ސްޓާ ޕްލަސް އިން ގެނެސްދިން މަގްބޫލު ހިންދީ ޑްރާމާ “ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ” އިން އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދި ބަތަލާ ދިވްޔާ ބަޓްނާގަރްގެ ދިރިއުޅުމާއި ގުޅިފައިވާ މުހިއްމު ވާހަކަތަކެއް އޭނާގެ ގާތް އެކުވެރިޔާ އަދި މަޝްހޫރު ތަރި ދެވޮލީނާ ހާމަކޮށްފިއެވެ.
ކޮވިޑް19އަށް ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ މަރުވި ދިވްޔާގެ ވަކިވުމާއި ގުޅިގެން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ދެވޮލީނާ ވަނީ އޭނަގެ އެންމެ ގާތް އެކުވެރިޔާ ވަކިވެެދިޔުމުގެ ހިތާމާގައި އަސަރުގަދަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. މި ވީޑިއޯގައި ދެވޮލީނާ އާއި ދިވްޔާގެ ގާތްގުޅުމާއި ދިވްޔާގެ ރަނގަޅު ވާހަކަތައް ހިއްސާކުރުމަށްފަހު އޭނާ ވަނީ ދިވްޔާގެ ފިރިމީހާ ގަންގަން ގައްބަރު ދިވްޔާއަށް ދިން އަނިޔާތަކުގެ ވާހަކަވެސް ހިއްސާކޮށްފައެވެ.
އާއިލާގެ ނުރުހުމުގައި ދިވްޔާ، ގައްބަރު އާއި ކާވެނިކުރިއިރު، ދެވޮލީނާ ބުނީ އޭރުވެސް އޭނަ އާއި ދިވްޔާގެ އާއިލާ އެ ކައިވެންޏަށް ގަބޫލް ނުވީ ގައްބަރުގެ ހަގީގަތް އެގޭތީ ކަމަށެވެ. ދިވްޔާގެ ފިރިމީހާގެ އަނިޔާތަކުގެ ވާހަކައިން ފެށިގެން ދިވްޔާގެ ހިތާމަވެރި ދިރިއުޅުމުގެ ވާހަކަ ހިއްސާކުރަމުން ދެވޮލީނާ ބުނީ ގައްބަރު، ދިވްޔާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ގިނަ އަނިޔާތަކެއްކޮށްފައިވާކަމަށެވެ. އިތުރަށް ދެވޮލީނާ ބުނީ، ގައްބަރު، ދިވްޔާގެ ހުރިހާ ގަހަނާތަކެއްވެސް އަތުލާފައިވާ ކަމަށާއި އެ މައްސަލައިގައި ހަ މަސް ދުވަސް ވަންދެން ޖަލުގައިވެސް ގައްބަރު ހޭދަކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ގައްބަރު އެތައް ކުއްޖަކަށް ޖިންސީ އަނިޔާ ކޮށްފައިވާ ކަމަށާއި އަންހެން ކުދިންނަށް އޮޅުވާލައިގެން އެމީހުންގެ ދިރިއުޅުން ހަލާކުކުރާކަމުގެ ތުހުމަތުގެ އިތުރުން ދިވްޔާ މަރުވީވެސް އޭނައަށް ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގައްބަރު ދިން އަނިޔާތަކުގެ ސަބަބުންކަމަށް ދެވޮލީނާ ވަނީ ތުހުމަތުކޮށްފައެވެ. ދެވޮލީނާ ބުނީ ދުނިޔެއަށް ފެންނާނީ ދިވްޔާގެ މަރު ކޮވިޑް މަރެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް ހަގީގަތަކީ ދިވްޔާއަށް ނަފްސާނީ ގޮތުން ލިބުނު އަނިޔާ އާއި ހިތްދަތިކަމުގެ ސަބަބުން އޭނާ ސްޓްރެސްވެ ހަކުރުބައްޔަށްވެސް ފަރުވާ ހޯދަމުން ދިޔަކަމަށެވެ.