English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގައި ޤާއިމުކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި އެ ކުދިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައިފިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެ ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢަބްދުލްމަލިކް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހަވީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުން ވަނީ އެ ކުދިންނަށް ދިމާވާ ދަތިތަކުގެ މަޢުލޫމާތު ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ. އެ ގޮތުން، އެ ކުދިން ވަނީ ސްކޫލްގެ ފީ އެމެރިކާ ޑޮލަރުން ދައްކަން ޖެހުމުން ދިމާވާ ދަތިތަކާއި، ފްލައިންގ ސްކޫލުން އެ ކުދިންނާ މެދު ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައެވެ. އަދި، އެ މަނިކުފާނު ވަނީ ސަރުކާރުގެ ފަރާތުން ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބައްލަވައިދެއްވުމަށް ފިނޭންސް މިނިސްޓަރުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. މީގެ ތެރޭގައި އެ ދަރިވަރުންނަށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ފީ ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމަކީ ކޮބައިކަން ބެއްލެވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރ އަޙްމަދު އަމީރު ވަނީ، މި ކަމުގައި އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފްލައިންގ ސްކޫލްގެ ދަރިވަރުން ވަނީ އެ މީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވުމާ ގުޅިގެން، އެ މަނިކުފާނާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

 

1 ކޮމެންޓް
Ibrahim6684
ޑިސެމްބަރު 13, 2020
Ehen bayakah dheegen namaves thiyathanuge massala hallu kohdhevvun edhen