއަތުލުން ނަގާފައިވާއިރު، ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީ 16-17 ވަނަ ދުވަހާއި 23-24 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ލެގުގެ ކުޅުން ކުރިއަށްދާނީ އަންނަ އަހަރުގެ މާރިޗް މަހު 9-10 ވަނަ ދުވަހާއި 16-17 ވަނަ ދުވަހުގައެވެ.

މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.